އިންޑިއާއަކީ ރާއްޖެއަށް އަގުނުކުރެވޭ ވަރުގެ އެކުވެރިއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ އިންޑިއާގެ އެގްޒިމް ބޭންކުން ދޫކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ރާއްޖޭގެ 28 ރަށެއްގައި ގާއިމްކޮށްފައިވާ ފެނާއި ނަރުދަމާ ނިޒާމްގެ މަސައްކަތްތައް ނިންމައި ދިވެހި ސަރުކާރާ ހަވާލުކުރުމަށްޓަކައި މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަަކަފުޅުގައެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، އިންޑިޔާގެ އެސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރުގެ ދަތުރުފުޅާއެކު އިންޑިއާއާއެކު އޮތް ޒަމާންވީ ރަހުމަތްތެރިކަމުގެ ގުޅުން އިތުރު ހަރުފަތަކަށް މައްޗަށް ގޮސް ދެ ގައުމުގެ ގުޅުން އިތުރުވެގެންދާނެ ކަމަށެވެ. އަދި އެ ގުޅުން ކުރިއަށް އޮތް ތަނުގައި ވެސް ހަރުދަނާކުރުމަށްޓަކައި މި ސަރުކާރުން އެއްބާރުލުން ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، އިންޑިއާއަކީ ރާއްޖެއަށް ބޭނުންޖެހޭ ހިނދެއްގައި އެހީތެރިވުމަށް އެންމެ ކުރީ ސަފުގައި އޮންނަ ގައުމެއް ކަމަށެވެ.

"އިންޑިޔާ އަކީ އެކި ދާއިރާތަކުން ރާއްޖެއަށް އެހީތެރިވުމުގައި އަގުނުކުރެވޭ އަވައްޓެރިއެއް،" ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އިންޑިއާގެ އެހީގައި ކުރިއަށް ގެންދިޔަ މަޝްރޫއުތަކަކީ ރާއްޖޭގެ ތަރައްގީ އާއި ރަށްރަށުގެ ކުރިއެރުމަށް އިންޑިއާއިން ވެދިން ވަރަށް މުހިއްމު އެހީއެއް ކަމަށެވެ. އަދި އެ މަޝްރޫއުތަކުން ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުވެ، އިގްތިސާދީ ގޮތުން ކުރިއެރުންތައް ލިބޭނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން