ސަރުކާރުން މިސްރާބު ޖަހާފައި ހުރީ ސިއްރުވެރި ދައުލަތެއް ގާއިމުކުރުމަށް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

ފައްޔާޒު މިހެން ވިދާޅުވީ ސިޔާސީ މަގާމުތައް އަދާކުރާ މީހުން ވެސް ބޭންކުގެ ބޯޑަށް އައްޔަން ކުރެވޭ ގޮތަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ގަވާއިދު އިސްލާހުކުރުމާއި ގުޅިގެން އެކަމަށް އިޝާރަތް ކުރައްވަމުންނެެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވީ މިހާތަނަށް އެއްވެސް ސަރުކާރަކުން މި ގޮތަށް މިކަން ނުކުރީ މާލީ ނިޒާމުގެ އިންޓެގްރިޓީ ހިފެހެއްޓުމަށް ކަމަށެވެ. އެހެން ނަަމވެސް މި ސަރުކާރުން ފެންނަނީ މާލީ ނިޒާމު އެތައް އަހަރުތަކެއް ފަހަތަށް ޖައްސާލަން މަސައްކަތް ކުރާ މަންޒަރު ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

އަދި ދައުލަތުގެ ހިސާބުތަކާއި މާލީ ހާލަތުގެ ރިޕޯޓުތައް ހާމަކުރަން އިންކާރުކޮށް ސިއްރުވެރި ދައުލަތެއް ޤާއިމުކުރުމަށް މިސްރާބު ޖަހާފައި ހުރިތަން ފެންނަމުންދާ ކަމަށް ފައްޔާޒު ވިދާޅުވި އެވެ. ފައްޔާޒު ވަނީ އެ ކަމަކީ އެތެރޭގެ އަދި ބޭރުގެ ލޯނުދޭ ފަރާތްތަކާއި އަދި އިންވެސްޓަރުންގެ އިތުބާރަށް އަނެއްކާވެސް ނޭދެވޭ އަސަރުކުރާނެ ސިޔާސަތުތަކެއްކަން ފާހަަގަކުރައްވާފައެވެ.

"ދުޅަހެޔޮ އިގުތިސާދެއް ބިނާކުރުމަށް ކަންކަން ހާމަކުރަން ކެރެން ޖެހޭނެ، އަދި އެ ހާމަކުރުމުން އަންނަ ފާޑުކިޔުންތައް އަޑު އެހުމުގެ ޤާބިލުކަން ސަރުކާރުގައި ހުރުން ވަރަށް މުހިންމު،" ކުރީގެ އިކޮންމިކް މިނިސްޓަރު ފައްޔާޒު ވިދާޅުވި އެވެ.

ބޭންކުތަކުގެ ކޯޕަރޭޓް ގަވަނަންސް ރެގިއުލޭޓް ކުރާ ގަވާއިދުގައި ކުރިން ބުނެފައި އޮންނަނީ ސަރުކާރު ނުވަތަ ސަރުކާރުގެ ޑިޕާޓްމަންޓަކަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކޮށްފައިވާ އެއްވެސް މީހަކު ބޭންކު، އިންޝުއަރެންސް ނުވަތަ ފައިނޭންސް ކުންފުންޏެއްގެ ބޯޑަށް އައްޔަން ނުކުރެވޭނެ ކަމަށެވެ. ނަމަވެސް އެމްއެމްއޭ އިން މިދިޔަ ބުރާސްފަތި ދުވަހު ގަވާއިދަށް ގެނައި އިސްލާހުގައިވާ ގޮތުން ބޭންކުތަކުގެ ބޯޑަށް ނުލެވޭނީ ކެބިނެޓު މިނިސްޓަރުން އެކަނި ކަން ފާހަގަކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން