ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން މާލެގެ ގެތަކަށް ލިބުނު ގެއްލުމުގެ އެސެސްމަންޓެއް ހެދުމުގެ މަސައްކަތް ފަށައިފިއެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ކުރާ މި ސަރވޭއާ ގުޅޭގޮތުން މައުލޫމާތު ދެމުން އެ އޮތޯރިޓީން ބުނީ އަންގާރަ ދުވަހު ކުރި ވިއްސާރައިގައި މާލެ ގެތަކަށް ލިބުނު ގެއްލުމުގެ އެސެސްމަންޓް ހެދުމުގެ މަސައްކަތް އެ އޮތޯރިޓީން ކުރަމުންދާކަމަށެވެ.

އެން.ޑީ.އެމް.އޭއިން ބުނީ އެސެސްމަންޓް ހެދުމަށްފަހު، ސަރުކާރުން ކަނޑައަޅާފައިވާ ރިލީފް ގައިޑްލައިންގެ ދަށުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭނެކަމަށެވެ. އަދި އެސެސްމަންޓް ހެދުމުގެ މަަސައްކަތް ވީ އެންމެ އަވަހަކަށް ނިންމާނެކަމަށްވެސް އެން.ޑީ.އެމް.އޭ އިން ބުނެފައި ވެއެވެ.

މާލެސިޓީއަށް ކުރި ވިއްސާރައިގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބުނު ގޭބިސީތަކަށް ޒިޔާރަތް ކުރުމަށް 11 ޓީމެއް ހަރަކާތްތެރިވާނެ ކަމަށް އެން.ޑީ.އެމް.އޭ އިން ވަނީ ބުނެފައެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ރަށްތަކަށް ލިބުނު ގެއްލުންތަކުގެ އެސެސްމަންޓްވެސް ކައުންސިލްތަކާއި ގުޅިގެން ކުރަމުންދާކަމަށް އެން.ޑީ.އެމް.އޭ އިން ވަނީ ބުނެފައެވެ.

ވިއްސާރާގައި ފެންބޮޑުވެގެން ހޯމަ ދުވަހު ނުވަ ރަށަކުން އެން.ޑީ.އެމް.އޭއަށް ރިޕޯޓްކުރި ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ. އެއީ އައްޑޫ ސިޓީން މަރަދޫ، ހިތަދޫ، ފޭދޫ އާއި ގއ.ދެއްވަދޫ، ޅ.ނައިފަރު، ޅ.ކުރެންދޫ، ކުޅުދުއްފުށި ސިޓީ، ހއ.ބާރަށް، އަދި ހއ.ދިއްދޫއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން