ޝާން މުހައްމަދު   16 އޯގަސްޓު 2024 - 23:1
އާބާދީ ބޮޑު ސޫދާނުގައި ހަލުވިކަމާއެކު ކޮލެރާ ފެތުރެމުންދާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ބުނެފިއެވެ.

25 މިލިއަން މީހުންގެ އާބާދީއެއް ދިރިއުޅެމުންދާ ސޫދާނުގައި މިހާރުވެސް ބަނޑުހައިހޫނުކަން ތަހައްމަލު ކުރަމުންދާ އެތައް މިލިއަން މީހުން ތިބިއިރު އެގައުމުގައި މިހާރު ކޮލެރާގެ ކޭސްތައް އިތުރުވަމުންދާކަމުގެ ކަންބޮޑުވުން ޑަބްލިއުއެޗްއޯ އިން ވަނީ ފާހަގަ ކޮށްފައެވެ.

ޑަބްލިއުއެޗްއޯ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ކޮލެރާ ޖެހިގެން މިހާތަނަށް 300 މީހުން ވަނީ މަރުވެފައެވެ. މީގެ އިތުރުން ޑެންގީ އާއި މެނިންޖައިޓިސްގެ ކޭސްތައްވެސް އެގައުމުގައި ދަނީ އިތުރުވަމުން ކަމަށްވެސް އެ ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ.

ސޫދާންގައި ކޮލެރާ ޖެހިގެން މިހާތަނަށް 11،327 ކޭސް ރިޕޯޓުކޮށްފައިވާއިރު މި ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 316 އަށް އަރާފައެވެ. ޑަބްލިއުއެޗްއޯ އިން ބުނީ ރިޕޯޓްކޮށްފައިވާ ވަރަށް ވުރެ ކޭސްތައް އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ޑަބްލިޔުއެޗްއޯ އިން ބުނާ ގޮތުގައި ފަހަކަށް އައިސް ކޮލެރާ ޖެހިގެން މަރުވާ މީހުންގެ އިންސައްތަ ވަނީ މަތިވެފައެވެ.

ކޮލެރާ ޖެހެނީ ތަޣައްޔަރުވެފައިވާ ކާނާއާއި ފެނުގައި ފެތުރޭ ޖަރާސީމެއްގެ ސަބަބުންނެވެ. އެހެންކަމުން ސާފު ފެނާއި ސާފުތާހިރުވުމަކީ ކޮލެރާ ފެތުރުން ހުއްޓުވުމަށް މުހިންމު ކަމެކެވެ.

ފަރުވާ ނުލިބިއްޖެނަމަ މި ބަލީގެ ސަަބަބުން މަދު ގަޑިއިރުތަކެއްގެ ތެރޭގައި މީހާގެ ފުރާނައަށްވެސް އެކަކުގެ ނުރައްކާވެދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން