ދެމަފިރިން ދުރުކުރުމަކީވެސް މިހާރު އިސްލާމިކް މިނިސްޓްރީގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެއްތޯ، ވިދާޅުވެ ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ސުވާލު ކުރައްވައިފި އެވެ.

އިޔާޒް އެފަދައިން ސުވާލު ކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަތަކާ ގުޅިގެން ނެވެ.

އިޔާޒާއި މިނިސްޓަރު ޝަހީމްގެ ގުޅުން ގޯސްވީ ޣައްޒާގައި ހިންގަމުންދާ ގަތުލު އާންމާ ގުޅިގެން ރާއްޖޭގައި ހުންނަ ސައުދީ ސަފީރު ދިރިއުޅުއްވާ ގެކޮޅު ކައިރީގައި އަޑުގަދަކޮށް އުނދަގޫވާ ގޮތަށް އަމަލުކުރުމާ ގުޅިގެން އިޔާޒްގެ އަނބިކަނބަލުން ހައްޔަރުކުރުމުން ނެވެ. އެ މައްސަލައިގައި ޑރ. އިޔާޒް ވިދާޅުވީ ޑރ. ޝަހީމް އޭނާގެ އަނބިކަނބަލުން ވަރިކުރުމަށް މުހައްމަދު ޝިފާން މެދުވެރިކޮށް އެންގެވި ކަމަށެވެ.

އެ މައްސަލައާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓަރު އިއްޔެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ އަނބިކަނބަލުން ވަރިކުރައްވަން ވިދާޅުނުވާ ކަމަށާއި، އަނބިކަނބަލުން ކޮންޓްރޯލް ނުކުރެވޭ ވާހަކައާއި ޑރ. އިޔާޒްގެ ބަސް ނާހާ ކަމަށް މީސް މީހުންގެ ކައިރީގައި ދައްކަވަނީ ސީދާ ޑރ. އިޔާޒް ކަމަށެވެ. އަދި ޑރ. އިޔާޒަކީ މާތް ބޭފުޅެއް ކަމަށާއި އެހެންކަމުން ބަސްނާހާ ކުއްޖަކާ އިނދެގެން ނޫޅުމަށް ރަޙުމަތްތެރިއަކު ނަސޭޙަތްތެރިވުމުގެ މާނައަކީ ސަރުކާރުގެ ފަރާތުން އަންހެނުން ވަރިކުރަން އެންގުން ނޫން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އޭގެ ފަހުން އިޔާޒް މިނިސްޓަރަށް ރައްދު ދެއްވައި އެކްސްގައި ވަނީ އިސްލާމިކް މިނިސްޓްރީން ކުރާ މަސައްކަތްތައް ނޫސްވެރިންނަށް ހާމަކުރެއްވުމަަށް ރައީސް އޮފީހުގެ ޕޯޑިއަމްގައި ބޭއްވެވި ނިއުސްކޮންފަރެންސްގައި ދެމަފިރިއަކު ދުރުކުރުވަން މިނިސްޓަރު ވާހަކަ ދެއްކުމަކީ އެންމެ އެކަށީގެންވާ ކަމެއްތޯ ސުވާލު ކުރައްވާފައެވެ. އަދި ދެމަފިރިން ދުރުކުރުވުންވެސް އެއީ މިނިސްޓްރީގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނިފައިވާ ކަމެއްތޯ މިހާރު ސުވާލު އުެދިފައިވާ ކަމަށް އިޔާޒް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން