ވިއްސާރައިގެ ސަބަބުން ކުރިއަށް އޮތް ދުވަސްތަކުގައި ބޭރަށް ހިންގުމާއި ހޮޑުލުން އަދި މަދިރީގެ ޒަރިއްޔާއިން ފެތުރޭ ޒިކާ އާއި ޗިކުންގުންޏާ ފަދަ ބަލިތައް ފެތުރުން އެކަށީގެންވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވިއްސާރަވެ ފެންބޮޑުވުމުގެ ސަބަބުން ޖަންގުޝަންތައް ފުރި ނަޖިސް ބޭރުވުމާއި ފެން ހަރުލާފައި ހުންނަ ތަންތަނުގައި މަދިރި އާލާވުމުގެ ސަބަބުން ކުރިއަށް އޮތް ދުވަސްތަކުގައި ބަލިތައް ފެތުރުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށެވެ.

އެގޮތުން ބޭރަށްހިންގުމާއި ހޮޑުލުމުގެ އިތުރުން ބުޅަލާއި މީދަލުގެ ނަޖިހުން ފެތުރޭ ބަލިތަކާއި ގޭގޭގައި ފަންގަސް ޖެހުމުގެ ސަބަބުން ނޭވާލާ ނިޒާމަށްޖެހޭ ބަލިތައް ފެތުރުން އެކަށީގެންވާ ކަމަށް އެޗްޕީއޭގެ ބަޔާނުގައި ބުނެފައިވެއެވެ.

އެޗްޕީއޭ އިން ވަނީ ބޯކޮށް ވާރޭވެހި އުފެދޭ ފެންގަނޑަށް ކޮންމެހެން އެރެން ޖެހިގެން ނޫނީ ނޭރުމާއި އެރެން ޖެހިއްޖެ ހާލަތެއްގައި ވެސް ރަބަރު ބޫޓާއި ރަބަރު އަންގި ފަދަ ނުތެމޭނެ، ވޯޓާ ޕްރޫފް ތަކެތި ބޭނުން ކުރުމަށް އެދިފައެެވެ. މަގުތައް މަތީ ހެދޭ ފެންގަނޑުތަކަށް އެރި ކުޅެ ހެދުމުގެ ފުރުސަތު ކުޑަކުދިންނަށް ނުދިނުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

އޭގެ އިތުރުން ފެންހިންދަން އުޅޭ ފަރާތްތަކުން ވެސް، ފެންގަނޑުގައި ޖެހުމަށްފަހު ސައިބޯނިލައިގެން ރަނގަޅަށް އަތްފައި ދޮވުމާއި ދަނޑުބިންތަކުގައި ފެން ބޮޑުވެފައިވާނަމަ، އެތަންތަނުން ކަނޑާ ކާބޯތަކެތި ރަނގަޅަށް ދޮވެގެން ބޭނުން ކުރުމަށް އެޗްޕީއޭގެ ބަޔާނުގައި ވަނީ އިލްތިމާސްކޮށްފައެވެ.

އަދި، ބޭނުންކުރުމުގެ ކުރިން ވަޅުފެން ކްލޮރިން ކުރުމާއި ވާރޭފެން ކެއްކުމާއި ފެން ހަރުލާ ފަދަ ތަންތަން ސާފުކޮށް ފެން ހަރުނުލާނޭހެން އެ ތަންތަން ރަނގަޅަށް ބަންދު ކުރުމުގެ އިތުރުން ދިޔަދޮވިތައް ބެދުނަ ނުދީ ސާފު ކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެެވެ.

އަދި، މަދިރީގެ ޒަރިއްޔާއިން ފެތުރޭ ޑެންގީ އާއި ޗިކުންގުންޏާ ފަދަ ބަލިތައް ވެސް ގިނަވުން ގާތް ކަމަށް އެޗްޕީއޭގެ ބަޔާނުގައި ވަނީ ބުނެފައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން