މިރޭ ދުނިޔެއަށް ފެންނާނެ ކަމަށް ބެލެވޭ “ސުޕާ ބްލޫ މޫން" ރާއްޖެއަށް ވެސް ފެންނާނެ ކަމަށް ފަލަކީ އިލްމުވެރިން ބުނެފިއެވެ.

މި ހަނދު ރާއްޖެއަށް ފެންނާނެ ކަމަށް ބެލެވެނީ ރާއްޖެ ގަޑިން އިރުއޮއްސި 18:08 ގައެވެ. އަދި ހަނދު އެންމެ ފުރިހަމައަށް ފެންނާނީ ރާއްޖެ ގަޑިން 23:25 ގައެވެ.

ހަނދާއި ދުނިޔެއާއި ދެމެދު އާންމުކޮށް ހުންނަނީ ގާތްގަނޑަކަށް 384،000 ކިލޯމީޓަރު ދުރުމިނެކެވެ. ނަމަވެސް މިރޭ މި ދުރުމިން 23،000 ކިލޯމީޓަރު ކައިރިވާނެ ކަމަށް ލަފާކުރެވެއެވެ.

"ސުޕާ ބްލޫ މޫން" އޭ ކިޔުނު ކަމުގައި ވިޔަސް މިރޭ ފެންނަ ހަނދުގައި ނޫކަލައެއް ނުހުންނާނެ އެވެ. ނަމަވެސް މިރޭގެ ހަނދަށް އެ ނަން ދެވިފައި ވަނީ ސައިންޓިފިކަލީ ހަނދުގެ ހަރަކާތްތަކާއި ހަނދު ދައުރުވުމާއި ހަނދު ދުނިޔެއާއި ކައިރިވާ މިންވަރާއި ގުޅުވައިގެންނެވެ. އެނަން ކިޔެނީ ހަނދު ހުންނަ އޯބިޓްގެ ސަބަބުން ކަމަށް ސައިންސްވެރިން ބުނެއެވެ.

މިރޭ ފެންނަ ހަނދުގެ އަރިމައްޗަށް އިރުގެ އަލިކަން ފުރިހަމައަށް ލިބޭނެތީ ހަނދު އަލިގަދަވެފައި ފުރިހަމަވާނެއެވެ. އެހެން ދުވަސްތަކާ ހިލާފަށް މިރޭ ހަނދުގެ އެއް ފަޅީގެ 98 އިންސައްތައަށް އިރުގެ އަލިކަން ފޯރައި، އަލިވެ ހަނދުގެ ވަށަމިން ވަރަށް ބޮޑަށް ފާހަގަވާނެއެވެ.

އެހެން ރޭތަކާ ހިލާފަށް މިރޭ ފެންނަ ހަނދުގެ އަލިކަން 30 އިންސައްތަ އިތުރުވާނެއެވެ. ސަބަބަކީ ހަނދު ދުނިޔެ އާއި ކައިރިވެ އެހެން ދުވަސްތަކާއި ޚިލާފަށް މިރޭގެ ހަނދު ބޮޑުކޮށް ފެންނާނެތީއެވެ.

އެމެރިކާގެ ޖައްވީ އިދާރާ، ނާސާގެ ތަފާސްހިސާބުތަކުން ދައްކާގޮތުން ''ބްލޫ މޫން'' އެއް ފެންނާނީ ކޮންމެ ދެ އަހަރުން އެއް އަހަރު ނުވަތަ ތިން އަހަރުން އެއް އަހަރުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން