މިއީ އޭއައި ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯއެއް | ރަސް އޮންލައިން
މިއީ އޭއައި ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯއެއް | ރަސް އޮންލައިން
ވަން-ޓައިމް ޕާސްވޯޑް (އޯޓީޕީ) ހޯދައިގެން އީ-ސިމަށް ނަންބަރު ބަދަލުކޮށް، ބޭންކް އެކައުންޓްތަކާއި ސޯޝަލް މީޑިއާ އެކައުންޓްތައް ހެކްކުރުމުގެ އިތުރުން ހުއްދަނެތި ޑިޖިޓަލް ވޮލެޓް ހަދައިގެން ހިންގާ ސްކޭމްތައް އިތުރުވަމުންދާތީ އެކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ތަފާސްހިސާބުތަކަށް ބަލާއިރު އޮޅުވާލައިގެން ކުރާ ފޯނު ކޯލުތަކާއި އެސްއެމްއެސް މެދުވެރިކޮށް އޯޓީޕީ އަދި ވެރިފިކޭޝަން ލިންކުތައް ހޯދަން މަސައްކަތްކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.

މިފަދަ ކުށްތައް ހިންގުމުގައި މިހާރު އެންމެ އާންމުކޮށް ބޭނުންކުރާ އެއް އުކުޅަކީ، ޝިކާރައަކަށްވާ މީހާއަށް ގުޅައި، އެ ގުޅި މީހާ މިހާރު ބޭނުންކުރަމުންދާ މޮބައިލް ނަންބަރަކީ މީގެ ކުރިން އޭނާ ބޭނުންކުރި ނަންބަރެއް ކަމަށް ބުނެ އޮޅުވާލުމެވެ. އެގޮތުން، ދާދި ފަހުން ރާއްޖެއިން ބޭރުން އައިސް އުޅޭ ކަމަށާއި ކުރީގެ އީމެއިލް ނުވަތަ ސޯޝަލް މީޑިއާ އެކައުންޓްތައް ރިކަވާ ކުރަން ބޭނުންވާ ކަމަށް ބުނެ، ފޯނަށް ފޮނުވާ ވެރިފިކޭޝަން ކޯޑު ހޯދުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ފުލުހުން ބުނީ، މިފަދަ ކޯޑުތައް ހިއްސާކުރުމަކީ ހަމައެކަނި ސޯޝަލް މީޑިއާ ނުވަތަ އީމެއިލް އެކައުންޓެއް ގެއްލުމަށްވުރެ މާ ނުރައްކާތެރި ކަމެކެވެ. އެގޮތުން ސްކޭމަރުން އޯޓީޕީ އަދި ވެރިފިކޭޝަން ލިންކުތައް ބޭނުންކޮށްގެން ހިންގާ ނުރައްކާތެރި އަމަލުތަކުގެ ތެރޭގައި:

އީ-ސިމަށް ނަންބަރު ބަދަލުކުރުން: ސްކޭމަރުންގެ އަމިއްލަ ފޯނަށް، ޝިކާރައަކަށްވާ މީހާގެ މޮބައިލް ނަންބަރު އީ-ސިމް މެދުވެރިކޮށް ބަދަލުކޮށްލައެވެ. މީގެ ސަބަބުން އެމީހާގެ ފޯނު ލައިން ކުށްކުރާ މީހުންގެ ކޮންޓްރޯލްގެ ދަށަށް ގޮސް، ކުރިއަށް އަންނަން ހުންނަ ހުރިހާ ފޯނު ކޯލްތަކާއި ބޭންކިން އެސްއެމްއެސް އެލާޓްތައް ސްކޭމަރުންނަށް ލިބެން ފަށައެވެ.

ހުއްދަނެތި ޑިޖިޓަލް ވޮލެޓް ހެދުން: ކޮމްޕްރޮމައިޒްވެފައިވާ މޮބައިލް ނަންބަރާއި ޒާތީ މައުލޫމާތު ބޭނުންކޮށްގެން، އެމީހާގެ ނަމުގައި ހުއްދަނެތި އެކި ކަހަލަ ޑިޖިޓަލް ވޮލެޓުތައް ހަދައި، އެކި މުއާމަލާތްތައް ހިންގައެވެ.

މާލީ ބޮޑެތި ގެއްލުން ދިނުން: ވަގަށްނަގާ މައުލޫމާތުތައް ބޭނުންކޮށްގެން ބޭންކް އެކައުންޓްތަކަށް ހުއްދަނެތި ވަދެ، އެކައުންޓުގައި ހުންނަ ފައިސާ އެހެން އެކައުންޓްތަކަށް ޓްރާންސްފާކޮށް ބޮޑެތި މާލީ ގެއްލުންތައް ދަނީ ކުރިމަތިކުރަމުންނެވެ.

މިފަދަ ސްކޭމްތަކުން ރައްކާތެރިވުމަށްޓަކައި މުހިންމު ފިޔަވަޅުތަކެއް އެޅުމަށް ފުލުހުން ވަނީ އިރުޝާދު ދީފައެވެ. އޭގެ ތެރޭގައި އެއްވެސް ހާލެއްގައި އެއްވެސް މީހަކަށް އޯޓީޕީ ނުވަތަ ލިންކު ހިއްސާނުކުރުމާއި، ގުޅާ ފަރާތްތަކުން ދައްކާ ވާހަކަތަކުގެ ސައްހަކަން ކަށަވަރުކުރުން ހިމެނެއެވެ. އަދި ކުއްލިއަކަށް ފޯނުގެ ސިގްނަލް ކެނޑުން ފަދަ މޮބައިލް ކަނެކްޓިވިޓީއަށް އަންނަ ބަދަލުތަކަށް ސަމާލުވުމަށާއި، އެއްވެސް ޝައްކުކުރެވޭ ކަމެއް ފާހަގަކުރެވިއްޖެނަމަ ލަސްނުކޮށް ކަމާބެހޭ ފަރާތްތަކަށް ރިޕޯޓުކުރުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ.

ރާއްޖޭގައި މިފަދަ މަކަރާއި ހީލަތުގެ މައްސަލަތައް އިންތިހާއަށް އިތުރުވަމުންދާއިރު، މި ހިނގާ މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި އެކަނިވެސް 38 ސްކޭމެއް ހިންގައި، ތިން ލައްކައަށް ވުރެ ގިނަ ރުފިޔާ އާންމުންގެ އަތުން ފޭރިގެންފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ.



ކިޔުންތެރިންގެ ހިޔާލު