މާލެއަށް ދިމާވެފައިވާ ފެން ބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މާލޭގެ މަގުތައް ހެދުމުގައި ބިމަށް ފެން ހިނދޭ ގޮތަށް ކޮށްފައިވާ ޑިޒައިނާ އެއްގޮތަށް މަސައްކަތް ނުކުރުމުން ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މުއްތަލިބު މިއަދު ވިދާޅުވީ، މާލެއަށް ދިމާވެފައިވާ ފެން ބޮޑުވުމުގެ މައްސަލަ ޙައްލުކުރުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މާލޭގެ މަގުތައް ހެދުމުގައި ބިމަށް ފެން ހިނދޭ ގޮތަށް ކޮށްފައިވާ ޑިޒައިނާ އެއްގޮށް މަސައްކަތް ނުކުރުން ކަމަށާއި އެކަމަށް ހައްލެއް ހޯދުމަށް ބޮޑު ޕްރޮޖެކްޓެއް ފެށުމަށް ސަރުކާރުން ނިންމާފައިވާކަމަށެވެ.

އެގޮތުން، ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ކުރިއަށް ގެންދިއުމަށް ރާވާފައިވާ މާލޭގެ ހުރިހާ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަޝްރޫޢު ކުރިއަށް ގެންދިއުމުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ މާލެއަށް ދިމާވެފައިވާ ފެން ބޮޑުވުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށް އެކަށޭނަ ސްޓޯމްވޯޓަރ މެނޭޖްމަންޓް ސިސްޓަމެއް ޤާއިމްކުރުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.



އަދި އެ ޕްރޮޖެކްޓަކީ މުޅި މާލެ ސާވޭ ކުރެވި ޑިޒައިން ކުރެވިގެން ކުރިއަށް ގެންދެވޭނެ މަޝްރޫޢަކަށްވާތީ، މަޝްރޫޢު ނިމޭއިރު މާލެއަށް ދިމާވެފައިވާ ފެން ބޮޑުވުމުގެ މައްސަލަ އެއްކޮށް ހައްލުވެގެންދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ވިއްސާރަވާ ކޮންމެފަހަރަކު މާލޭގައި ފެންބޮޑުވާ މައްސަލައަކީ އެކި ސަރުކާރުތަކަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވާ ކަމެކެވެ. ނަމަވެސް މިހާތަނަށް އެ މައްސަލައަށް އޮތީ އެކަށީގެންވާ ހައްލެއް ނުލިބިއެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން