މުޙައްމަދު ނާޖިޙު   8 ސެޕްޓެމްބަރު 2024 - 15:46
އެއްދުވަސްވަރަކި ރާއްދޭ ކޮންމިޔަސް އަތެޅަކި ދެކުޱުކެޑެ ހެއުވަރަ ވަރަކުގެ ނަލަ ދޮންވެލި ފީށައު އޮއް. އެފިށި އޮންނެއި އެއަތެޅެ އެހެން ހުށުހެއި ރަށަކާއި ދުރެ، ވަކިން. އެހެންވީމެއި އެފިށިގަނޑަ ވީ، ކަނޑަފަރުން ކާއިވޭނޑޭ ދީޱާމެންގެ ސުވަރުގާކަށް. އިންސިއަކާގެ ފުށުން އެއްވިޔަސް ތުރާލައް ނިފޯރައި ދީޱާމެން ދީޱިފީށެ ވޭނޑެމުން ގެއި ނިލާހެކި އުފަލި. އަބަދަށް ކާއޭ ލިބިލިބި އޮވެއި. ރުކައްގިހައް ނެއް ތާންހެދީ އެތާނކައު އެހެން ބާވައްތަކި ދީޱާމެއްޔެ ނިއެތާ. ވީމެއި މިޅި އެދީޱިފިށި އޮންނެއި އިޔާމެންނައު ހިތަކަށް ލިބިފެއި.

މިދީޱާމެން މެހެން ވޭނޑޭ ވޭލެއި އެއްދުވަކި އިރިފުހިފުހި އޮއްވޭލެއި އެފީށަށް ދިކޮއިޔައް ބާއި. މިޔާ އާސް އެރެއި އެރަށި މަޑަކެޑުމުގެ ހުއްދާކައު އެދިގައް. އެކަމަކި އެކަމާއި އެރަށި ދީޱާމެން ނިރުހޭހެން ހީވެގެން ދިކޮއިޔޭ ކޭފި. "މަ މިތާން އައި އެއްލެހެކިޔަސް ތެވެންނައް ތުރާއުކެރާކަށް ނުން. އުދުހެމުން އުދުހެމުން އާސް ލޮޑޮވެގެން މިފިށިގަނޑަ ފެނިގެން މަޑަކޮށްލީ. އިތިރަށް އުދުހޭޱެ ވަރަކަސް މަ ގާކި ނެއް. އުދުހިގައްފެހެނާ ކަނޑަށް ވެއްޓި މަ މަރަަސް ވެފޭހެއް. އަވަ ތެވެންނަށް ތުރާއު ނިކޮށް ފަތުސްވީމެއި އުދުހިގެން އެބޭށުން."

ދިކޮއްޔޭގެ އާދޭސް އަހަފެއި ފިށިގަނޑި ދީޱާމެންގެ ހިތަށް ކެޑެ އަސަރަކުން އިޔާމެއްޔެ ދިއްކޮއްޔޭ އިޔާމެންގެ ފިށިގަނޑި މަޑަކެޑުމުގެ ހުއްދަ ދެރެފިޔެ. ދެން އިޔާސް ފިށިގަނޑި އެންމެ ހިކިކޮށް އޮއް ތާން ބަލަފެއި އެތާނކި ހަމަޖެހިގައް. އަދި ވޭލެކެޑަކުން އިޔާށް ނިދިއަސްގެ.

ދިކޮއްޔޭ ނިދައި މަރަވީމެއި ފިށިގަނޑިދީޱާމެންގެ އެންމެ ހަރަ މުސްކުޅި ދީޱާ ފިށިގަނޑި ތަންކެޑައް ދުރު ހިސާބަކަށް ހުށުހެއި ދީޱާމެން އެއްކޮށްފެއި ބާހިށުވައި ކޭފި. "މަ ކުރިން ބަހައް ނިކީ ތެވެރިންގެ މުއަކަމުން މަދައްކާ ވާހަކަ ތެވެރިން ނިއަހާޱެކަން މައު އެނގޭހެދީ. އެހެން ފެހެނާކިއަސް މަ ބެޱަލާއު އޮތީ އެއްގަމި ވޭނޑޭ ދީޱަކަށް އަފިރިންގެ މި ފިށިގަނޑި މަޑަކެޑުމުގެ ހުއްދަ ދިނުމަކީ ވަރަށް ގޯސްކޮށް ތެވެރިން ކެޑެ ކަމަކާއު. އެއްވިޔަސް ޝައްކައް ނެތި އިޔާގެ ފުށުން އަފިންނަށް ބޮނޑޮ ދެރާއް ލިބޭހެއް."

މުސްކުޅި ދީޱާ މެހެން ބެޱިހެއިލަހަށް އެތަނުން އެއް ދީޱި ކޭފި. "ތެކަހަލެއި އަބަހައްދަވެގޭ ވާހަކަ ނިދައްކައި އެބީނދު. އެ ދިކޮއްޔޭ މިތާން އާކަލަސް ހިށީ މާނޭވާލީފެއި. މިތަނި މަޑަނިކޮށް އުދިހިގައްފެހެނާ ކަނޑަށް ވެއްޓި މަރަސްވެފޭހެއް. އިޔާއު އަފިއްނަށް ކޮން ގެއްލުމައް ދިޔޭޱެއި. އިޔާ ކާޱެ ކަހަލުގެ އެއްތައް މިތާނކުން ލިބޭޱެއިއަސްނުން. ފަތުސްވީމެއި އިޔާ އުދުހިގެން އެބޭހެއް. އަފިރިން ކެޑެއި ހެއުކަމައް. ހެއުކަމައް ކޮށްގެން ދެރާއް ނިލިބޭހެއް." ދެން ތިބި ދީޱާމެންނަސް މިޔާގެ ބަހަށް ތާއީދުކޮއްލިޔެ.

މިކަމާއި މުސްކުޅި ދީޱާ ބެޱި. "މަ މިބެޱީ ތެދައްކަން އަދި ތަފިންނަށް ވިސްނޭހެއް."

ކޮންމިޔަކަސް ފަތުސްވީހެއިލަހަށް ދިކޮއްޔޭ ތެދީގެން ފިށިގަނޑި ދީޱާމެންނަށް ޝުކުރު އަދާކޮށްލާއި އުދުހިގެން އެބެގެ. އިޔާ އެބެގޭމެއި މުސްކުޅި ދީޱާއި ދިމާށް ހޮއްލި ދީޱާ އިޔާއި ދިމާށް ބެޱި. "ކޮބަ އަވަ ބެޱިންނުން އިޔާގެ ފުށުން އެއްވިޔަސް ތުރާލައް ނިވޭށިއެ. ދެނަސް ކަންބޮނޑޮވޭށް ނިޖެހޭ ކަހަލެއި ކަންކަމި އެކަހަލެއި ހޮޅިނިގަޱާހެއްތި." މިޔާ މެހެން ބެޱިމެއި މުސްކުޅިދީޱާ އެއްބަހަސް ނިކި.

ކޮންމިއަކަސް އެއްކަލަ ދިކޮއްޔޭ އެތާން ގުއައްލީކަން މިޔާމެއްޔެ ދޭނަތާ. އެ ގުއާއި އެ ދިކޮއްޔޭ ކުރިން ކޭ މޭވާކި އެށެ ހަރަލާފެއި ހިށި. ދެން ވައިއެއި އެއްކޮށް އެ ގުއާއި މައްތަށް ވެލިއަރައި އެ އެށެ ބިމެ ވަޑިލީގެ. ދުވަަސްގަނޑަކުން ގެރި، ފެރެތުމަ ވާރެއިއަށް ފަހި އެއްކަލަ އެށެ ވަޑިލިއެޱެ ތަނުން ގިސްފަޑައި ދޮންވެލި ފިށިގަނޑުން ކުދު ފެހި ކަމައް ދައްކަލި.

މަސްތަކައް ފާއިތުވެގެން ގޮސް އެއްކަލަ ތަނި ފެޑި ގިސް ވަރަށް ބޮނޑޮވެގެ. އެއްކަލަ މުސްކިޅި ދީޱާ މިތަން ދައްކަފެއި ކޭފި. "ތަފިރިޔެ ބަލަފެލެއު! މީ ދުވަހަށް ވީ ކަމައް ނުން. ދުވަސްކެޑަކުން މިޅި ފިށިގަނޑަށް މީ ފެތުރިގަންނަހެއް. އެންމެފަހުން އަފިރިން ޖެހޭޱެއި މިފިށި ދޫކޮށްލާއް." އެކަމަކި އޭ، ދެން ތިބި ދީޱާމެން މާ ކަންބޮނޑޮވޭ ކަމަކަށް ނިވި. އިޔާމެންގެ އެތެރުން އެކެތި ކޭލި. "ގިސް ހެދެޱެމެއި އަފިންނަށް ރަންގަޅައި ނުނީ. ގާމުން ކުދުކޮށް ހިޔައުކެޑަކަސް ލިބޭހެއް. މުސްކުޅިދީޱާ މާ ކަންފަލަކެރަނީއޭ!"

ދެން ދުވަސްތައް ފާއިތުވެމުން ގޮސް މިޅި ދީޱިފީށެ ރަޅަނިއަރައި ހިކިކޮށް އޮއް ބިން އޮއް ލެކަށް ގިހުން ފުރިގެ. އިޔަށްފަހި އެއް ދުވަހަކި ކޮޑޮދޯޱަކުން ދީޱިފީށަށް މީހައް ބާއި. މިމީހާ އާސް މިޅި ރަށި ހިނގައި ހިނގައި ބަލައި ބަލަފެއި އެރިގެން އިޔެގެ ރަށައު އެބެގެ. ރަށަށް ގޭ ލެކަށް ގޮސް އަތެޅެވެރިޔާށް ސިޓީއައް ފެނޑުވަގެން ދީޱިފިށި ބޭޱުންކެޑުމުގެ ހުއްދާކައު އެދިގައް. އެމީހާ އެދެޱެ ލެކަށް އަތެޅެވެރިޔާ އެމީހާއު އެރަށް ލޭއިދެރެފި.

ދެން ޖެހިގެން އާ ދުވެހި އެމީހާ އެޅެރުކާއި ދިއްގެއި އިފާއި ކައުޱި އިފާއި ހިފަގެން ދީޱިފީށައު އާސް މި ރުއްގިސް އެރަށި ޖަހަލި. ދެން އެކި ދުވަސް ދުވަސް މަތިން މީނަށް ފެންދެރެ މީ ހަދުވާށް ފައްޓަގައް. ދެން އަހަރަތައް ފާއިތުވެގެން ގޮސް މި ރުއްގިސް ބޮނޑޮވެ ރުކެ އެއްތެތި ގަންނަށަސް ފައްޓަގައް. އެހެއިސާކުން މިދެ އެރަށި ކުދު ޖިފުޓިގަނޑަކަސް އެޑަލާއި ވަޑަކަސް ބާވި. އެކަލަސް އެއްކަލަ ދީޱާމެއްޔެ މިރަށި ވޭނޑެތާ.

ދެން މިމީހާ އިޔެގެ އަންހެނުންނާއި ކުދިވެރިންނަސް އެރަށަށް ގިނޭށް ފައްޓަގައް. މެހެން ގޮސް ތިބޭކޯ އެމީހާ ރުކުން ކައިށިއެޑައި، ކައިށި ސެހައި ހަދާކޯ އިޔެގެ އަންހެނުން ކައްކާށް ދަރަހޮވާށް ވޭނޑެއި. ކުދިވެރިން ކެރާ ކަމަކީ ތޫނޑަށް ގޮސް ދީޱާމެން ފަހައި ދިވުން. އަދި ދީޱި ބިހައް ފެނިގޭފެހެނާ ނާގެން ގޮސް މެލުވަގެން ކާއި ހެދުން. ދެން އެފިރިހެންމީހާސް ދޭތެރަކުން އެތަނުން ދީޱައް ހިފަގެން އާސް ފިޔަކޮށަފެއި ބެނދަފެއި ކޮއްޔާމެން ކޮޅޮނަށް ދެރެހަދައި.

އެންމެ ފަހުން އެއް ރިއަކި އެއްކަލަ މުސްކުޅިދީޱާ އިޔާމެންގެ އެތެރުން ބާކީ ހާލެއި ޖެހިފެއި ތިބި ދީޱާމެން އެއްކޮށްލި. އެކޯ މުސްކުޅި ދީޱާ ހިށީ މުސްކުޅިވެގެން ގޮސް ހޮއްޑޮޑޮކާފެއި. އިޔާ ދީޱާމެން އެކެހޭ ބެޱި. "އަވަ ތެވެންނައް އިންޒާރަދިނިން! އެކަމަކި ތަފިރިންގެ އެތެރުން އެހެކަސް މަގޭ ވާހަކަ އަޑަނިއެހި. މިކޯ މިރަށް މީ އަފިންނައު އެއްލެހެކިޔަސް ރައްކޯތެރި ރަށައްނުން. މީ އެދުވެހި ދިކޮއްޔޭ މިރަށި މަޑަޖަހާށް ތަފިރިން ހުއްދަދިންކަމުން އަފިންނަށް ޖެހެޱެ ހާލަ. މީދެން މިކޯ އެވެރިންގެ ރަށައް. އަފިރިން ޖެހެނީ ދެން މިރަށުން އެރިގަންނަށް."

ޖެހިގެން އާ ދުވެހި ފަތުހެއި، ދީޱާމެން އެވެރިން އަތުން ހެދެޱެ ގޯހުން ގެއްލެޱެ ރަށާއި ދިމާށް ހިއްދަތިކަމާއި އެއްކޮށް ބަލަލާފެއި ރައްކޯތެރި އައު ރަށައް ފެނޭތޯ ބަލާށް އުދުހިގެން އެބެގެޔެ.

މީ އައްޑޫ ރެކިބެއާގެ ފުށުން އަޑައަހަގެން ފުވައްމުލަކި ކަރާނުގޭ ހަސަންދީދީ ކޭއިދިންމެއި އިސްޕޭނެ ޝަވިއޭރ ރޮމޭރޯ-ފްރިއާސް އިނގިރޭސި ބަހަށް ތަރުޖަމާކޮށްގެން ލޭފެއި އޮއް "ދަ ސޭންޑްބޭންކް އޮފް ދަ ސީބަރޑްސް" އަސްލަކަށް ބަލަގެން ލެއް ވާހަކާއް.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން