ކުރީގެ ބައިވެރިޔާ މަތިން ހަނދާން ނައްތާލަން ބޭނުންނަމަ ކުރަންޖެހޭ ކަންތައް- ގޫގުލް އިމޭޖެސް
ކުރީގެ ބައިވެރިޔާ މަތިން ހަނދާން ނައްތާލަން ބޭނުންނަމަ ކުރަންޖެހޭ ކަންތައް- ގޫގުލް އިމޭޖެސް
އެކުގައި އެތައް ދުވަހު އުޅުމަށްފަހު ބައިވެރިޔާއާއި ވަކިވާން ޖެހުމަކީ އެއްވެސް މީހަކަށް ފަސޭހަ ކަމަކަށް ނުވާނެއެވެ. އަދި އެތައް އަހަރުތަކެއް ވަންދެން ތިމާގެ ޖަޒުބާތުތަކާއި ސިއްރުތައް ހިއްސާކުރި، ހަޔާތުގެ ބައިވެރިޔާއާއި ތިމާއާއި ދެމެދު އޮތް ގުޅުން ނިމުނު ކަމުގައި ވީނަމަވެސް، އެ ހަނދާންތަކާ ދުރަށް ދިއުމަކީ އެހާ ފަސޭހަ ކަމަކަށްވެސް ނުވާނެއެވެ. ގިނަދުވަސްތަކެއް ވަންދެން އެކުގައި އުޅުމަށްފަހު ދެމީހަކު ވަކިވުމުން ކުރާ ނޭދެވޭ އަސަރުގެ ސަބަބުން މީހާ ނަފްސާނީ ގޮތުން ބަލިކަށި ވެގެންދެއެވެ.

އެގޮތުން ހަޔާތުގެ ގިނަދުވަސްވެފައިވާ ބައިވެރިޔާއާއި ވަކިވުމުން މީހުންނަށް އިތުބާރު ނުކުރެވުމާއި އަމިއްލަ ނަފްސަށް އިތުބާރު ނުކުރެވޭ ހާލަތަށް ވެސް މިހާގެ ނަފްސު ހުޅަހެޅިގެންދެއެވެ. ތިރީގައި މި ހިމަނާލަނީ ކުރީގެ ބައިވެރިޔާ މަތިން ހަނދާން ނައްތާލަން ބޭނުންވާނަމަ ކުރަންވީ 5 ކަމެކެވެ.

ބައިވެރިޔާއާއި ވަކިވިކަން ގަބޫލު ކުރުން:

ކުރީގެ ބައިވެރިޔާގެ މަތިން ހަނދާން ނައްތާލަން ބޭނުންވާނަމަ އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ބައިވެރިޔާއާއި ތިބާއާ ދެމެދު އޮތް ގުޅުން ނިމުމަކަށް އައިކަން ގަބޫލު ކުރުމެވެ. އަދި އެކަން ގަބޫލު ކުރުމަށްފަހު އޭނާއާއި އަލުން ގުޅިގެން އުޅެވޭނެ ގޮތްތަކާއި، ނިޝާންތަކާއި، ނުވަތަ އެއްވެސް ކަހަލަ އުންމީދެއް ހޯދުން ހުއްޓާލަން ޖެހެއެވެ. އެގޮތުން ކުރީގައި ދިމާވެފައިވާ އެކި ކަންތައްތަކަކީ ތިބާއަށް ބަދަލު ކުރެވޭނެ ކަންކަން ނޫންކަން ގަބޫލުކޮށް އެކަން އިތުރަށް ތަޖުރިބާ ނުކުރަން މަސައްކަތް ކުރަން ޖެހެއެވެ.

އަމިއްލަ ނަފްސު ކުއްވެރި ނުކުރުން:

ކުރީގެ ބައިވެރިޔާ މަތިން ހަނދާން ނައްތާލަން ބޭނުންވާނަމަ އަމިއްލަ ނަފްސު ކުއްވެރި ކުރުން ހުއްޓާލުމަކީ ވަރަށް މުހިންމު ކަމެކެވެ. ބައިވެރިޔާއާއި ވަކިވުމުން ބޭކާރު ގޮތުގައި އަމިއްލަ ނަފްސު ކުއްވެރި ކުރުމަކީ ވަރަށް ގިނަ މީހުން ކުރާ ކަމެކެވެ. ނަމަވެސް މިއީ އެއްވެސް ގޮތަކަށް ކޮށްގެންވާނެ ކަމެއް ނޫނެވެ. ސަބަބަކީ ނިމިފައިވާ ގުޅުމަކާއި މެދު މާބޮޑަށް ވިސްނައި، އަމިއްލަ ނަފްސު ކިތައްމެ ވަރަކަށް ކުއްވެރި ކުރި ކަމުގައި ވީނަމަވެސް އެ މީހަކު އަނބުރާ ނުލިބޭނެތީއެވެ. އެ ގުޅުން އަލުން ބަދަހި ނުކުރެވޭނެތީއެވެ.

ބައިވެރިޔާ ހަނދާން ވާފަދަ ތަކެތި އެއްލާލުން ނުވަތަ ނައްތާލުން:

ކުރީގެ ބައިވެރިޔާގެ ހަނދާންތަކާ ދުރަށް ދާން ބޭނުންވާނަމަ އޭނާގެ މަތިން ހަނދާން އާކޮށްދޭ އެއްޗެހި އެއްްލާލައި ނައްތާލުމަކީ ވަރަށް މުހިންމު ކަމެކެވެ. މިސާލަކަށް އެކިއެކި މުނާސަބާތަކުގައި އޭނާ ތިބާއަށް ދީފައިވާ ހަދިޔާތަކާއި ކާޑު ފަދަ ތަކެތި އެއްލާލަން ޖެހެއެވެ. ސަބަބަކީ މި ތަކެތި އަބަދު ފެންނަން ހުންނަ ނަމަ އޭނާގެ ހަނދާންތަކާ ދުރުވުމުގެ ބަދަލުގައި އެ ހަނދާންތައް އާވެގެންދާނެތީއެވެ. އެހެންކަމުން އެންމެ ބުއްދިވެރިގޮތަކީ އެއެއްޗެއް ނައްތާލުމެވެ.

"ސްޓޯކު" ނުކުރުން:

ކުރީގެ ބައިވެރިޔާ "ސްޓޯކު" ކުރުން ނުވަތަ އޭނާގެ ކަންތައްތައް ހުންނަ ގޮތް ބެލުމަކީ، ބައިވެރިޔާއާއި ވަކިވުމަށްފަހު ވަރަށް ގިނަ މީހުން ކުރާ ކަމެކެވެ. ނަމަވެސް އޭނާގެ ކަންތައްތައް ބަލާނަމަ އޭނާ މަތިން ހަނދާން ނައްތާލައި އެކަމުން އަރައިގަތުމަށް ވަރަށް އުނދަގޫވެއެވެ. އަދި މިކަމަކީ ތިމާގެ ނަފްސާނީ ދުޅަހެޔޮ ކަމަށްވެސް އަސަރު ކުރުވާނެ ކަމެއްވެސް މެއެވެ. ވީމާ ބައިވެރިޔާއާއި ވަކިވުމަށް ފަހު އެމީހެއްގެ ހަނދާންތަކާ ދުރަށް ދާން ބޭނުންވާނަމަ އެމީހެއްގެ އަމަލުތައް ހުންނަ ގޮތް ބެލުން ހުއްޓާލުމަކީ ވަރަށް މުހިންމު ކަމެކެވެ.

އަމިއްލަ ނަފްސަށް ސަމާލުކަން ދިނުން:

ކުރީގެ ބައިވެރިޔާ މަތިން ހަނދާން ނައްތާލަން ބޭނުންވާނަމަ ތިބާގެ އަމިއްލަ ނަފްސަށް ސަމާލުކަން ދިނުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. އެގޮތުން ބައިވެރިޔާއާއި ވަކިވުމަށްފަހު އެކަމުގެ ހިތާމާގައި އުމުރުގެ ބާކީ ދުވަސްތައް ހޭދަކުރުމުގެ ބަދަލުގައި، އެ ވަގުތުގެ ބޭނުން ރަނގަޅު ގޮތުގައި ހިފައި އަމިއްލަ ނަފްސަށް އަޅާލައި އަމިއްލަ ސިއްހަތަށް ސަމާލުކަން ދޭން ޖެހެއެވެ. އެގޮތުން ތިމާ އެންމެ ގަޔާވާ ކަންތައްތައް ކުރުމަށް އިސްކަންދީ، އަމިއްލަ ނަފްސަށް އުފާވެރިކަން ހޯދައިދިނުމަށް މަސައްކަތް ކުރާށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން