މިއީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކަށް ހައްލު ހޯދަންވީ ވަގުތުކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޒަމީރު މިހެން ވިދާޅުވީ, އިންޑިއާ ސަރުކާރުން ވާޗުއަލްކޮށް މިއަދު ބޭއްވި ތިން ވަނަ ވޮއިސް އޮފް ގްލޯބަލް ސައުތު ސަމިޓްގެ ހާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ޒަމީރު ވިދާޅުވީ, ގްލޯބަލް ސައުތުގެ ގައުމުތަކަށް މިހާރު ދިމާވަމުންދާ ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ހޯދޭނީ، ވީ އެންމެ އަވަހަކަށް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކަށާއި ދަރަނި އިތުރުވުމުގެ މައްސަލައާއި މަލްޓިލެޓްރަލް ފްރޭމްވޯކްތައް އަދާހަމަކޮށްގެން ކަމަށެވެ.

އެގޮތުން މިއީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކަށް ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކާއި ގްލޯބަލް ސައުތާއި މުޅި ދުނިޔެ ބޭނުންވާ ހައްލު ހޯދަންވީ ވަގުތު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އޭގެ އިތުރުން މިނިސްޓަރު ވަނީ ހަލުވި ދުވެއްޔެއްގައި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ގްލޯބަލް ސައުތާއި އެނޫން ގައުމުތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ގޮވާލައްވާ ވާހަކަ ދައްކަވާފައެވެ.

ވޮއިސް އޮފް ގްލޯބަލް ސައުތު ސަމިޓަކީ އިންޑިއާގެ ޖީ20ގެ ރިޔާސަތުގައި ޖީ20 ގައި ނުހިމެނޭ މެންބަރު ގައުމުތައް، ވަކިން ހާއްސަކޮށް ގްލޯބަލް ސައުތަށް، ދިމާވަމުންދާ މައްސަލަތަކާ ގުޅޭގޮތުން އަޑުއުފުލުމަށް އިންޑިއާ ސަރުކާރުން ފެށި ހަރަކާތެކެވެ. މިކަމުގައި އިންޑިއާ ސަރުކާރުން ގެންގުޅޭ އަހައްމިއްޔަތުކަމަށްޓަކައި ޒަމީރު ވަނީ އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން