ރާއްޖެއާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމްކުރުމަށް މަޝްވަރާތައް ފެށުމަށް ހުށައަޅާފައިވާ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޒަމީރު މިހެން ވިދާޅުވީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ރޭ ފޮރިން މިނިސްޓްރީގައި އޮތް ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެެވެ.

ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ރާއްޖެއާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުން ގާއިމްކުރުމަށް މަޝްވަރާތައް ފެށުމަށް ވެސް ޑރ. ޖައިޝަންކަރަށް މިހާރު ހުށަހަޅުއްވާފައިވާ ކަމަށެވެ.

މި އެއްބަސްވުމާއި އަދި އިގްތިޞާދީ ދާއިރާގެ އެހެނިހެން އެއްބަސްވުންތަކުގެ ސަބަބުން ދެ ގައުމުގެ ދެމެދު އޮންނަ ވިޔަފާރި ފުޅާވާނެ ކަމަށް ޒަމީރު ވިދާޅުވިއެވެ.

ޒަމީރު ވިދާޅުވީ އަސްކަރީ ދާއިރާއިން ވެސް ތަމްރީނު ދިނުމާއި، އެހެނިހެން ގޮތްގޮތުން ވެސް އިތުރަށް ގުޅުން ވަރުގަދަ ކުރުމާ ގުޅޭ މަޝްވަރާކުރެވުނު ކަމަށެެވެ.

އިންޑިއާއަކީ އަބަދުވެސް ރާއްޖޭގެ އެންމެ ގާތް، އަދި ތަރައްގީގެ ވެސް މުހިންމު ބައިވެރިއެއް ކަމަށް ފާހަގަކުރައްވައި ޒަމީރު ވިދާޅުވީ މިއީ އިތުބާރާއި ގަދަރުކުރުމުގެ މައްޗަށް ބިނާވެފައި އޮތް އެކުވެރިކަމެއްކަމަށެވެެ. އަދި އަހަރުތައް ފާއިތުވަމުން އަންނަ މިންވަރަކަށް ގުޅުން ރަނގަޅުވަމުން އަންނަކަމަށް ޒަމީރު ވިދާޅުވިއެވެ.

ޒަމީރު ވިދާޅުވީ ދެ ގައުމުގެ ވެރިންގެ މެދުގައި ބޭއްވޭ މަތީ ފަންތީގެ މަޝްވަރާތަކުގެ ސަބަބުން ވެސް ދެ ގައުމުގެ ދެމެދުގައި އޮތް އެއްބާރުލުން އިތުރަށް ހަރުދަނާވެ ވަރުގަދަ ވަމުން އަންނަކަމަށެެވެ. އަބަދުވެސް ރާއްޖެއިން ދެމި އޮންނާނީ ގުޅުން ވަރުގަދަކުރުމުގައި ކަމަށް ޒަމީރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން