ޝާން މުހައްމަދު   15 އޯގަސްޓު 2024 - 21:30
އެފްރިކާގައި ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި މަކުނުވިދުރި ޔޫރަޕްގެ ގައުމަކުން ފެނިއްޖެއެވެ.

އެފްރިކާއިން ބޭރުން މަކުނުވިދުރި ޖެހިފައިވާ މީހަކު ފެނިފައި މިވަނީ ސްވީޑެންއިންނެވެ. އެގައުމުގެ ހެލްތު އެންޑް ސޯޝަލް އެފެއާޒް މިނިސްޓަރު ޖޭކޮބް ފޯސްމެޑް ނޫސްވެރިންގެ ބައްދަލުވުމެއްގައި މި ބަލި އެގައުމުން ފެނިފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ.

އެފްރިކާ ބައްރުގެ ގައުމުތަކުގައި ހަލުވިކަމާއެކު މި ބަލި ފެތުރުމާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ދުނިޔޭގެ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައެވެ.

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއިން ފުރަތަމަ މި ބަލި ފެތުރި 450 މީހުން މަރުވެފައިވާއިރު، އޭގެ ފަހުން މި ބަލި ވަނީ މެދުތެރެއާއި އިރުމަތީ އެފްރިކާގެ ސަރަހައްދުތަކަށް ފެތުރިފައެވެ.

މި ބައްޔަކީ ގައިންގަޔަށް އަރާ ބައްޔެއް ކަމަށް ވާއިރު ބައެއް ފަހަރު ޖަނަވާރުންގެ ފަރާތުންވެސް މިބަލި އިންސާނުންނަށް ޖެހިފައިވާކަން ރިކޯޑުކުރެވިފައިވެއެވެ.

މިބަލި ފެތުރުމުގެ ފުރުސަތު އޮންނަނީ ބަލި ޖެހިފައިވާ މީހާގެ ހަށިގަނޑުން ބޭރުވާ ދިޔަ އެހެން މީހެއްގެ ހަށިގަނޑަށް ވާސިލުވުމުންނެވެ. މިގޮތުން ކެއްސާ ކިނބިހި އެޅުމާއި ޖިންސީ ގުޅުން ހިނގުމާއި ބަލި ޖެހިފައިވާ މީހާ ބޭނުންކޮށްފައިވާ އެއްޗެއް ބޭނުންކުރުން ހިމެނެއެވެ. އޭގެތެރޭގައި އަންނައުނާއި ސިރިންޖު ފަދަ ތަކެތި ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން