ދިވެހި ސަރުކާރުގެ ހާރިޖީ ސިޔާސަތާ ހިލާފު އެއްވެސް ކަމެއް ހިންގުމުގެ ޖާގަ ސަރުކާރުން ނުދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މާލެ ސިޓީ ކައުންސިލާ ބައްދަލު ކުރެއްވުމަށްފަހު ނުކުމެވަޑައިގެން ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އެމަނިކުފާނަށް ދިވެހި ރައްޔިތުން ވޯޓު ދިނީ މި ސަރުކާރުގެ ހާރިޖީ ސިޔާސަތު ބަލައިގެންފައި ކަމަށެވެ. އަދި ގައުމު ކުރިއަށް ގެންދާނީ އެ ހާރިޖީ ސިޔާސަތުގެ ދަށުން ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިގައުމަށް ބޭނުންވަނީ ތިން ކަމެއް ކަމަށެވެ. އެއީ ހަމަޖެހުމާއި ތަރައްގީ އާއި ރައްކާތެރިކަން ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރާނީ އެތިން ކަންތަށް ޔަގީންވާ ގޮތަށް ކަމަށެވެ.



"އެއާ ދެކޮޅަށް މި ގައުމުގެ ހަމަޖެހުން ނަގާލަން، މި ގައުމުގެ ތަރައްގީ ހުއްޓުވައިލަން، މި ގައުމުގެ ރައްކާތެރިކަމާއި މިނިވަންކަން ގެއްލޭނެ ގޮތަކަށެއް ދިވެހި ރައްޔިތުން ވެސް ފުރުސަތެއް ނުދޭނެ،" އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމުވެ ތިބި ކަމަށް ބުނެ ޕީއެންސީ-ޕީޕީއެމުން އިސްނަގައިގެން ފެށި އިންޑިއާ އައުޓް ހަރަކާތް މި ވެރިކަމުގައި ކުރިއަށް ގެންދިޔުމާއި ގުޅޭ ގޮތުން ނޫސްވެރިން ދެންނެވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް މުޢިއްޒު ވިދާޅުވީ ސަރުކާރުގެ ހާރިޖީ ސިޔާސަތަކީ ހުރިހާ ގައުމަކާ ވެސް ގުޅިގެން ކުރިއަށް ދިޔުން ކަމަށެވެ.

މިސަރުކާރުން އިންޑިއާގެ ކިބައިން މައާފަށް އެދެންޖެހޭނެ ކަމަށް އެންޑީޕީން ބުނާ ވާހަކައަށް ސީދާ ޖަވާބެއް ނުދެއްވި ނަމަވެސް ރައީސް ވިދާޅުވީ މިސަރުކާރުގެ ޚާރިޖީ ސިޔާސަތަށް އެއްވެސް ބަދަލެއް ގެންނަވާފައި ނުވާނެ ކަމަށާއި ޚާރިޖީ ސިޔާސަތު ކުރިއަށް ގެންދަވަނީ މެނިފެސްޓޯގައި ހުށައަޅުއްވާފައި އޮތް ގޮތަށް ކަމަށެވެ. އަދި މިހާރު ދަމަހައްޓަވަނީ އެ ޚާރިޖީ ސިޔާސަތު ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު ދެންނެވީ ރާއްޖޭގެ މަސްލަހަތު އިސްކުރާ، ދިވެހި ރައްޔިތުންނަށް އެންމެ ފުރިހަމައަށް ލިބިދޭ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރެވޭ ގޮތަށް އެއްބަސްވެވޭ ހުރިހާ ގައުމަކާ އެކީގައި ތަފާތުކުރުމެއް ނެތި ގާތް ގުޅުން އޮންނާނެއޭ، އެ މެނިފެސްޓޯ ރައްޔިތުން ބަލައިގަތީ. އެއާ އެއްގޮތަށް އަޅުގަނޑުމެން ގާތް ގުޅުމެއް ބާއްވަނީ ހުރިހާ ގައުމަކާ ވެސް" ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން