މަރްޔަމް ނަހްދާ ވަޙީދު   10 ސެޕްޓެމްބަރު 2024 - 0:45
މާ ބޮޑަށް ސްޓްރެސް ވުމުން ބޮލުގައި ނުރަ ޖަހާ- ގޫގުލް އިމޭޖެސް
މާ ބޮޑަށް ސްޓްރެސް ވުމުން ބޮލުގައި ނުރަ ޖަހާ- ގޫގުލް އިމޭޖެސް
އުމުރުން ދުވަސްވާ ވަރަކަށް މީހާގެ ހަށިގަނޑަށް ބޮޑެތި ބަދަލުތައް އަންނާނެއެވެ. ނުރަޖެެހުމަކީވެސް އުމުރުން ދުވަސްވުމުގެ ސަބަބުން މީހުންނަށް ދިމާވާ ކަމެކެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި ޒުވާން އުމުރުފުރައިގެ މީހުންގެ އިސްތަށީގައިވެސް ނުރަ ޖަހައެވެ. އަދި އޭގެ ސަބަބުން އެމީގުންގެ ސިފައަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ. މިކަން މިހެން ވުމަށް މެދުވެރިވާ ވަރަށް ގިނަ ސަބަބު ހުރެއެވެ.

މާބޮޑަށް ކަންކަމާމެދު ވިސްނައި ފިކުރުކޮށް "ސްޓްރެސް" ވާނަމަ އުމުރު ދެބައި ނުވަނީސް ބޮލުގައި ނުރަ ޖަހަން ފަށައެވެ. މިކަން މިހެންވަނީ ވިސްނާ ފިކުރު ކުރުމުގެ ސަބަބުން ހަށިގަނޑު އޮކްސިޑޭޓިވް ސްޓްރެސް އަށް ދާތީއެވެ. އަދި އޭގެ ސަބަބުން އިސްތަށީގެ ފޮލިކަލްތަކުގައި ހުންނަ ހައިޑްރޮޖެން ޕެރޮކްސައިޑު އިތުރުވެ އޭގެ ސަބަބުން މެލަނޯސައިޓުތައް ހަލާކުވާތީއެވެ. މެލަނޯސައިޓަކީ އިސްތަށިގަނޑުގެ ކުލަ ގަދަކޮށްދޭ މާއްދާކަމުން ހަށިގަނޑުން މި މާއްދާ މަދުވާވަރަކަށް އިސްތަށީގައި ނުރަ ޖަހާނެއެވެ.

މީގެ އިތުރުން ސިނގިރޭޓު ބުއިމަކީވެސް އިސްތަށީގައި ނުރަ ޖެހުން އަވަސްކޮށްދޭ ކަމެކެވެ. ސިނގިރޭޓު ބުއިމުގެ ސަބަބުން ހަށިގަނޑަށް ތަފާތު އެކި ކަހަލަ ކެމިކަލްތައް އެތެރެވެއެވެ. އަދި އޭގެ ސަބަބުން ހަށިގަނޑު އޮކްސިޑޭޓިވް ސްޓްރެސް އަށް ގޮސް ދުޅަވާގޮތްވެއެވެ. އަދި މިކަމުގެ ސަބަބުން ސިނގިރޭޓު ބޯތާ ގިނަދުވަސްވާ ވަރަކަށް އިސްތަށީގެ ފޮލިކަލްތަކުގައި ހުންނަ މެލަނޯސައިޓުތައް ހަލާކުވެއެވެ. އޭގެ ސަބަބުން އިސްތަށީގެ ކުލަ އަލިވެއެވެ.

ހަމަ އެހެންމެ ބައެއް ކަހަލަ އޮޓޯ އިމިއުން ބަލިތައް ޖެހުމަކީވެސް އިސްތަށީގައި ނުރަޖެހުން އަވަސް ކޮށްދޭ ކަމެކެވެ. އެގޮތުން އެނީމިއާ އާއި، އެލޮޕީޝިއާ އަދި ވިޓިލިގޯ ފަދަ އޮޓޯ އިމިއުން ބަލިތައް ތަހައްމަލު ކުރަމުންދާ މީހުންގެ އިސްތަށީގައި ވަރަށް އަވަަހަށް ނުރަޖަހައެވެ. މިކަން މިހެން ވަނީ މި ބަލިތަކުގެ ސަބަބުން އިސްތަށީގައި ހުންނަ މެލަނޯސައިޓުތައް ހަލާކުވާތީއެވެ.

މި މައްސަލަތަ ޖެހުމަށް މެދުވެރިވާ މިނޫންވެސް ވަރަށް ގިނަ ސަބަބުތައް ވެއެވެ. އޭގެ ތެރޭގައި މީހާގެ ޖެނެޓިކްސް އާއި، ދިރިއުޅެމުންދާ މާހައުލުގެ ސަބަބުންނާއި، ބައެއް ކަހަލަ ކެމިކަލްތައްވެސް ހިމެނެއެވެ. އިސްތަށީގައި އަވަހަށް ނުރަޖެހުން ހުއްޓުވަން ބޭނުންވާނަމަ މިކަން ދިމާވުމަށް މެދުވެރިވާ ސަބަބުތައް ދެނެގަތުމަކީ ވަރަށް މުހިންމު ކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން