ނައުޝާދަށް ޙަމަލާދިން ފިހާރަ
ނައުޝާދަށް ޙަމަލާދިން ފިހާރަ
މާލޭ ފިހާރައެއްގެ ތެރެއަށް ވަދެ ވަޅިން ހަމަލާދީ ސ.ހިތަދޫ، އިޒުމީރު، އަހުމަދު މުހައްމަދު ދީދީ (ނައުޝާދު) މަރާލި މައްސަލާގައި ހައްޔަރުކުރި ސިރުހާން އަލީ އާއި އިބްރާހިމް ފައިހު އެމީހުންގެ މައްޗަށް ދަޢުލަތުން އުފުލާފައިވާ ދަޢުވާތަކަށް އިންކާރު ކޮށްފިއެވެ.

ނައުޝާދު ނިޔާވެފައިވަނީ 24 ފެބްރުއަރީ 2023 ވަނަ ދުވަހު 21:30 ހާއިރު ކ. މާލެ، މާފަންނު މުރަނގަ މަގުގައި ހުންނަ "ކްލާސާ" ފިހާރަ ތެރެއަށް ބަޔަކު މީހުންވަދެ ތޫނު ހަތިޔާރުން ހަމަލާދީ އޭނާ ޒަޚަމްކޮށްލުމާ ގުޅިގެންނެވެ.

ނައުޝާދަށް ތޫނު ހަތިޔާރު ބޭނުންކޮށްގެން ހަމަލާދިނުމުގައި އަމަލީގޮތުން ބައިވެރިވި ކަމަށް ތުހުމަތުކޮށް ދަޢުލަތުން ދަޢުވާ އުފުލާފައިވަނީ ތ. ގާދިއްފުށީ ގުލޭނޫރަންމާގޭ ސިރުހާން އަލީ އާއި ސ. މަރަދޫފޭދޫ ރަށްދެބައިގެ އިބްރާހީމް ފައިޙް ނިޡާމުގެ މައްޗަށެވެ.

މި މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންގޮސްފައިވާއިރު މިދެމީހުންގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ނ) ގެ ދަށުން، ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ.

މިއަދުގެ އަޑުއެހުމުގައި ދެމީހުންވެސް ވަނީ ދަޢުލަތުން ކޮށްފައިވާ ދަޢުވާއަށް އިންކާރު ކޮށްފައެވެ.

އެހެންކަމުން މައްސަލައިގެ ޝަރީޢަތުގެ މަޖިލީހުގައި މައްސަލަ ބައްލަވާ ޤާޟީ އައިޝަތު ނުޒުހާ މިއަދު ނިންމަވާފައިވަނީ މި މައްސަލައަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަމަށެވެ. އަދި އަޑުއެހުން ނިންމާލާފައިވަނީ ސެޕްޓެމްބަރު ހަތަރުވަނަ ދުވަހު އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށް އިއުލާނު ކުރެއްވުމަށް ފަހުއެވެ.

ކްލާސާ ފިހާރަތެރޭގައި ހިންގި މާރާމާރީގައި ލިބުނު ޒަޚަމްތަކުގެ ސަބަބުން ނައުޝާދު ނިޔާވެފައިވާއިރު މި ހަމަލާއަކީ މާލޭގެ ގޭންގުތަކުގެ މެދުގައި ހިނގި ހަމަނުޖެހުންތަކެއްގެ ތެރެއިން ދިން ހަމަލާއެއްކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފެބްރުވަރީ 27 ވަނަ ދުވަހު އައްޑުއަށް ނިސްބަތްވާ 30 އަހަރުގެ ޒުވާނާ ނިޔާވިއިރު ފަރުވާދެމުންދިޔައީ ވެންޓިލޭޓަރުގައެވެ.

ކްލާސާ ފިހާރަ ތެރޭގައި ހިންގި މާރާމާރީގެ މަންޒަރު ދުށް ބައެއް މީހުން ބުނީ އެ ފިހާރަ ތެރެއަށް މުޙައްމަދު އަޙްމަދުދީދީ ވަނީ ބަޔަކު މީހުން އޭނާ ހޯދަން އަންނާތީ ފިލަންވެގެން ކަމަށެވެ. ނަމަވެސް އެ ފިހާރައަށް ވަނުމުން ސައިކަލެއްގައި އައި ދެ މީހަކު ވަދެ ވަޅިން ހަމަލާ ދިނީ ކަމަށް މަންޒަރު ދުށް މީހުން ބުނެފައިވެއެވެ.

ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު އެމައްސަލާގައި ވިދާޅުވީ، އެ މާރާމާރީ އަކީ މާލޭގެ ދެ ގޭންގަކަށް ނިސްބަތްވާ ދެ މީހެއްގެ ދެމެދުގައި 2023 ވަނަ އަހަރުގެ ކުރީކޮޅު ޖެހުނު މައްސަލައަކާ ގުޅިގެން ހިންގި މާރާމާރީއެއް ކަމަށެވެ. އެގޮތުން އެއީ 'ކުޑަހެންވޭރު' ކިޔައިގެން އުޅޭ ބަޔަކާއި 'އެންސީ' ކިޔައިގެން އުޅޭ ބައެއް ހިންގި މާރާމާރީއެއް ކަމަަށް ހަމީދު ވިދާޅުވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން