ފިޝަރީޒް މިނިސްޓްރީން މިހާރު ކުރިއަށް ގެންދާ މަސްވެރިންގެ ދަފުތަރު އެކުލަވާލުމުގެ މަސައްކަތް އަންނަ މަހު ނިންމަން އެ މިނިސްޓްރީގެ ޓީމުތައް އަތޮޅުތަަކަށް ފޮނުވަން ފަށައިފި އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ދަފުތަރު ކުރުމުގެ މަސައްކަތް އަވަސްކުރުމަށް ރާއްޖެ ހަ ޒޯނަކަށް ބަހާލައިގެން ވުޒާރާގެ އެ މިނިސްޓްރީގެ ޓީމުތައް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ހުރިހާ އަތޮޅަކަށް ވުޒާރާގެ ޓީމުތައް ދަތުރުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަދި މި ހަފުތާގައި މިނިސްޓްރީގެ ޓީމުތައް ޅ، ދ، ލ، ގއ، އަދި ގދ އަތޮޅާއި އައްޑޫ ސިޓީގައި ހަރަކާތްތެރިވާނެ ކަމަށާއި ޚާއްޞަކޮށް މަސްކިރާ ސަރަހައްދުތަކުގައި ކުރިއަށް އޮތް ދުވަސްތަކުގައި މަސައްކަތްކުރާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ. އޭގެ ބޭނުމަކީ ވީހާވެސް ގިނަ މަސްވެރިންނާއި ބައްދަލުކޮށް ކެޔޮޅު އެޕްލިކޭޝަނާއި ދަފުތަރާއި ގުޅޭ މައުލޫމާތު ފޯރުކޮށް ދިނުން ކަމަށް ވެސް ބުނެފައި ވެއެވެ.

މަސްވެރިން ދަފުތަރު ކުރަނީ އެންޑްރޮއިޑް އަދި އައިއޯއެސް ފޯނުތަކުގައި ބޭނުންކުރެވޭ 'ކެޔޮޅު' އެޕްލިކޭޝަނުންނެވެ.

މިނިސްޓްރީން ބުނީ ށ، ރ، ގއ، އަދި ގދ އަތޮޅާއި ފުވައްމުލަކުގައި މަސްވެރިކަން ކުރާ 50 އިންސައްތައަށް ވުރެ ގިނަ މަސްދޯނި، މަސްވެރިންގެ ދަފުތަރުގައި މިހާރު ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ. އަދ އަމާޒަކީ އަންނަ މަސް ނިމުމުގެ ކުރިން މަސްވެރިކަމުގެ ލައިސަންސް ނަގާފައިވާ ހުރިހާ ދޯންޏަކާއި އެ ދޯނިތަކުގެ ފަޅުވެރިން ދަފުތަރުކޮށް ނިންމުން ކަމަށް މިނިސްޓްރީން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން