ސިފައިންގެ މަސައްކަތް ހުއްޓާނީ މާލޭގެ މަގުތަކުން އެއްކޮށް ފެން ހިންދާފައި ކަމަށް ދިފާއީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި މާލޭގެ މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ޣައްސާން ވިދާޅުވީ، ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން މިއަދުގެ ވިއްސާރައަށް ތައްޔާރު ވެފައިވާ ކަމަށާއި، އެގޮތުން އެ ސަރވިސްގެ ހުރިހާ ޕަންޕުތަކެއް ބޭނުންކޮށްގެން މާލޭގެ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ވާރޭ ހުއްޓާލިހާ އަވަހަކަށް މަގުތަކުގެ ފެންގަނޑު ކޮންޓްރޯލް ކުރެވޭނެކަން ފާހަގަ ކުރައްވައި ޣައްސާން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން މާލޭ އޭރިޔާގެ ސިފައިން ފެން ހިންދުމަށް މަގުތަކަށް ނެރެފައިވާ ކަމަށެވެ.

ޣައްސާން ވިދާޅުވީ، ސިފައިން ތިބީ ދިވެހި ރައްޔިތުންނަސްޓަކައި ޖެހުނު ކޮންމެ މަސައްކަތެއްވެސް އަވަސް ފުރުސަތުގައި، ކެރުންތެރިކަމާއެކު ކުރުމަށް ތައްޔާރަށް ކަމަށެވެ. އަދި ކުރިއަށް އޮތް ދެ ދުވަހު އިތުރަށް ވާރޭ ވެހިދާނެ ކަމަށް ސިފައިން ތައްޔާރު ވެފައިވާ ކަމަށް ޣައްސާން ވިދާޅުވިއެވެ.

މީގެ އިތުރުން ޣައްސާން ވިދާޅުވީ، ފެންހިންދުމަށްޓަކައި ބޭނުންކުރާނެ ބޮޑު ދެ ޕަމްޕް، ދެމަހެއްހާ ދުވަސް ތެރޭގައި ރާއްޖެ ގެނެވޭނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން