މާލޭ ނޯތު ހާބަރުގެ ފިންގަރ ޖެޓީ މަޝްރޫއުގެ ކޮލަމް ޖެހުމުގެ މަސައްކަތް, ފޮޓޯ: އެމްޓީސީސީ
މާލޭ ނޯތު ހާބަރުގެ ފިންގަރ ޖެޓީ މަޝްރޫއުގެ ކޮލަމް ޖެހުމުގެ މަސައްކަތް, ފޮޓޯ: އެމްޓީސީސީ
މާލޭގެ ނޯތު ހާބަރު ތަރައްގީކުރުމުގެ ގޮތުން ކުރިއަށްގެންދާ ފިންގަރ ޖެޓީ މަޝްރޫއުގެ ދަށުން، 15 މީޓަރުގެ ޖެޓީތަކަށް ބޭނުންވާ ކޮލަމް އެޅުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި، އަންނަ ހަފުތާގެ ނިޔަލަށް އެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

މި މަޝްރޫއުގެ ތަފްސީލު ހާމަކުރަމުން އެ ކުންފުނިން ބުނީ، ކޮލަމް އެޅުމުގެ މަސައްކަތާއެކު އެއްވަގުތެއްގައި ރީއިންފޯސްމަންޓުގެ މަސައްކަތްތައް ވެސް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށެވެ. އަދި އަންނަ ހަފުތާގެ ތެރޭގައި މި ޖެޓީތަކުގެ ކޮންކްރީޓް އެޅުމުގެ މުހިންމު މަރުހަލާގެ އަމަލީ މަސައްކަތްތައް ފެށުމަށް މިހާރު ތައްޔާރުވަމުން އަންނަ ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.

ދައުލަތުގެ ބަޖެޓުން 18.98 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި ބޮޑު މަޝްރޫއުގެ ދަށުން ޖުމްލަ 6 ފިންގަރ ޖެޓީ ހެދުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ހިމެނެނީ 25 މީޓަރު ދިގު، 6 މީޓަރު ފުޅާ 3 ޖެޓީގެ އިތުރުން 15 މީޓަރު ދިގު، 6 މީޓަރު ފުޅާ 3 ޖެޓީއެވެ.

މާލޭގެ އުތުރު ބަނދަރަކީ އަތޮޅުތެރެއިން މާލެއަށް މީހުންނާއި މުދާ އުފުލުމުގައި އެންމެ ބާރުބޮޑު އެއް ސަރަހައްދަށް ވުމާއެކު، މި މަޝްރޫއަކީ އާންމު ދަތުރުވެރިންނަށް ދިމާވެފައިވާ ގިނަ ދަތިތަކަކަށް ދާއިމީ ހައްލެއް ގެނެސްދިނުމުގެ މަގުސޫދުގައި ފެށި މަސައްކަތެކެވެ. އެގޮތުން، މި ޖެޓީތައް ނިމި ބޭނުންކުރަން ފެށުމުން ބަނދަރުގެ ތޮއްޖެހުން ބޮޑުތަނުން ކުޑަވެގެންދާނެއެވެ. އަދި އެއްފަހަރާ ގިނަ އަދަދެއްގެ ލޯންޗުފަހަރަށް ފަސޭހަކަމާއެކު ކައިރިކޮށް، ޖެޓީގެ ހިދުމަތް އެއްވެސް ދަތިކަމެއް ނެތި ލިބިގެންދާނެ ކަމަށް އެމްޓީސީސީން ފާހަގަކުރެއެވެ.

މީގެ އިތުރުން، މިހާރު ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ބަނދަރު ފުރިފައި އޮތުމުގެ ސަބަބުން ބޭރުގައި އޮންނަ އުޅަނދަށް އެރުމަށްޓަކައި، އެތެރޭގައި އަޅާފައި ހުންނަ އެތައް ލޯންޗެއްގެ މަތިން ހިނގާފައި ދާންޖެހުމެވެ. މި މަޝްރޫއު ނިމުމަކަށް އައުމުން، އެއް ލޯންޗުން އަނެއް ލޯންޗަށް އަރައިގެން އުފުލަންޖެހޭ މި ބުރަ ނިމުމަކަށް އަންނާނެއެވެ. ހާއްސަކޮށް، އުމުރުން ދުވަސްވީ އިސްރަށްވެހިންނާއި، ކުޑަކުދިންގެ އިތުރުން ބަރު ލަގެޖު އުފުލާ ދަތުރުވެރިންނަށް އުޅަނދުފަހަރަށް އެރުމާއި ފޭބުމުގައި އިންތިހާއަށް ބޮޑު ލުއިފަސޭހަކަމެއް ލިބި، ދަތުރުވެރިންގެ ފުރާނައާއި މުދަލުގެ ރައްކާތެރިކަން އިހުނަށްވުރެ ބޮޑަށް ކަށަވަރުވެގެންދާނެއެވެ.

މި މަޝްރޫއު ފުރިހަމަވުމުން، ދަތުރުފަތުރުގެ ދާއިރާއަށް އަންނާނެ ބޮޑު ކުރިއެރުމެއް ކަމަށާއި، އޭގެ ސަބަބުން ލޯންޗުފަހަރު ފުރުމާއި ލެފުމުގައި ހޭދަވާ ވަގުތު ކުޑަވެ، ހިދުމަތްތައް ކުރިއަށްވުރެ އެތައް ގުނައެއް އަވަސްވެގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް