އިސްރާއީލުގެ އަސްކަރީ އިސްވެރިޔާ
އިސްރާއީލުގެ އަސްކަރީ އިސްވެރިޔާ
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އެ ގައުމުގެ އަސްކަރީ އިސްވެރިޔާ (ޗީފް އޮފް ސްޓާފް) އިއާލް ޒާމިރުގެ ދެމެދުގައި އީރާނާ ދެކޮޅަށް އަސްކަރީ ހަމަލާއެއް ދިނުމުގެ މައްސަލައިގައި ބޮޑު ހިޔާލުތަފާތުވުންތަކެއް އުފެދިއްޖެ ކަމަށް އިބްރާނީ ޗެނަލް 12 އިން ރިޕޯޓުކޮށްފިއެވެ.

މިއީ ކުރިއަށް އޮތް އިންތިޚާބުގެ ކުޑަދުވަސްކޮޅެއް ކުރިން އިސްރާއީލުގެ ސިޔާސީ އަދި އަސްކަރީ އިސްވެރިންގެ މެދުގައި ހިނގި ސީރިއަސް ކުރިމަތިލުމެކެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި، ސިޔާސީ ލީޑަރުންގެ ފަރާތުން ޒާމިރަށް ވަނީ އީރާނާ ދެކޮޅަށް ވަކި ޚާއްޞަ އަސްކަރީ ފިޔަވަޅެއް އެޅުމަށް އަމުރުކޮށްފައެވެ.

ނަމަވެސް ސެކިއުރިޓީ މަސްއޫލުވެރިން ވިދާޅުވާ ގޮތުގައި މި ފިޔަވަޅުގެ ސަބަބުން އީރާނާއެކު އަވަސް ނުރައްކާތެރި ކުރިމަތިލުމަކަށް ކަންކަން މަގުފަހިވެގެންދާނެއެވެ.

މައްސަލައިގެ ނާޒުކުކަމުން، ޒާމިރު ވަނީ އެ އަމުރު ތަންފީޒުކުރުމުގެ ކުރިން ސިޔާސީ ލީޑަރުން ސޮއިކުރައްވާފައިވާ ރަސްމީ ލިޔުމަކާއި ފުންނާބު އުސް މަޝްވަރާތަކެއް ބޭއްވުމަށް އެދިވަޑައިގެންފައެވެ.

އަސްކަރިއްޔާގެ އިސް މަސްދަރުތަކުން ބުނާ ގޮތުގައި، ސިޔާސީ ލީޑަރުން އީރާން މައްސަލަ ބޭނުންކުރަނީ އިންތިޚާބީ ފައިދާއެއް ހޯދުމުގެ މަގުސަދުގައި ކަމަށް ޒާމިރު އަދި ސިފައިންގެ އިސް ވެރިން ކަންބޮޑުވުން ފާޅުކުރައްވައެވެ.

އިސްރާއީލުގެ ސެކިއުރިޓީ އޮފިޝަލަކު ވިދާޅުވި ގޮތުގައި، މި ނިންމުމަކީ ކުއްލި ކުރިމަތިލުމަކަށް މަގުފަހިވެ، ސިޔާސީގޮތުން ނުބައި ޙިސާބުތަކެއް ޖެހުމަށް މަގުފަހިކުރާނެ ކަމެކެވެ.

މި ރިޕޯޓު ޝާއިއުކުރުމުގެ ހުއްދަ އިސްރާއީލުގެ މިލިޓަރީ ސެންސަރުން ވަނީ ދީފައެވެ.

ނަމަވެސް، ޗެނަލް 14 ގައި ވާހަކަދައްކަވަމުން ނަތަންޔާހޫ ވަނީ އަސްކަރިއްޔާއާއެކު އެއްވެސް މައްސަލައެއް ނެތް ކަމަށް ވިދާޅުވެ، އެ ރިޕޯޓުތައް ދޮގުކުރައްވާފައެވެ.

އިދިކޮޅު ލީޑަރު އަދި ކުރީގެ އަސްކަރީ ވެރިޔާ ގާދީ އައިސެންކޮޓް ވަނީ ޒާމިރުގެ ނިންމެވުމަށް ތާއީދުކުރައްވައި، ގައުމީ ސަލާމަތް ސިޔާސީ ކުޅިވަރަކަށް ނުހެދުމަށް ނަތަންޔާހޫއަށް ގޮވާލައްވާފައެވެ. މި ޚިޔާލުތަފާތުވުންތައް އުފެދިފައިވަނީ އޮކްޓޯބަރު 27 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބާ ދިމާކޮށެވެ.



ކިޔުންތެރިންގެ ހިޔާލު