މިދައުރުގައި 1000 ޒުވާން ޚަޠީބުން ތަމްރީންކުރުމަށް އަމާޒު ހިފާފައިވާކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ޝަހީމު ވިދާޅުވީ މިދައުރުގެތެރޭގައި 1000 ޒުވާން ޚަޠީބުން މުޖްތަމަޢަށް ނެރުމަށް އަމާޒު ހިފާފައިވާ ކަމަށާއި މިހާތަނަށް ހިންގި ދެ ޕްރޮގްރާމުން 300 އަށްވުރެ ގިނަ ޚަޠީބުން ތަމްރީންކޮށްފައިވާ ކަމަށެވެ.

ސަރުކާރުން ހިންގާ މި ޕްރޮގްރާމަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަން ފާހަގަ ކުރައްވައި ވަޒީރު ވިދާޅުވީ މި ޕްރޮގްރާމުން ސަނަދު ހާސިލްކުރާ ޚަޠީބުން މުޖްތަމަޢުންވެސް ވަރަށް ބޮޑަށް ބަލައިގަނެފައިވާކަމަށެވެ.

ޒުވާން ޚަޠީބުން ތަމްރީންކުރުމުގެ ދެވަނަ ބުރުގެ ބައިވެރިންނަށް ސަނަދު ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ މުޖްތަމަޢަށް ބޭނުންވަނީ ނަމޫނާ ޒުވާނުންކަމަށެވެ. އެންމެ ނަމޫނާ ޒުވާނުންނަކީ ހުކުރު ދުވަހުގެ މިންބަރުން ހެޔޮ ކަންކަމަށް ގޮވާލާ ނުބައި ކަންކަން ނަހީކުރާ ޒުވާނުން ކަމަށް ވަޒީރު ވިދާޅުވިއެވެ.



މިޕްރޮގްރާމް ނިންމާ ޚަޠީބުން އެހެން ދާއިރާއެއް ޚިޔާރުކުރިނަމަވެސް މިކަން ދޫކޮށްނުލާ ކުރިއަށްދިއުމަށް ވަޒީރު ގޮވާލެއްވިއެވެ. ޚަޠީބުކަމުގެ ސަނަދު އޮތުމަކީ ޝަހްސިއްޔަތަށް އިތުރުވެގެންދާ އިތުރު ސިފައެއް ނުވަތަ މުއްސަނދިކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.


ޚަޠީބުން ތަމްރީން ކުރުމަށް ސަރުކާރުން ހިންގާ މިޕްރޮގްރާމްގެ ތެރެއިން ޚަތީބުންނަށް ޚުތުބާ ކިޔުމަށާއި، އިމާމުވެ ނަމާދު ކުރުމަށާއި، ދީނާ ގުޅުން ހުރި އެހެނިހެން ޚާއްޞަ ތަމްރީނުތައް ވަނީ ދީފައެވެ. ޒުވާން ޚަޠީބު ޕްރޮގްރާމަކީ ގްރޭޑް 10، 11 އަދި 12 ގައި އުޅޭ ދަރިވަރުންނަށާއި ސްކޫލް ނިމިފައިވާ ދަރިވަރުންނަށް ހުކުރު ކުރުމުގެ ހުއްދަ ދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ މިޕްރޮގްރާމަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން