ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ފްރާންސަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް 1.3 މިލިއަން ރުފިޔާ ޚަރަދުވި ކަމަށް ރައީސް އޮފީހުން ހާމަކޮށްފިއެވެ.

ރައީސް އޮފީހުން ބުނީ އޮލިމްޕިކްސް ކުޅިވަރު ހަރަކާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ޖުލައި 24 އިން 29 އަށް ފްރާންސްގެ ޕެރިހަށް ވަޑައިގެންނެވި ކަމަށާއި އެއީ ދުނިޔޭގެ ގައުމުތަކުގެ އިސްވެރިންނަށް އިންޓަނޭޝަނަލް އޮލިމްޕިކްސް ކޮމިޓީން ދެއްވި ދައުވަތެއް ކަމަށެވެ.

މި ދަތުރުފުޅަށް ޖުމްލަ 1،344،127.04 (އެއް މިލިއަން ތިން ލައްކަ ސާޅީސް ހަތަރުހާސް އެއްސަތޭކަ ހަތާވީސް ރުފިޔާ، ހަތަރު ލާރި) ޚަރަދުވިކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

މިފަހަރުގެ އޮލިމްޕިކްސް އަކީ ރާއްޖެއަށް ވަރަށް ޚާއްޞަ އޮލިމްޕިކްސްއެއްކަން ރައީސް އޮފީހުން ފާހަގަ ކުރިއެވެ. އެގޮތުން މިފަހަރުގެ އޮލިންޕިކްސް އަކީ ފުރަތަމަ ފަހަރަށް ރާއްޖޭގެ އެތުލީޓަކު ކޮލިފައިވެގެން ކުޅުނު ފުރަތަމަ މުބާރާތެވެ. އަދި ފްރާންސަކީ ދުނިޔޭގެ ކުޅިވަރުގެ އެންމެ ފުންނާބު އުސް އެއް ގައުމަށްވުމުން ނައިބު ރައީސްގެ މި ދަތުރުފުޅުގައި ކުޅިވަރުގެ ދާއިރާއިން ދިވެހި އެތުލީޓުންނާއި ދިވެހި ކުޅިވަރުގެ ވަސީލަތްތައް ތަރައްގީކުރުމުގައި ގެންގުޅޭނެ އައު ގޮތްތައް ދަނެގަނެ، ފުރުސަތުތައް ހޯއްދެވުމަށް މަޝްވަރާކުރެވުނު ކަމަށް ރައީސް އޮފީހުން ބުނެފައި ވެއެވެ.

މި ދަތުރުފުޅުގެ ތެރެއިން އޮލިމްޕިކްސް ކަހަލަ ދުނިޔޭގެ މަގުބޫލު ކުޅިވަރު މުބާރާތެއްގެ ތެރެއިން ދިވެހިރާއްޖެއާއި ސްޕޯޓްސް ޓުއަރިޒަމްގެ ރޮނގުން ދިވެހިރާއްޖެ ދުނިޔޭގެ ލީޑަރުންނާއި އެތުލީޓުންނަށް ތައާރަފް ކުރެވުނު ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ނައިބު ރައީސް ވަނީ މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތަށް ފަހު ދިވެހި އެތުލީޓުންނާއި ބައްދަލުކުރައްވައި ކާމިޔާބު ހޯދުމަށް ހިތްވަރުދެއްވާފައެވެ. އަދި އެތުލީޓުންނަށް ބޭނުންވާ ކަންކަން ފުރިހަމަ ކޮށްދެއްވައި ބައެއް މެޗުތައް ބައްލައިލައްވާފައެވެ.

ރައީސް އޮފީހުން ބުނީ މި ދަތުރުފުޅުގެ ތެރެއިން ނައިބު ރައީސް އޮލިމްޕިކްސް ހަވާސާގައި ކޮމަލްވެލްތުގެ ކުޅިވަރާބެހޭ ވަޒީރުންގެ ބައްދަލުވުމަށް ވަޑައިގެންނެވި ބޭރު ގައުމުތަކުގެ ވަޒީރުންނާ ބައްދަލުކުރައްވައި ދިވެހި ކުޅިވަރު ތަރައްގީ ކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައި ޚިޔާލު ހޯއްދަވާފައިވާ ކަމަށެވެ. އަދި އެމަނިކުފާނު ވަނީ ފްރާންސްގައި ތިބި ދިވެހިންނާއި ކިޔަވާކުދިންނާ ބައްދަލުކުރައްވައި ހާލު ބައްލަވައި، ހުރި ދަތިތައް ހައްލުކުރުމާމެދު މަޝްވަރާ ކުރައްވާފައެވެ.

މިއަހަރުގެ އޮލިމްޕިކްސް ކުޅިވަރު މުބާރާތުގައި ދިވެހި ފަސް އެތުލީޓުން ބައިވެރިވިއިރު، މި އަހަރަކީ އޮލިމްޕިކްސް ކުޅިވަރު މުބާރާތުގައި ދިވެހިރާއްޖޭގެ އެންމެ ގިނަ އެތުލީޓުން ބައިވެރިވެފައިވާ އަހަރުކަން ފާހަގަ ކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން