އެމްޑީޕީން ހިތްކުދި ކުދިވެގެން އުޅެނީ މާލޭ ރައްޔިތުންނަށް ގޯތި ނުދީގެން ނޫން ކަމަށާއި އެއީ މިދިޔަ ފަސްއަހަރު މާލޭ ރައްޔިތުންނަށް ގޯތި ނުދެވުމުން މަތިޖަހަން ކުރާކަމެއް ކަމަށް ޕީއެންސީގެ ޑެޕިއުޓީ ލީޑަރު އިބްރާހިމް ޝުޖާޢު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޕާޓީގެ ޑެޕިއުޓީ ލީޑަރު ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާޢު ވިދާޅުވީ އެމްޑީޕީން ކަންބޮޑުވެގެން ހިތަށް ތަދުވެގެން އުޅެނީ މި ސަރުކާރުން މާލޭގެ ރައްޔިތުންނަށް ގޯތި ދިނުން ލަސްވެގެން ނޫން ކަމަށެވެ. އަދި އެކަމަކީ މިދިޔަ ފަސްއަހަރު މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރެވިފައިނުވާތީ އެމްޑީޕީން މަކަރުވެރިކަމާއިއެކު ކުރާ ކަމެއް ކަމަށް ޝުޖާޢު ވިދާޅުވިއެވެ.

ޝުޖާޢު އިތުރަށް ވިދާޅުވީ ކުރިން ޕީޕީއެމްގެ ސަރުކާރުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހި އޮތީ މަގުތައް ހަދައި، ނެޓްވޯކިންގެ މަސައްކަތްތައް ވެސް ކޮށްފައި ކަމަށެވެ. އަދި އެމްޑީޕީގެ ސަރުކާރުގެ ހެޔޮ ނިޔަތެއް އޮތްނަމަ އެ ބިމުން މާލޭގެ ރައްޔިތުންނަށް ގޯތި ނުދިނީ ކީއްވެތޯ ޝުޖާޢު ވަނީ ސުވާލުކުރަށްވާފައެެވެ.

ޝުޖާއު އިތުރަށް ވިދާޅުވީ ކުރީގެ ސަރުކާރުން ދިން ގޯތި ލިސްޓާ ގުޅިގެން ބިން ހިއްކަން ޖެހުނީ މި ސަރުކާރަށް ކަމަށެވެ. މީގެ އިތުރުން ކުރީގެ ސަރުކާރުން ފެށި ފަހި ދިރިއުޅުން ފްލެޓް މަޝްރޫއު ވެސް އޮތީ އެފަދަ ގޮތަކަށް ކަމަށާއި އެގޮތުން މަސައްކަތް ނިމިފައި ވަނީ މަދު ފްލެޓްތަކެއްގައިކަން ޝުޖާޢު ފާހަގަކުރެއްވިއެވެ. އަދި އެ ފްލެޓްތައް ނިންމުމުގެ މަސައްކަތް ބާރު ސްޕީޑުގައި މި ސަރުކާރުން ކުރަމުންދާ ކަމަށް ޝުޖާއު ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވީ ފުލެޓްގެ ޝަރުތުތަކުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށާއި އެކަން ކުރީގެ ސަރުކާރުގެ އިސްބޭފުޅުންނަށް ވެސް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އެގޮތުން މާލޭގައި ވަކި މުއްދަތެއްގައި އުޅުނު ކަމަށް ދެއްކުމަށް އެމްޑީޕީއާ ގުޅުން އޮތް ކައުންސިލުތަކުން ލިޔުން އުފައްދައިގެން ހުށަހަޅާފައިވާ ކަމަށް ޝުޖާޢު ވިދާޅުވިއެވެ. އެއީ އެ ޕާޓީގެ މީހުންނަށް ފްލެޓް ދިނުމަށް ކުރި ކަމެއް ކަމަށް ޝުޖާޢު ވިދާޅުވިއެވެ.

"ޕާޓީ މީހުންނަށް ތިމާމެންނަށް ސަޕޯޓްކުރާ ތިމާމެންގެ ޕާޓީ މީހުންނަށް ފުލެޓް ދިނުމަށްޓަކައި ކޮށްފައި ހުރި ވައްކަންތައް އޭގެ ތެރެއިން 60 އިންސައްތަ އަށްވުރެ މަތީގައި މިއޮތީ، ކިހިނެއްތޯ އަޅުގަނޑުމެންނަށް އެކަހަލަ ވައްކަންތައް ކޮށްފައި އޮތް ލިސްޓެއްގައި ހިމެނޭ މީހުންނަށް ފުލެޓް ދޭނީ، ނުދެވޭނެ އެގޭތޯ އަޅުގަނޑުމެންގެ ތެރޭގައި މާލޭގައި ދިރިއުޅެނީ ވަރަށް ހާލުގައި ރައްޔިތުން،" ޝުޖާއު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން