މަސްތުވާތަކެތި ޓްރެފިކްކުރާ މީހުންގެ ތެރެއިން މަސްތުވަތާކެތީގެ ބަރުދަނުގައި 500 ގްރާމަށް ވުރެ ގިނައިން އެތެރެކުރިކަން ސާބިތުވާ މީހުންނަށް މަރުގެ އަދަބު އިއްވޭ ގޮތަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނު ބަދަލުކުރަން ސަރުކާރުން ނިންމައިފި އެވެ.

ސަރުކާރުން ޑްރާފްޓްކޮށްފައިވާ މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި ޖަދުވަލު 1 ގައިވާ މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު އިއްވޭނެ ކަމަށް ވަނީ ބުނެފައެވެ. ކުރިން މި މާއްދާ އޮތް ގޮތުން އެ މީހަކަށް ދެވޭނެ އަދަބަކީ އުމުރު ދުވަހުގެ (25 އަހަރުގެ) ޖަލު ހުކުމެެވެ.

މަސްތުވާތަކެއްޗާއި ބެހޭ ގާނޫނު ބުނާގޮތުން ޖަދުވަލު 1 ގައި 139 ބާވަތެއްގެ މަސްތުވާތަކެތި ހިމެނެ އެވެ. ބިލުގެ އިބާރާތުގައި ބުނެފައިވަނީ މިއިން ކޮންމެ ބާވަތެއް ވިޔަސް އެ ބަރުދަން ފުރިހަމަވެ، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށް ސާބިތުވެއްޖެ ނަމަ މަރުގެ ހުކުމް އިއްވަން ޖެހޭނެ ކަމަށެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެންނަ އިސްލާހުތަކުގެ ތެރޭގައި ޑްރަގު ކޯޓަށް އިތުރު ބާރުތައް ދިނުމާއި ރިހެބިިލިޓޭޝަނާ ގުޅޭ މާއްދާތަކަށް ގެންނަ އިސްލާހުތަކުގެ އިތުރުން މަސްތުވާތަކެތި ޓްރެފިކުކުރުން ކަމަށް ބެލެވޭނެ ހާލަތްތައް ހިމެނެއެވެ. އެގޮތުން މަަސްތުވާތަކެއްޗަށް ފައިނޭންސް ކުރުމާއި މަސްތުވާތަކެތި އެތެރެކުރަން ތަންތަނާއި އުޅަނދުތައް ފޯރުކޮށްދިނުމަކީ ވެސް ޓްރެފިކްކުރުން ކަމަށް ބިލުގައިވެ އެވެ.

ސަރުކާރުން މީގެ ކުރިން ބުނީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނު ޒަމާނަށް ފައްތައި، މިހާރަށް ވުރެ ހަރުކަށި އަދަބު ދީގެން ވިޔަސް މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރާނެ ކަމަށެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން