މިއަދުވެސް ހއ. އުތީމުން ބޮޑު ތަކުރުފާނު ފަދަ ޝަހުސިއްޔަތެއް ނުނެރެވޭންވީ ސަބަބެއް ނެތް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ގައުމީ ދުވަހުގެ މުނާސަބަތުގައި ރޭ އުތީމުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އުތީމަކީ މަދަރުސާއެއް ކަމަށެވެ. އެގޮތުން އެއީ މި އުއްމަތަށް ޒައާމަތެއް ނެރުއްވި މަދަރުސާއެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އުތީމަކީ ކިތަންމެ ކުޑަ ރަށެއް ނަމަވެސް އަދި އަފުރާދުން ކިތަންމެ މަދަސް ދިވެހީންގެ މި ފަހުރުވެރި ތާރީހުގައި އުތީމުގެ ނަން ލިޔެވިފައި އޮތީ ރަން އަކުރުން ކަމަށެވެ.

"މިއަދުވެސް ހަމަ އުތީމުން ހަމަ އެފަދަ ޝަހުސިއްޔަތުތައް ނުނެރެވެންވީ އެއްވެސް ސަބަބެއް ނެތް. މުހައްމަދު ތަކުރުފާނުގެ މި ފަސްގަނޑުން އަޅުގަނޑުމެން މި އެދެނީ އިތުރު އެފަދަ ޝަހުސިއްޔަތުތައް މި ގައުމަށް ނެރެދެއްވުމަށް. އުތީމާއި މި އަތޮޅަކީވެސް މި ރާއްޖެއަށް ސިޔާސީ އެތައް ލީޑަރުންނެއް ނެރުއްވި އަތޮޅެއް." ޝަހީމް ވިދާޅުވި އެވެ.

ހަމަ އެހެންމެ މިހާރު ރާއްޖޭގެ ޒައާމަތުގައި ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒަކީވެސް އެ އަތޮޅާއި ގުޅުން އޮތް ބޭފުޅެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. ރައީސް މުއިއްޒުގެ ބައްޕާފުޅު ނިސްބަތްވަނީ ހއ. ވަށަފަރަށެވެ.

އަދި އޭގެ އިތުރުންވެސް ހއ. އަތޮޅުން އެތައް އިލްމީ ބޭފުޅުންނެއް ނެރެދެއްވާފައިވާ ކަމަށާއި އެކަމާމެދު އުފާ ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން