ކުރީގެ ސަރުކާރުގައި ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޒިފްލީނާ ހަސަން ފްލެޓު ބައްލަވައިގަތުމުގައި ކޮރަޕްޝަންގެ އަމަލު ހިމެނޭ ކަމަށް ބުނެ އޭނާއަށް ދައުވާ ކުރުމާއި މެދު ގޮތެއް ނިންމުމަށް ޕީޖީ އޮފީހަށް ހުށަހަޅަން އޭސީސީން ނިންމައިފި އެވެ.

އެމްޑީޕީގެ ރައީސް އަބުދު ﷲ ޝާހިދުގެ އަނބިކަބަލުން ޒިފްލީނާ ބައްލަވައިގެންފައިވަނީ 3.5 މިލިއަން ރުފިޔާގެ އަގުހުރި 1،200 އަކަފޫޓްގެ ފްލެޓެކެެވެ. ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ގައި އިމާރާތް ކޮށްފައިވާ އެފްޑަބްލިއު ރެޒިޑެންސްގެ ފްލެޓަށް ދައްކަންޖެހޭ ފައިސާ ވެސް ޒިފްލީނާ ވަނީ ދައްކަވާފައެވެެ.

އެ ފައިސާ ޒިފްލީނާގެ ފަރާތުން އެޗްޑީސީ އަށް ދައްކާފައިވާތީ އެ ފްލެޓް އޭނާ އަށް މިލްކުކޮށްދީ، ސިވިލް ކޯޓުން މައްސަލަ ނިންމައި މިދިޔަ މަހުގެ 8 ވަނަ ދުވަހު އޭނާގެ ނަންމައްޗަށް އެ އެޕާޓްމަންޓް ވަނީ ބަދަލުވެސް ކޮށްފައެެވެ.

އަމިއްލަ ފަރާތަކުން އެމައްސަލަ އެންމެ ފުރަތަމަ ހުށައެޅީ ފުލުހުންނަށެެވެ. ކޮރަޕްޝަންގެ މައްސަލަތަކަކީ އޭސީސީން ބަލަންޖެހޭ މައްސަލަތަކެއް ކަމަށް ނިންމައި ފުލުހުންގެ ފަރާތުން އެމައްސަލަ ވަނީ އޭސީސީ އަށް ހުށައަޅާފައެވެ.

އޭސީސީ އިން ބުނީ ޒިފްލީނާ ފްލެޓް ގަތް މައްސަލާގައި ހިންގާފައި އޮތް މުއާމަލާތް އޭސީސީން ތަހުގީގުކޮށްފައިވާ ކަމަށެވެ. އަދި އެމައްސަލަ ބެލުމަށް ފަހު ދައުވާ ކޮށްދިނުމާ މެދު ގޮތެއް ނިންމުމަށް ޕީޖީ އޮފީހުގެ ޑިއުޓީ ޕްރޮސިކިއުޝަނަށް ހުށަހަޅަން ނިންމީ ކަމަށް އެކޮމިޝަނުން ބުނެއެވެ.

ޒިފްލީނާ މީގެ ކުރިން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އޭނާ ފްލެޓެއް ބައްލަވައިގަތީ މިދިޔަ ސަރުކާރުގައި މަގާމު ލިބިވަޑައިގަތުމުގެ ކުރިން ކަމަށެވެ. އެ ތަނުގައި ދިރިއުޅުއްވާތާ އެތައް އަހަރެއް ވެފައިވާ ކަމަށް ޒިފްލީނާ ވިދާޅުވިއެވެ.

ޒިފްލީނާ އަށް ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދެއްވީ އޯގަސްޓް 19، 2019 ގަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން