ޝާން މުހައްމަދު   24 ސެޕްޓެމްބަރު 2024 - 23:17
ސްރީލަންކާގެ އާ ރައީސް އަނުރަ ކުމާރަ ދިސާނަޔަކަ، އެގައުމުގެ ގާނޫނު ހަދާ މަޖިލިސް އުވާލައްވައިފިއެވެ.

ގާނޫނު އަސާސީން ލަންކާގެ ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ރައީސް ދިސާނަޔަކަ އެގައުމުގެ ގާނޫނު ހަދާ މަޖިލިސް އުވާލައްވާފައިވާއިރު އަންނަ ނޮވެންބަރު މަހުގެ 14 ވަނަ ދުވަހު ލަންކާގައި އާންމު އިންތިޚާބު ބޭއްވުމަށް ވެސް މިހާރު ވަނީ ނިންމަވާފައެވެ.

ރައީސް ދިސާނަޔަކަ ވަނީ ލަންކާގެ ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ވެސް އިންތިޚާބު ކާމިޔާބު ކުރެވިއްޖެނަމަ ގާނޫނު ހަދާ މަޖިލިސް އުވާލައްވާނެ ކަމަށް ވިދާޅުވެފައެވެ.

ރައީސް ދިސާނަޔަކަގެ ކޯލިޝަން، ނޭޝަނަލް ޕީޕަލްސް ޕާޓީއަށް މިހާރުގެ މަޖިލީހުގެ 225 ގޮނޑީގެ ތެރެއިން އެންމެ ތިން ގޮނޑި ލިބިފައިވާތީ، އޭނާގެ ސިޔާސަތުތަކަށް އެތަނުގައި އާ މެންޑޭޓެއް ހޯދުމަށް ގާނޫނު ހަދާ މަޖިލިސް އުވާލަން ޖެހޭނެ ކަމަށް ސިޔާސީ ގިނަ ފަރާތްތަކުން ވަނީ ބުނެފައެވެ.

ލަންކާގެ ގާނޫނު ހަދާ މަޖިލިސް އުވާލި އިރު މިހާރުގެ ގާނޫނު ހަދާ މަޖިލީހުގެ ދައުރު ހަމަވާނީ އަންނަ އަހަރުގެ އޮގަސްޓު މަހުގައިކަން ފާހަގަ ކުރެވެއެވެ.

އެންމެ ފަހުން ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބެއް ބޭއްވީ 2020 ވަނަ އަހަރުގެ އޮގަސްޓް މަހުގައެވެ. އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން ހޮވަނީ ފަސް އަހަރުގެ ދައުރަކަށެވެ.

މިދިޔަ ހޮނިހިރު ދުވަހު ލަންކާގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ދިސާނަޔަކަ ގެންދަވަނީ ސަރުކާރު އެކުލަވާލުމުގެ މަސައްކަތް ވަރަށް ބާރު ދުވެލީގައި ކުރައްވަމުންނެވެ. އެގޮތުން އެގައުމުގެ ބޮޑުވަޒީރު ކަމަށް ދިސާނައިކަ މިއަދު ވަނީ ޑރ. ހަރިނީ އަމަރަސޫރިޔާ އައްޔަންކުރައްވާފައެވެ.

ޑރ. ހަރިނީ ،54، އަކީ ލަންކާގެ ތިންވަނަ އަންހެން ބޮޑުވަޒީރެވެ. މީގެ ކުރިން މި މަގާމު ފުރުއްވާފައިވަނީ ސިރީމާވޯ ބަންޑާރަނާއިކަ އާއި ޗަންދްރިކާ ބަންޑާރަނާއިކަ ކުމާރަތުންގާއެވެ. ސިރީމާވޯ ބަންޑާރަނައިކައަކީ މުޅި ދުނިޔޭގެ ވެސް ފުރަތަމަ އަންހެން ބޮޑުވަޒީރެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން