ނިއުޒިލޭންޑުގެ ފުލުހުން މިހާރު ދަނީ އޯކްލޭންޑުގައި "އެއްފަހަރާ ބޭނުންކޮށްފިނަމަ މަރުވެދާނެ މިންވަރަށް" މެތަމްފެޓަމިން އެކުލެވޭ މެޓާތަކެއް ހޯދުމަށް ހަލުވިކޮށް މަސައްކަތްކުރަމުންނެވެ. މިއީ އެތަނުގެ ހިލޭއެހީދޭ ޖަމިއްޔާއަކުން އެ ސަރަހައްދުގައި ބަހާފައިވާ މެޓާތަކެކެވެ.

ބީބީސީގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، ފަޤީރުކަމާ ދެކޮޅަށް މަސައްކަތްކުރާ އޯކްލޭންޑް ސިޓީ މިޝަނުން ބަހާފައިވާ ކާބޯތަކެތީގެ ޕާރުސަލުތަކެއްގެ ތެރޭގައި ހިމެނިގެން މެތަމްފެޓަމިން އެކުލެވޭ މެޓާ 400 އަކަށްވުރެ ގިނަ މީހުންނަށް ލިބިފައިވާ ކަމަށް އެ ޖަމްއިއްޔާއިން މައުލޫމާތު ދީފައިވެއެވެ.

އެ ޖަމްއިއްޔާއިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، މި މެޓާތަކަކީ ވިޔަފާރީގެ ބޭނުމަށް ބަންދުކޮށްފައިވާ ޕެކެޓްތަކެއްގައި، ކާކުކަން ނޭނގޭ ފަރާތަކުން އެތަނަށް ހަދިޔާކޮށްފައިވާ އެއްޗެކެވެ. އަދި އެ މެޓާތައް ބެހިއިރު އޭގައި މެތަމްފެޓަމިން އެކުލެވޭކަން އެނގިފައި ނުވާ ކަމަށްވެސް އެ ޖަމްއިއްޔާއިން ބުނެފައިވެއެވެ.

މި މެޓާ ބޭނުންކުރުމުގެ ސަބަބުން މަދުވެގެން ތިން މީހަކު، އޭގެ ތެރޭގައި ކުޑަކުއްޖަކު ހިމެނޭ ގޮތަށް، ޞިއްޙީ ފަރުވާ ހޯދާފައިވެއެވެ. ނަމަވެސް މިވަގުތު އެއިން އެއްވެސް މީހަކު ހޮސްޕިޓަލުގައި އެޑްމިޓްކުރެވިފައެއް ނުވެއެވެ.

ނިއުޒިލޭންޑް ޑްރަގް ފައުންޑޭޝަނުގެ ބަޔާނެއްގައި ވާގޮތުން، މި މައްސަލައިގައި ހިމެނޭ ކޮންމެ މެޓައެއްގެ މަގުމަތީ އަގަކީ ގާތްގަނޑަކަށް 1,000 ނިއުޒިލޭންޑް ޑޮލަރު (601 އެމެރިކާ ޑޮލަރު ނުވަތަ 9,267 ދިވެހި ރުފިޔާ) އެވެ.

އެގައުމުގެ ފުލުހުންގެ ފަރާތުން މައުލޫމާތު ދީފައިވާ ގޮތުގައި، މިއީ ގަސްތުގައި ކުރި ކަމެއްގެ ބަދަލުގައި އެހެން ގޮތަކަށް ދިމާވި ކަމެއްކަމަށް ބެލެވެއެވެ. ނަމަވެސް، މި މައްސަލައިގައި ވަކި ގޮތެއް އަދި ނުނިންމާކަމަށާއި ގޮތެއް ނިންމަން އަދި މާ އަވަސް ކަމަށް ވެސް ފުލުހުން ބުނެއެވެ.

މެޓާތައް ބެހި ޖަމްޢިއްޔާއިން ކަމާބެހޭ އިދާރާތަކަށް މި މައްސަލަ ހުށަހެޅީ، މެޓާ ލިބުނު ފަރާތްތަކުގެ ތެރެއިން މީހަކު އޭގައި އާދަޔާ ޚިލާފު ރަހައެއް ހުރިކަމަށް ބުނެ ކުރި ޝަކުވާއަކާ ގުޅިގެންނެވެ.

އޯކްލޭންޑް ސިޓީ މިޝަންގެ ޗީފް އެގްޒެކެޓިވް ހެލެން ރޮބިންސަން ބުނި ގޮތުގައި، ކަމާބެހޭ ފަރާތްތަކަށް މައްސަލަ ހުށަހެޅުމުގެ ކުރިން، އެ ޖަމްއިއްޔާގެ ބައެއް މުވައްޒަފުން އަމިއްލައަށް އެ މެޓާތަކުގެ ރަހަ ބަލައިފައިވާ ކަމަށާއި، ޝަކުވާ ހުށަހެޅި ފަރާތުން ފާހަގަކުރި ފަދައިން އޭގައި އާދަޔާ ޚިލާފު ރަހައެއް ހުރިކަން ފާހަގަކުރެވުނު ކަމަށެވެ.

އެ ޖަމްޢިއްޔާއިން ބާކީ ހުރި މެޓާތައް ނިއުޒިލޭންޑް ޑްރަގް ފައުންޑޭޝަނަށް ޓެސްޓުކުރުމަށް ފޮނުވުމުން، އޭގެ ތެރެއިން މެޓައެއްގައި "އެއްފަހަރާ ބޭނުންކޮށްފިނަމަ މަރުވެދާނެ މިންވަރަށް" މެތަމްފެޓަމިން އެކުލެވިގެންވާކަން އެ ފައުންޑޭޝަނުން ކަށަވަރުކޮށްދީފައިވެއެވެ.

ޑްރަގް ފައުންޑޭޝަނުގެ ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، ތަޙުލީލުކުރުމަށް ފޮނުވުނު މެޓާތަކުގެ ތެރެއިން ކޮންމެ އެއްޗެއްގައި 3 ގްރާމްގެ މެތަމްފެޓަމިން އެކުލެވިގެންވެއެވެ. މެތަމްފެޓަމިންގެ އެއް ޑޯޒަކީ 10 އާއި 25 މިލިގްރާމް ދެމެދުގެ މިންވަރެއް ކަމަށާއި، މިއިން ކޮންމެ މެޓައެއްގައި 300 ޑޯޒަށް އަރާވަރަށް މި ނުރައްކާތެރި މަސްތުވާތަކެތި އެކުލެވިގެންވާ ކަމަށްވެސް ބަޔާނުގައިވެއެވެ. އަދި މިއިން އެންމެ މެޓައެއް ބޭނުންކުރުމަކީ މަރުވުމަށް މަގުފަހިވެދާނެފަދަ ނުރައްކާތެރި ކަމެއް ކަމުގައިވެސް ބަޔާންކޮށްފައިވެއެވެ.

ރިންޑާ ބްރޭންޑްގެ އަލަނާސި ރަހައިގެ މެޓާގެ ގޮތުގައި ބަންދުކޮށްފައިވާ މި ތަކެތި ލިބިފައިވާ ފަރާތްތަކުން ލަސްނުކޮށް ފުލުހުންނާ ގުޅުމަށް ނިއުޒިލޭންޑުގެ ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

މިއީ ނުހަނު ކަންބޮޑުވާންޖެހޭ މައްސަލައެއްކަމަށް ފާހަގަކުރަމުން، ކުރީގައިވެސް މަސްތުވާތަކެތި އެކުލެވޭ ކާބޯތަކެތީގެ މައްސަލަތައް ކުރިމަތިވެފައިވާ ކަމަށާއި، މި މައްސަލައިގެ ތަޙުޤީޤުގައި އިންޓަރޕޯލްއާ ގުޅިގެން މަސައްކަތްކުރަން ޖެހިދާނެ ކަމަށާއި، މިކަމަށް ވަގުތު ހޭދަވާނެ ކަމަށް ނިއުޒިލޭންޑުގެ ފުލުހުންގެ ޑިޓެކްޓިވް އިންސްޕެކްޓަރ ގްލެން ބޯލްޑްވިން ނޫސްވެރިންނަށް މައުލޫމާތު ދެމުން ބުނެޏެވެ.

މެލޭޝިއާގެ މެޓާ އުފައްދާ ކުންފުންޏެއް ކަމަށްވާ ރިންޑާއިން ނެރުނު ބަޔާނެއްގައި، އެ ކުންފުނީގެ ނަން ބޭނުންކޮށްގެން ހިންގާފައިވާ ޖަރީމާ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައިވެއެވެ. އަދި އެ ކުންފުނީގެ އުފެއްދުންތަކުގައި "ޤާނޫނާ ޚިލާފު އެއްވެސް މަސްތުވާއެއްޗެއް" ބޭނުންނުކުރާ ކަމަށާއި، އަދި އެފަދަ ތަކެތި ބޭނުންކުރުމަށް ހިތްވަރު ވެސް ނުދޭކަމަށް އެބަޔާނުގައި ބުނެފައިވެއެވެ. މީގެއިތުރުން، މި މައްސަލަ ހައްލުކުރުމަށާއި އެ ބްރޭންޑްގެ އަގު ހިފެހެއްޓުމަށްޓަކައި، ތަންފީޒީ އިދާރާތަކާއި ކަމާގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ގާތުން މަސައްކަތްކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން