މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވުމަށް ހިންގޭ ފަރުވާގެ ޕްރޮގްރާމުތައް ނިންމައި މުޖުތަމަޢަށް ނުކުންނަ މީހުންނަށް ވަޒީފާ ހޯދައިދިނުމުގައި އެހީވުމަށް ނެޝަނަލް ޑްރަގް އެޖެންސީ(އެންޑީއޭ) ގެ ބޯޑުގެ ޗެއަރމަން އަލްއުސްތާޛާ ލުބްނާ މުޙައްމަދު ޒާހިރު ޙުސައިން އެދިވަޑައިގެންފި އެވެ.

މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވުމަށް ހިންގޭ ފަރުވާގެ ޕްރޮގްރާމުތައް ނިންމައި މުޖުތަމަޢުއަށް ނުކުންނަ މީހުންނަށް ވަޒީފާ ހޯދަން ސަރުކާރު ހިއްސާވާ ކުންފުނިތަކުން އެހީތެރިކަން ފޯރުކޮށްދޭން އެންޑީއޭގެ ބޯޑުގެ ޗެއަރމަން އެދިވަޑައިގެންފައި ވަނީ ޑްރަގް ކޯޓުގެ ރިހެބިލިޓޭޝަން އަމުރުގެ ދަށުން މިއަހަރު ފަރުވާގެ ޕްރޮގުރާމު ފުރިހަމަ ކޮށްފައިވާ ފަރާތްތަކުގެ އަގުވަޒަންކޮށް ހިތްވަރު ދިނުމަށްޓަކައި ޑްރަގް ކޯޓުން ބޭއްވި ހާއްސަ ހަފްލާ ޝަފަރުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުންނެވެ.

ޗެއަރމަން ވިދާޅުވީ މަސްތުވާތަކެތީގެ ފަރުވާއަށް ސަރުކާރުން ކުރާ ހޭދަ އިތުރުކޮށް، މިހާރު ކުރަމުން އަންނަ ހޭދައިގެ އިތުރަށް 30 މިލިއަން ރުފިޔާ ހިމެނުމަށް ނިންމާފައިވާކަމަށެވެ.

މި ހަފުލާގައި ވާހަކަދައްކަވަމުން ޑްރަގް ކޯޓުގެ އިސްޤާޟީ އަލްއުސްތާޛު ޢަބްދުއްސައްތާރު ޢަބްދުލްޙަމީދު ވިދާޅުވީ، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ ފަރާތްތަކުން އެކަމުން ސަލާމަތްވުމަށް ކުރާ މަސައްކަތަކީ ފަސޭހަކަމެއް ނޫންކަމަށެވެ. ގޮންޖެހުންތައް ހުރަސްކޮށް އަލުން މުޖުތަމަޢަށް ޒިންމާދާރު މީހުންގެ ގޮތުގައި ނިކުންނަން މަސައްކަތް ކުރާ ފަރާތްތަކަށް ހުރިހާ އެންމެންވެސް ހިތްވަރު ދޭން ޖެހޭކަމަށް އިސް ޤާޟީ ވިދާޅުވިއެވެ.

އިސްޤާޟީ ވިދާޅުވީ ޑްރަގް ކޯޓުން ފަރުވާއަށް އަމުރުކުރި ކަމުގައިވިޔަސް، ވަސީލަތްތަކުގެ ދަތިކަމާއެކު ފަރުވާ ލަސްވާކަމަށާއި މިކަމަށް އަވަސް ހައްލެއް ހޯދުމުގެ މުހިންމުކަމަށް އިސް ގާޒީ ވަނީ އަލިއަޅުއްވާލައްވާފައެވެ.

ވޭތުވެ ދިޔަ އަހަރު، ޑްރަގް ކޯޓުން 586 މީހެއްގެ މައްޗަށް ފަރުވާއަށް އަމުރުކޮށްފައިވާއިރު އޭގެ ތެރެއިން 419 ފަރާތެއް އެ އަހަރުގެ ތެރޭގައި ފަރުވާ ފުރިހަމަކޮށްފައިވެއެވެ. އަދި، ފަރުވާގެ އަމުރާ ޚިލާފުވެގެން، މިދިޔަ އަހަރުގެ ތެރޭގައި 173 ފަރާތެއް ވަނީ ފަރުވާއިން ވަކިކޮށް، ފުރަތަމަ ޙުކުމު ތަންފީޛު ކުރުމަށް އަމުރުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން