ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގު
ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގު
ރަސްމާލެ މަޝްރޫއާ ގުޅުވައިގެން ސަރުކާރުގެ އިސްވެރިން ބޮޑެތި އަދަދުތަކުން ރިޝްވަތު ނަންގަވާފައިވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކުރެއްވި ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ވިދާޅުވެއްޖެއެވެ.

ޔޫއޭއީގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ އީގަލް ހިލްސްގެ ވެރިޔާގެ އަތުން ސަރުކާރުގެ އިސް ބޭފުޅުން ރިޝްވަތު ނެންގެވި ކަމަށް ބުނެ އަދާލަތު ޕާޓީގެ ރައީސް އިމްރާން ކުރެއްވި ތުހުމަތުތަކަށް ރައްދު ދެއްވަމުން އަޒާން 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިމްރާން ހައްދަވަނީ ބުހުތާނު ދޮގެއް ކަމަށާއި އެފަދަ އެއްވެސް ކަމެއް ހިނގާފައި ނުވާ ކަމަށެވެ.

އަޒާން ފާހަގަކުރެއްވި ގޮތުގައި އެފަދަ ތުހުމަތުތަކަކީ ބުއްދި ގަބޫލުކުރާ ޒާތުގެ ވާހަކަތަކެއް ނޫނެވެ. އެގޮތުން ބޭރުގެ ބީރައްޓެހިންނާއި މަޝްހޫރު ވިޔަފާރިވެރިން އެއްތަންވެ ތިބި ކޮޓަރިއެއްގެ ތެރޭގައި ފާޅުކަން ބޮޑު ގޮތެއްގައި ރިޝްވަތުގެ މުއާމަލާތެއް ހިންގަފާނެ ކަމަށް ބުއްދި ސަލާމަތުން ހުރި އެއްވެސް އިންސާނަކު ގަބޫލުނުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ސިޔާސީ މަންފާއަށްޓަކައި ދޮގު ހެކި އުފެއްދެވުމަކީ އިމްރާންގެ މާޒީގައި އާދަކާދައެއްގެ ގޮތުގައި ކުރައްވާފައިވާ ކަމެއް ކަމަށް އިޝާރާތް ކުރައްވަމުން އަޒާން ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަޑީގައި ހުންނަވައިގެން ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލެއްވި ކަމުގެ ހެކި ކަމަށް ވިދާޅުވެ، މޭޑޭގެ ބޮޑު އެއްވުމުގައި އިމްރާން ކަރުދާސްތަކެއް ވިހުރުވި ހަނދާން އަދިވެސް ދިވެހި ރައްޔިތުންގެ ހިތްތަކުން ފިލައިގެން ނުދާ ކަމަށެވެ.

އަޒާން އިތުރަށް ވިދާޅުވީ، ސަރުކާރު ބަދުނާމު ކުރުމުގެ ކުރިން އިމްރާންގެ އަމިއްލަ ނަފްސަށް ބައްލަވަން ޖެހޭ ކަމަށެވެ. އެގޮތުން އިމްރާންގެ މައްޗަށް ވެސް ކޮރަޕްޝަންގެ ސީރިއަސް އެތައް ތުހުމަތުތަކެއް އަމާޒުވެފައިވާކަން ފާހަގަކުރައްވައި، އެ މައްސަލަތަކަށް އޭނާ ރައްޔިތުންނަށް ޖަވާބުދާރީވެވަޑައިގަންނަވަން ޖެހޭނެ ކަމަށް އަޒާން ވިދާޅުވިއެވެ.

ހަމައެއާއެކު، ދައުލަތުގެ މުއައްސަސާތަކުން އެ ފަރާތްތަކުގެ ގާނޫނީ ޒިންމާ ފުރިހަމައަށް އަދާކުރަންޖެހޭ ކަމަށާއި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އިސްނަގައިގެން ކުރީގެ ހޯމް މިނިސްޓަރު އިމްރާންގެ މައްޗަށް ކުރެވިފައިވާ ކޮރަޕްޝަންގެ މައްސަލަތައް މިހާރުން މިހާރަށް ތަހުގީގުކޮށް ގާނޫނީ ފިޔަވަޅު އެޅުމަށް ވެސް އަޒާން ވަނީ ގޮވާލައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް