ޒުވާނުންގެ ފަރާތުން ސަރުކާރަށް ހުށައަޅާ ކަންކަން ބަލައިގަންނާނެ ކަމަށާއި ވީވަރަކުން އެކަންކަން ތަންފީޒުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެެވެ. މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީ އެކުލަވާލެއްވުމުގެ މައިގަނޑު މަގުސަދުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. ރައީސް މުޢިއްޒު ވިދާޅުވީ ޤައުމުގެ އާބާދީގެ އެންމެ ބޮޑު އިންސައްތައެއް ހިއްސާކުރާ ބަޔަކީ ޒުވާނުން ކަމަށެވެ.



އެހެންކަމުން ޒުވާނުންގެ ފަރާތުން ޤައުމެއް އަދި ސަރުކާރެއް ހިންގުމުގައި އަދި ދަޢުލަތުގެ އެހެން ހުރިހާ ކަމެއްވެސް ބައްޓަންކުރުމުގައި ބަސްބުނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

"އެއްވެސް ކަހަލަ ލިމިޓެއް ވަކި ކަމެއްގައި ބަސް ނުބުނެވޭނެ ކަމެއް ނޯންނަ ގޮތަށް، ދައުލަތުގެ ހުރިހާ ކަމެއްގައި، ދިވެހިރާއްޖޭގެ އިމުގެ ތެރޭގައި ހިނގާ ހުރިހާ ކަމެއްގައި އަޅުގަނޑުގެ ގާނޫނީ ޒިންމާ އަދާކުރުމުގައި ތި ބޭފުޅުންނަށް ލަފާ ދެއްވޭނެ،" ރައީސް ވިދާޅުވިއެވެ.

އަދި މިފަދަ މަސައްކަތެއް ފެށިގެން ދިއުމުން ޒުވާނުންގެ ފަރާތުން އެ ޒުވާނުންގެ ވިސްނުން ހިއްސާކޮށް، ކަންކަމުގައި ފެންނަގޮތް ހިއްސާކުރުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

"ވަރަށް ފުޅާ ދާއިރާއެއްގައި ޒުވާނުން ހަރަކާތްތެރިވާންވީ، އެއްވެސް ކަހަލަ ލިމިޓޭޝަނެއް ނެތް އެގޮތަށް މަސައްކަތް ކުރެއްވީމަ ވަރަށް ފުރުޓްފުލް ބިނާކުރަނިވި ޚިޔާލުތަށް ލިބިގެން އަންނާނެ، އަޅުގަނޑު ދޭ ޔަގީންކަމަކީ ހުށައަޅާ ކަންކަން އަޅުގަނޑު ބަލައިގަންނަމޭ، ވީވަރަކުން އެކަންކަން އެންމެ ރަނގަޅަށް ތަންފީޒުކުރުމަށް ކަންކަން ފަހިކުރާނަމޭ އިރާދަކުރެއްވިއްޔާ،" ރައީސް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި އެ ކޮމިޓީގެ ފަރާތުން ވަނީ މިފަދަ ފުރުޞަތެއް ފަހިކޮށްދެއްވައި، ކަންކަމުގައި ޒުވާނުންގެ ޚިޔާލު ހޯއްދެވުމަށް މިފަދަ ފުރުޞަތެއް ފަހިކޮށްދެއްވީތީ ރައީސަށް ޝުކުރުއަދާކުރައްވާފައެވެ. އަދި ރައީސްގެ އިރުޝާދާއި އެއްގޮތަށް ކޮމިޓީގެ ފަރާތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުންދާ ޒުވާނުންގެ ކަންބޮޑުވުންތަކާއި އިޙުސާސްތައް އަޑު އިއްވައިދިނުމަށް ރާވާފައިވާގޮތް ކޮމިޓީގެ ފަރާތުން އެމަނިކުފާނާއި ވަނީ ހިއްސާކުރައްވާފައެެވެ.

"ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރސް" ބޯޑު އެކުލަވާލަލައްވާފައިވަނީ 18 ޖަނަވަރީ 2024 ގައެވެ. މި ބޯޑުގައި ތިއްބަވާނީ 15 މެންބަރުންނެވެ. އަދި ގިނަ ޒުވާނުންނަށް މި ބޯޑުގައި ބައިވެރިވުމަށް މަގުފަހިކޮށްދެއްވުމުގެ ގޮތުން، ރިޔާސީ ދައުރެއްގައި 2 ފަހަރު ބޯޑު އެކުލަވާލުމަށް ވަނީ ނިންމަވާފައެވެ.

މި ބޯޑަކީ ރައިސުލްޖުމްހޫރިއްޔާއަށް ލަފާދިނުމަށް އެކުލަވާލާ ބޯޑަކަށްވުމުން، މި ބޯޑުގެ ސެކްރެޓޭރިއޭޓް ބަލަހައްޓާނީ ޔޫތު މިނިސްޓްރީއިންނެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން