ވަޒީފާގައި ސްޓްރެސް ވާނަމަ ނަފްސާނީ މައްސަލަތައް ކުރިމަތިވޭ- ގޫގުލް އިމޭޖެސް
ވަޒީފާގައި ސްޓްރެސް ވާނަމަ ނަފްސާނީ މައްސަލަތައް ކުރިމަތިވޭ- ގޫގުލް އިމޭޖެސް
ވަޒީފާގައި އުޅޭ އިރު، ތިމާގެ ދިރިއުޅުމުގައި ދިމާވާ އެކި ކަންކަމާ ހުރެ ސަލާމުގެ ޗުއްޓީ ނަގަން ޖެހޭ ފަހަރު އާދެއެވެ. އާންމު ގޮތެއްގައި ގިނަ މީހުން ސަލާމް ބުނަނީ ޖިސްމާނީ ބަލިމަޑުކަމެއްގެ ސަބަބުން މަސައްކަތްތައް ނުކުރެވޭނެހެން ހީވާ ދަނޑިވަޅުތަކުގައެވެ. ނަމަވެސް ދިރާސާތަކުން ދައްކާ ގޮތުގައި ގިނަ ފަހަރަށް މީހުން ސަލާމް ބުނަނީ ވަޒީފާގެ މާހައުލުގައި ދިމާވާ "ސްޓްރެސް" ގެ ސަބަބުންނެވެ.

އެގޮތުން ސްކެންޑިނޭވިއަން ޖަރނަލް އޮފް ފްރައިމަރީ ހެލްތު ކެއާ ގައި ޝާއިއުކޮށްފައިވާ ދިރާސާއެއްގައި ބުނެފައިވާ ގޮތުގައި ވަޒީފާގެ ސަބަބުން ކުރިމަތިވާ އެކި އެކި ނަފްސާނީ ބަލިތަކުގެ ސަބަބުން މީހުން ވަޒީފާއަށް ސަލާމްބުނާ ވަރު އިތުރުވާ ކަމުގައެވެ. އަދި ވަޒީފާގެ މާހައުލުގައި މާބޮޑަށް "ސްޓްރެސް" ވާނަމަވެސް ސަލާމުގެ ޗުއްޓީ ނަގާވަރު އިތުރުވާކަމަށް މި ލިޔުމުގައި ވެއެވެ. އަދި ހަމަ އެހެންމެ މި ދިރާސާއިން ދައްކާގޮތުގައި ވަޒީފާގެ މާހައުލުގައި ދިމާވާ މައްސަލަތަކުގެ ސަބަބުން، ނުވަތަ ވަޒީފާގެ މާހައުލުގައި ދިމާވާ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ބާރު ނެތްނަމަ އެފަދަ މީހުން ސަލާމުގެ ޗުއްޓީ ނަގާވަރު އެހެނިހެން މީހުންނާ އަޅާކިޔާއިރު ގިނަވެއެވެ.

ވަޒީފާގައި އުޅޭ އިރު ތަފާތު އެކި ކަންކަމާ ކުރިމަތިލާން ޖެހެއެވެ. ތަފާތު އެކިކަހަލަ މައްސަލަތައް ކުރިމަތިވާނެއެވެ. އަދި އަމިއްލަ ގާބިލިއްޔަތާ މެދު ސުވާލު އުފެދޭ ދަނޑިވަޅުތައްވެސް އަންނާނެއެވެ.

މަސައްކަތުގެ މާހައުލުގައި ދިމާވާ މައްސަލަތަކުގެ ސަބަބުން ބޮޑެތި މީހުންގެ ފަރާތުން އެހީ ނުލިބި، ދިމާވާ އެކި ކޯޅުންތަކުގައި މެނޭޖުމެންޓުގެ ތާއީދު ނުލިބޭނަމަ މަސައްކަތުގެ މާހައުލުގައި މީހާގެ އަގު ދަށްވެ، ބާރު ގެއްލިފައިވާ ކަމުގެ އިހުސާސްވެސް ކުރެވޭނެއެވެ. އަދި މިކަންކަމުގެ ސަބަބުން މީހާގެ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރު ކޮށް ސަލާމުގެ ޗުއްޓީ ނަގަންޖެހޭ ހާލަތްތައް ވެސް އާދެއެވެ.

މީގެ އިތުރުން ޖުމުލަ ގޮތެއްގައި "ޓޮކްސިކް" ނުވަތަ ފިތުނަވެރި މާހައުލެއްގައި މަސައްކަތް ކުރާނަމަވެސް އެތަނެއްގެ މުވައްޒަފުން ސަލާމުގެ ޗުއްޓީ ނަގާވަރު އިތުރު ވެއެވެ. މިކަން މިގޮތަށް މެދުވެރިވަނީ މިފަދަ މާހައުލެއްގައި މަސައްކަތް ކުރާނަމަ ރައްކާތެރިކަމުގެ އިހުސާސް މީހާއަށް ނުކުރެވޭތީއެވެ. އަދި ހަމަ އެހެންމެ މިފަދަ މާހައުލެއްގައި އުޅޭނަމަ ނުތަނަވަސްކަމުގެ އިހުސާސް އުފެދި މީހާ "ބަރން އައުޓް" ވާ ކަމުގެ އިހުސާސް ވެސް ކުރެވޭތީއެވެ.

އެހެންކަމުން މުވައްޒަފުން މާ ގިނައިން ވަޒީފާގައި އުޅެމުން ސަލާމުގެ ޗުއްޓީ ނަގާނަަމަ އެތަނެއްގެ އިސްކޮށް މަސައްކަތް ރާވައިހިންގަން ތިބޭ ވެރިން އެކަމާ މެދު ރަނގަޅަށް ވިސްނައި، އެކަން މެދުވެރިވާންޖެހޭ ސަބަބުތައް ދެނެގަންނަން ޖެހެއެވެ. އަދި ހަމަ އެހެންމެ އެކަމަށް ހައްލެއް ހޯދަން ބޭނުންވާނަމަ ވަޒީފާގައި އުޅޭ މީހުންގެ މެދުގައި ހިނގާ ކޯޅުންތަކާއި ހަމަނުޖެހުންތައް ހައްލު ކުރުމުގެ ގޮތުން ފިޔަވަޅުތައް އަޅަންވެސް ޖެހެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން