ޣައްޒާ ސިޓީގެ ގެދޮރު ގެއްލިފައިވާ މީހުން ހިޔާވަހިކަން ދޭ ސްކޫލަކަށް އިސްރާއީލުން ދިން ހަމަލާއެއްގައި ފަލަސްތީނުގެ 22 މީހަކު ޝަހީދުވެފައިވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ޣައްޒާގައި ހުންނަ ފަލަސްތީނުގެ ސިވިލް ޑިފެންސް އެޖެންސީން ވަނީ ހޮނިހިރު ދުވަހު ނިރުބަވެރި އިސްރާއީލުން ހަމަލާތައް އަމާޒުކޮށްފައި ވަނީ ޣައްޒާ ސިޓީގެ އިރުމަތީ ސަރަހައްދުގައި ހުންނަ ޒައިޓޫން ސްކޫލަށް ކަން ކަށަވަރުކޮށްދީފަ އެވެ.

މި ހަމަލާގައި ޝަހީދުވި މީހުންގެ ތެރޭގައި 13 ކުޑަކުދިންނާއި ހަ އަންހެނުންނާއި ތިން މަހުގެ ތުއްތު ކުއްޖަކު ހިމެނޭ ކަމަށް އެގައުމުގެ ސަރުކާރުގެ މީޑިއާ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.

ނިރުބަވެރި އިސްރާއީލުގެ މި ހަމަލާގައި 30 މީހުން ޒަޚަމްވެފައިވާ ކަމަށް މިނިސްޓްރީން ބުނެފައިވާއިރު، އޭގެ ތެރޭގައި އަލިފާނުގެ ސަބަބުން ހަށިގަނޑުގެ ބޮޑު ބައެއް ފިހިފައިވާ ބައެއް މީހުންވެސް ހިމެނެއެވެ. އަދި ދެ މީހަކު ގެއްލިގެން ހޯދަމުންދާކަމަށްވެސް ރިޕޯޓްތައް ލިބެއެވެ.

ސިވިލް ޑިފެންސްގެ ތަރުޖަމާނު މަހްމޫދު ބައްސާލް ފާހަގަކުރެއްވި ގޮތުގައި ގެދޮރު ގެއްލިފައިވާ އެތައް ހާސް ބަޔަކު އެ ސްކޫލުން ހިޔާވަހިކަން ހޯދާފައިވެ އެވެ.

މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރި ހަނގުރާމައިގައި ފަލަސްތީނުގެ 41،391 މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ އާންމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން