ޝަންގްރިއްލާގެ މަރާމާތަށް 25 މިލިއަން ޑޮލަރު ބޭނުންވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެ އެވެ.

އައްޑޫއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ޑެސްޓިނޭޝަން އައްޑޫ ސަމިޓުގައި ވާހަކަ ދައްކަވަމުން ވަޒީރު ފައިސަލް ވިދާޅުވީ ސަރުކާރުން މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ ޝަންގްރިއްލާ ރިސޯޓު އަލުން ހުޅުވުމަށް ކަމަށެވެ. އަދި ޝަންގްރިއްލާގެ މެނޭޖްމެންޓާއި އެކު ބޭއްވި ބައްދަލުވުމުން އެތަން ހުޅުވުމަށް ބޮޑެތި މަރާމާތުތަކެއް ކުރަންޖެހޭކަން އެނގިގެންދިޔަ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ޝަންގްރިއްލާ އޮޕަރޭޝަނަށް ގެނައުމަށް ފަންސަވީސް މިލިއަނެއްހާ ޑޮލަރު ހޭދަވާނެ ކަމާއި އެކަން ކުރުމަށް ޝަންގްރިއްލާގެ އޯނަރުންނާ ހަމައަށް ދިއުމަށް ނިންމައި، މީޓިންއަށް ދައުވަތު ދީފައިވާނެ ކަމަށެވެ.

އާބާދީ ބޮޑު އައްޑޫސިޓީ އަށް ނިސްބަތްވާ އެތައް ރައްޔިތުންނެއް ޝަންގްރިއްލާގައި މަސައްކަތް ކުރަމުން ދަނިކޮށް އެ ރިސޯޓު ހުއްޓުމަކަށް ގެނައުމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިވިއެވެ. އަދި އެ ރިސޯޓު ހުއްޓިފައި އޮންނަތާ މިހާރު އެތައް އަހަރެއް ވެފައިވާއިރު އެ ރިސޯޓު އޮޕަރޭޝަނަށް ގެނެވުމާއެކު އައްޑޫގެ އިގްތިސާދުގަައި ދައުރުވާ ފައިސާ އިތުރުވެގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.

ޝަންގްރިއްލާ ރިސޯޓު ބަންދުކޮށްފައި ވަނީ ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައެވެ. އެ ރިސޯޓަކީ ދިވެހި ސަރުކާރުގެ 30 އިންސައްތަ ހިއްސާ އާއި އައްޑޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ 70 އިންސައްތަ ހިއްސާއާ އެކީ 2008 ގައި ހުޅުވި ރިސޯޓެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން