މާލެއާއި ހުޅުލެއާއި ދޭތެރޭ އަޅާފައިވާ ބުރިޖަކީ އެޅިދާނެ ބުރިޖެއްކަމަށް އޭރުގެ ރައީސް ޔާމީން ވެސް ގަބޫލުފުޅު ނުކުރައްވާކަމަށް އޭރުގެ ނާއިބު ރައީސް އަޙްމަދު އަދީބު ވިދާޅުވެއްޖެއެވެ.

ބުރިޖުގެ ލޭނެއް މަދުކަމަށްބުނެ އެކަމުގެ ޒިންމާ މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިސްތަށިފުޅުގައި އިދިކޮޅު ފަރާތްތަކުން ހާއްސަކޮށް ރައީސް ޔާމީން އަޅުވަމުންދާ މި ދަނޑިވަޅުގައި އަދީބު މިއަދު ވަނީ މިކަމާ ގުޅޭ ވީޑިއޯ މެސެޖެއް އާންމު ކުރައްވާފައެވެ.

އެ މެސެޖުގައި އަދީބު ވިދާޅުވީ، ބުރިޖުގެ މަސައްކަތަކީ ރައީސް ޑރ. މުޢިއްޒު އިސްވެ ހުންނަވާ ކުރިއަށް ގެންދެވި ކާމިޔާބު ދިވެހީން ފަހުރުވެރިވާންޖެހޭ ފަދަ މަސައްކަތެއް ކަމަށެވެ. އަދި ބުރިޖުގެ މަސައްކަތްތައް ހިންގުމަށް ޔާމީން ހަވާލު ކުރެއްވީ އަދީބުއާއި ކަމަށާއި ކޮންމެ ކަމެއް ވެސް ކުރަންޖެހުމުން އެކަމެއް ހަވާލު ކުރައްވަނީ އަދީބާއި ކަމަށް އޭނާ ވިދާޅުވިއެވެ.

އަދީބު ވިދާޅުވީ، ޔާމީން އެކަންކަމާ ނޫޅުއްވާ ކަމަށާއި އޭރު ޔާމީންގެ އެއްބާރުލުން ބުރިޖުގެ މަސައްކަތުގައި ލިބުނީ ވަރަށް މަދުންކަމަށެވެ. އަދި ޔާމީން ވެސް ބުރިޖު އެޅިދާނެކަމަށް ގަބޫލުފުޅު ނުކުރައްވާކަމަށާއި އޭރު ތިބި ބައެއް ވަޒީރުން ވެސް އެކަން ގަބޫލު ނުކުރައްވާކަމަށް އަދީބު ވިދާޅުވިއެވެ.

އަދީބު ވިދާޅުވީ، އޭރު ބުރިޖުގެ ކުރެހުން އިފްތިތާހު ކުރި ޖަލްސާގައި ވެސް އެކަންކުރަން ޔާމީން އަރިހުގައި ދެންނެވުމުން އެކަންވެސް އަދީބު ކޮށްލުމަށް އެންގެވިކަމަށެވެ. އޭގެ އިތުރުން ޗައިނާގެ ރައީސް ވަޑައިގެންނެވި ދުވަހު ވެސް ޗައިނާގެ ރައީސަށް ވެސް ބުރިޖުގެ ކަންކަމުގައި ނެގޯޝިއޭޓް ކުރަން ޔާމީން ހަވާލު ކުރެއްވީ އަދީބާއި ކަމަށް އޭނާ ވިދާޅުވިއެވެ.

އަދީބުގެ ވީޑިއޯ މެސެޖުގައިވަނީ މިހާރު ބުރިޖުގެ ލޭނެއް މަދުކަމަށް ވިދާޅުވެ ޔާމީން، ރައީސް މުޢިއްޒާއި ގުޅުވައި ދައްކަމުންދާ ވާހަކަތައް އެ ދައްކަވަނީ ޒާތީކަމެއް އޮންނާތީކަމަށް ވިދާޅުވެފައެވެ.

އެގޮތުން އެކަން ފެށުނީ ރައީސް ވަހީދުގެ ވެރިކަމުގައި ޔާމީނާއި ގުޅުންއޮތް ގޭންގަކަށް ނިސްބަތްވާ ޕާކެއް ބަންދުކުރި މައްސަލައެއްގައި ކަމަށާއި އެކަމުގައި ޔާމީން، މުޢިއްޒުއަށް ގުޅުއްވާ ވަރަށް "ހުތުރު އެއްޗެހި ގޮވި" ކަމަށް އަދީބު ވިދާޅުވިއެވެ.

އަދި އޭގެފަހުން ޔާމީން، މުޢިއްޒާއި މެދު ޒާތީކަމެއް ގެންގުޅުއްވާ ކަމަށާއި އެގޮތުން، ބުރިޖުގެ މަސައްކަތް ތަންފީޒު ކުރައްވާނީ ހައުސިންގ މިނިސްޓްރީން މުޢިއްޒު ކަމަށްވާތީ އިކޮނޮމިކް ކައުންސިލްގައި މުޢިއްޒު އިންނަވަން ވާނެކަމަށް ޔާމީނަށް އަދީބު ދެންނެވި ކަމަށާއި ނަމަވެސް، އެ ކައުންސިލްގައި ވެސް މުޢިއްޒު ނުހިމެނުއްވިކަމަށް އަދީބު ވިދާޅުވިއެވެ. އަދީބު ވިދާޅުވީ ޔާމީން، މުޢިއްޒު ގެންގުޅުއްވީ ވަރަށް ބޮޑަށް އެކަހެރި ކުރައްވައިގެން ކަމަށާއި ނަމަވެސް، މިއަދު ފެންނަ ބުރިޖަކީ ރައީސް މުޢިއްޒުމެންފަދަ ބޭފުޅުންގެ ބުރަ މަސައްކަތް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް

ޓްރެންޑިން