ދިވެހި ރާއްޖޭގައި މަކުނު ވިދުރި ފެތުރިދާނެތޯ ބަލަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ތައްޔާރުވެއްޖެއެވެ.

އެޗްޕީއޭއިން ބުނީ މަކުނު ވިދުރި ފެތުރިދާނެތޯ ބަލަން އެސެސްމަންޓެއް ހަދަން ފަށާފައި ވާކަމަށެވެ. އެސެސްމަންޓު ހަދާ ނިމުމުން އެ ބައްޔަށް ރައްކާތެރިވުމަށް ފިޔަވަޅުތައް އަޅާނެ ކަމަށް އެ އެޖެންސީ އިން ވަނީ ބުނެފައެވެ.

ހަލުވިކަމާއެކު މަކުނުވިދުރި ފެތުރެމުންދާތީ ޑަބްލިޔު އެޗްއޯއިން ވަނީ ދުނިޔޭގެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައެވެ. 

ބޭރުގެ މީޑިޔާއެއް ކަމަށްވާ ނިއު ޔޯކް ޓައިމްސްގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، މި ބަލި މިހާރު ވަނީ އެފްރިކާގެ 13 ޤައުމެއްގައި ފެތުރިފައެވެ. މީގެ ތެރޭގައި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރުސީ) ވެސް ހިމެނެއެވެ. މި ޤައުމުގައި އެކަނި 14،000 އަށް ވުރެ ގިނަ މީހުންނަށް މި ބަލި ޖެހި، 524 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

މަކުނު ވިދުރި ނުވަތަ މަންކީ ޕޮކްސް ދުނިޔޭގެ އެކި ޤައުމުތަކުން ފެންނަތާ 65 އަހަރު ވެފައިވާއިރު މިބަލީގެ ނުރައްކާ އެކި ދުވަސްވަރު ބޮޑުވެ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ކުއްލި ނުރައްކަލުގެ ހާލަތު އެކި ދުވަސްވަރު އިއުލާން ކޮށްފައިވެއެވެ.

މި ބައްޔަކީ ގައިންގަޔަށް އަރާ ބައްޔެއް ކަމަށް ވާއިރު ބައެއް ފަހަރު ޖަނަވާރުންގެ ފަރާތުންވެސް މިބަލި އިންސާނުންނަށް ޖެހިފައިވާކަން ރިކޯޑުކުރެވިފައިވެއެވެ.

މިބަލި ފެތުރުމުގެ ފުރުސަތު އޮންނަނީ ބަލި ޖެހިފައިވާ މީހާގެ ހަށިގަނޑުން ބޭރުވާ ދިޔަ އެހެން މީހެއްގެ ހަށިގަނޑަށް ވާސިލުވުމުންނެވެ. މިގޮތުން ކެއްސާ ކިނބިހި އެޅުމާއި ޖިންސީ ގުޅުން ހިނގުމާއި ބަލި ޖެހިފައިވާ މީހާ ބޭނުންކޮށްފައިވާ އެއްޗެއް ބޭނުންކުރުން ހިމެނެއެވެ. އޭގެތެރޭގައި އަންނައުނާއި ސިރިންޖު ފަދަ ތަކެތި ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން