ކިތަންމެ ބޭނުންވިޔަސް އެމަނިކުފާނު ސިޔާސީ މައިދާނުން އެކަހެރި ނުކުރެވޭނެ ކަމަށް ކުރީގެ ރައީސް ޔާމީން އަބުދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ އެމަނިކުފާނު މިހާރު ހުންނެވީ ސިޔާސީ މައިދާނުން އެކަހެރިވެފައި ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެފައިވާތީ އެކަމަށް ރައްދު ދެއްވަމުންނެެވެ.

ޕީޕަލްސް ނޭޝަނަލް ފޮރެންޓް (ޕީއެންއެފް) އިން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މިނިސްޓަރު ފައިސަލް ކިތަންމެ އަޑަށް ބާރުލާފައި ވިދާޅުވިޔަސް އެމަނިކުފާނު ހުންނެވީ ސިޔާސީ މައިދާނުން އެކަހެރިވެގެން ނޫން ކަމަށެވެ. ޔާމިން ވިދާޅުވީ އެމަނިކުފާނު ސިޔާސީ މައިދާނުން އެކަހެރި ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެމަނިކުފާނު ހުންނެވީ ސިޔާސީ މައިދާނުގައި ސާބިތުކަމާއި އެކު ކަމަށެވެ.

"މިކަހަލަ ނިޒާމެއްގެ ތެރޭގައި ރައީސް ޔާމިން ފިތިފަކައި ނުހުންނާނެ، އަޅުގަނޑު ސިޔާސީ މައިދާނުން އެކަހެރި ވެގެނެއް ނޫން މިހުރީ. [އެ ބޭފުޅުންނަށް] އެކަހެރި ނުވެސް ކުރެވޭނެ. އަޅުގަނޑު މިހުރީ ސިޔާސީ މައިދާނު ގައި، އަޅުގަނޑު މިދައްކާ ވާހަކައަށް އެބޭފުޅުން ޖަވާބު ދެއްވާ،" ކުރީގެ ރައީސް ޔާމިން ވިދާޅުވިއެވެ.

ރައީސް ޔާމިން އިތުރަށް ވިދާޅުވީ ސަރުކާރުގެ އިސްސަފުގައި ތިބީ ސިޔާސީ ގޮތުން އެއްވެސް ބުރަދަނެއް ހުރި ބޭފުޅުން ނޫން ކަމަށެވެ. އަދި އެއިން ބޭފުޅަކު ސަރުކާރުން ނިކުންނަވާ ސިޔާސީ ޕާޓީއެއް ހައްދަވަން ދިމާކުރައްވައިފިނަމަ ހާހެއްހާ މީހުންގެ ތާއީދު ވެސް ނުހޯއްދެވޭނެ ކަމަށް ވެސް ޔާމިން ވިދާޅުވިއެވެ.

ގިނަ ބައެއްގެ ތާއީދާއެކު ރާއްޖޭގައި ފަސް އަހަރު ވެރިކަން ކުރައްވާފައި ނުކުނެވަޑައިގެން ރައީސް ޔާމިން އަމިއްލަފުޅު ޕާޓީއެއް އުފެއްދެވުމަށް ކުރެއްވި މަސައްކަތްޕުޅުން އަދި ޕާޓީއަށް ކިރިޔާ ހަމަކުރެއްވުނީ ތިންހާސް މެންބަރުންކަން ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން