އިނިގިރޭސިވިލާތަށް ދަތުރުކުރުމުގެ ކުރިން ދިވެހީން އިލެކްޓްރޯނިކް ޓްރެވަލް އޮތަރައިޒޭޝަން (އީޓީއޭ) ނަގަން ޖެހޭ ގޮތް ހަދަން ނިންމައިފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ މިއީ އިނގިރޭސިވިލާތުގެ އިމިގްރޭޝަން ގަަވައިދަށް ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާތީ ނަގަން ޖެހޭ ހުއްދައެއް ކަމަށެވެ. އަދި އޭގެ މައިގަނޑު މަޤްޞަދަކީ އެޤައުމުގެ ބޯޑަރު ކޮންޓްރޯލް ސެކިއުރިޓީ ޑިޖިޓަލައިޒްކޮށް، އިތުރަށް ހަރުދަނާކޮށް، އިމިގްރޭޝަން ނިޒާމުގެ ނަހަމަ ބޭނުންކުރުން ހުއްޓުވައި، އިނގިރޭސިވިލާތަށް ވަނުމުގެ ކުރިން އިތުރު ސަލާމަތީ ފިޔަވަޅުތައް އެޅުންކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

އެކަން އިނގިރޭސިވިލާތުން މިހާރު ރާއްޖެއަށް ވެސް އަންގާފައިވާ ކަމަށާއި އެއާއެކު އަންނަ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހުގެ ކުރިން ރާއްޖެ ހިމެނޭ ގޮތަށް 49 ޤައުމެއްގެ ރައްޔިތުންނަށް އިލެކްޓްރޯނިކް ޓްރެވަލް އޮތަރައިޒޭޝަން (އީޓީއޭ) އަށް ރިކުއެސްޓް ކުރެވޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އަށަކުން ފެށިގެން އިނގިރޭސިވިލާތަށް ދަތުރުކުރެވޭނީ އީޓީއޭ ހޯދުމަށްފަހު ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

"އީޓީއޭއެއްގެ އަގަކީ 10 ޕައުންޑް ކަމަށާއި، އީޓީއޭގެ މުއްދަތަކީ 2 އަހަރު ދުވަސް ކަމަށާއި، ކޮންމެ ދަތުރެއްގައި އެއްފަހަރާ ގިނަވެގެން 6 މަސް ދުވަހަށްވުރެ އިތުރުނުވާގޮތަށް ނުވަތަ ޕާސްޕޯޓް މުއްދަތު ހަމަވަންދެން އިނގިރޭސިވިލާތަށް މަލްޓިޕަލް ދަތުރުކުރުމުގެ ހުއްދަ ދެވޭނެކަމަށް އެފަރާތުން ފާހަގަކޮށްފައިވެއެވެ. އަދި 02 އޭޕްރީލް 2025 އިން ފެށިގެން، އިނގިރޭސިވިލާތަށް ދަތުރުކުރާ، އިނގިރޭސިވިލާތާއި އަޔަލެންޑްގެ ރައްޔިތުން ފިޔަވައި ހުރިހާ ގައުމެއްގެ ރައްޔިތުންވެސް އިނގިރޭސިވިލާތަށް ދަތުރުކުރުމުގެ ކުރީން އީޓީއޭއަށް ރިކުއެސްޓް ކުރަން ޖެހޭނެކަމަށްވެސް ފާހަގަކޮށްފައިވެއެވެ."

އެހެންކަމުން އިނގިރޭސިވިލާތަށް ދަތުރުކުރުމަށް ބޭނުންވާ ދިވެހި ރައްޔިތުން މި ބަދަލުތަކަށް ސަމާލުކަން ދެއްވައި އިނގިރޭސިވިލާތުގެ އިމިގްރޭޝަން ޤަވައިދުތަކާ އެއްގޮތަށް އަމަލުކުރުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން