ޙިޒްބުﷲ ޖަމާޢަތުން މިއަދު (ހޮނިހިރު ދުވަހު) ނެރުނު ބަޔާނެއްގައި، އެ ޖަމާޢަތުގެ ސެކްރެޓަރީ ޖެނެރަލް ސައްޔިދު ޙަސަން ނަޞްރުﷲ އަވަހާރަވެއްޖެ ކަމަށް ވަނީ އިޢުލާނުކޮށްފައެވެ. އޭނާ އަވަހާރަވީ އިއްޔެެ (ހުކުރު ދުވަހު) ލުބުނާނުގެ ވެރިރަށް ބައިރޫތުގެ ދެކުނު ސަރަޙައްދަށް ނިރުބަވެރި އިސްރާއީލުން ދިން އުދުވާނީ ވައިގެ ހަމަލާއަކާ ގުޅިގެންނެވެ.

ޙަސަން ނަޞްރުﷲ އުފަންވެވަޑައިގަތީ 1960 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 31 ވަނަ ދުވަހު، ބައިރޫތުގެ އިރުމަތީ ފަރާތުގައި އޮންނަ މަތުން މަޑުލު (ޑިސްޓްރިކްޓް) ގެ ބުރުޖު ޙައްމޫދުގައެވެ. އޭނާއަކީ ޝިޢައީ މުސްލިމް ޢާއިލާއެއްގެ 10 ދަރިންގެ ތެރެއިން 9 ވަނަ ދަރިފުޅެވެ. އޭނާގެ ބައްޕަ، ޢަބްދުލްކަރީމް ނަޞްރުﷲ، އުފަންވެފައިވަނީ ދެކުނު ލުބުނާނުގެ ޖަބަލް ޢާމިލްގައި އޮންނަ، ޞޫރު ސިިޓީއާ ކައިރީގައިވާ ބަޒޫރިއްޔާގައެވެ. އޭނާގެ ބައްޕައަކީ މޭވާއާއި ތަރުކާރީ ވިއްކި މީހެކެވެ

ޙަސަން ނަޞްރުﷲގެ ޢާއިލާއަކީ އެހާ ދީންވެރި ޢާއިލާއެއް ނޫން ނަމަވެސް، ޙަސަންއަކީ ކުޑައިރުއްސުރެ ދީނީ ޢިލްމު އުނގެނުމަށް ވަރަށް ޝައުޤުވެރިކަން ހުރި ބޭފުޅެކެވެ. އޭނާ ފުރަތަމަ ތަޢުލީމު ޙާޞިލުކުރެއްވީ މަދުރަސަތުއްނަޖާޙުންނެވެ. އޭގެ ފަހުން، ކްރިސްޓިއަނުންގެ އާބާދީ ގިނަ ސަރަޙައްދެއް ކަމަށްވާ ސިން އަލްފީލްގައި ހުންނަ ސަރުކާރު ސްކޫލަކުން ކިޔަވާ ވިދާޅުވިއެވެ.

1975 ވަނަ އަހަރު، އޭނާގެ އުމުރުން 15 އަހަރުގައި، ލުބުނާނުގެ އަހުލީ ހަނގުރާމައިގެ ސަބަބުން އޭނާގެ ޢާއިލާއަށް އެމީހުންގެ ކާބަފައިންގެ ރަށް ކަމުގައިވާ ބާޒޫރިއްޔާއަށް އެނބުރި ދާން ޖެހުނެވެ. ޙަސަން ނަޞްރުﷲ، އޭނާގެ ސާނަވީ ތަޢުލީމު ފުރިހަމަކުރެއްވީ ޞޫރުގައި ހުންނަ ފިރިހެން ކުދިންގެ ސަރުކާރު ސްކޫލަކުންނެވެ. އޭގެފަހުން ޝިޢައީންގެ ސިޔާސީ ޖަމާޢަތެއް ކަމުގައިވާ ޢަމަލް ހަރަކާތުގައި ބައިވެރިވެވަޑައިގެން، އެ ހަރަކާތުގެ ބާޒޫރިއްޔާ ތަމްސީލުކުރާ މަންދޫބަކަށް ޢައްޔަންކުރެވުނެވެ.

ޞޫރުގެ އިމާމް ޖަޢުފަރުއްޞާދިޤު މިސްކިތުގެ އިމާމު ޝައިޚް މުޙައްމަދު އަލްޣަރަވީގެ އެހީތެރިކަމާއެކު، އުމުރުން އެންމެ 16 އަހަރުގައި، 1976 ވަނަ އަހަރު ޢިރާޤުގެ ނަޖަފްގައި ހުންނަ އާޔަތުﷲ އައްޞަދްރުގެ މަދަރުސާއިން ދީނީ ތަޢުލީމު އުނގެނިވަޑައިގަތެވެ. 1978 ވަނަ އަހަރު ޢިރާޤުގައި ތިބި ލުބުނާނުގެ ޝިޢައީ ދަރިވަރުން އެ ޤައުމުން ބޭރުކުރުން ފެށުނެވެ. މި ހާދިސާއާ ގުޅިގެން 1979 ވަނަ އަހަރު ޙަސަން ނަޞްރުﷲ އަށް ލުބުނާނަށް އެނބުރި ވަޑައިގަންނަވަން ޖެހިވަޑައިގަތެވެ. އެ ވަގުތު އޭނާ ވަނީ ކިޔެވުމުގެ ފުރަތަމަ ބައި ފުރިހަމަކުރައްވާފައެވެ. ޢިރާޤުގައި ހޭދަކުރެއްވި ދުވަސްވަރު އޭނާއާއި ޢަމަލް ޙަރަކާތުގެ ލީޑަރު ސައްޔިދު ޢައްބާސް އަލްމޫސަވީއާ ދެމެދު ވަރަށް ގާތް ރަޙްމަތްތެރިކަމެއް އުފެދުނެވެ. އަދި ފަހުން މި ދެ ބޭފުޅުން ޙިޒްބުﷲ އުފެއްދެވުމުގައި އެކުގައި މަސައްކަތް ކުރެއްވިއެވެ.

ސައްޔިދު ޙަސަން ނަޞްރުﷲ 1979 ވަނަ އަހަރު ލުބުނާނަށް އެނބުރި ވަޑައިގަތުމަށްފަހު، ބަޢަލަބައްކުގައި ސައްޔިދު ޢައްބާސް އަލްމޫސަވީ ހިންގެވި ދީނީ މަދަރުސާގައި ތަޢުލީމު ޙާޞިލުކުރެއްވިއެވެ. އޭގެފަހުން އެ މަދަރުސާގައި މުދައްރިސެއްގެ ގޮތުގައި ޚިދުމަތްކުރެއްވިއެވެ. ދެން ބިޤާޢު ސަރަޙައްދުގައި ޢަމަލް ހަރަކާތުގެ މަންދޫބުގެ ގޮތުގައި އައްޔަނުކުރެވި، އޭގެ ފަހުން އެ ޙަރަކާތުގެ މަރުކަޒީ ސިޔާސީ އޮފީހުގެ މެންބަރަކަށް އޭނާ ވެވަޑައިގަތެވެ.

ނަޞްރުﷲ ކައިވެނިބައްލަވައިގަތީ ފާޠިމާ ޔާސީނާއެވެ. މި ކައިވެނިން ހަތަރު ދަރިކަލުންނާއި ދަރިކަނބަލަކު ލިބިވަޑައިގަތެވެ. އެއީ މުޙައްމަދު ހާދީ، މުޙައްމަދު ޖާވިދު، ޒައިނަބު، މުޙައްމަދު ޢަލީ އަދި މުޙައްމަދު މަހްދީއެވެ. އެންމެ ދޮށީ ދަރިކަލުން މުޙައްމަދު ހާދީ ވަނީ 1997 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ޖަބަލް އައްރިފާޢީގައި ނިރުބަވެރި އިސްރާއީލު ސިފައިންނާ ދެކޮޅަށް ކުރެވުނު ހަނގުރާމައެއްގައި ނިޔާވެފައެވެ.

1982 ވަނަ އަހަރު އޭނާގެ ޢުމުރުން 22 އަހަރުގައި ޙިޒްބުﷲ އުފެއްދުމުގައި ޙަސަން ނަޞްރުﷲ ބައިވެރިވެވަޑައިގެން، އެ ޖަމާޢަތާ ގުޅިވަޑައިގަތެވެ. ނިރުބަވެރި ޒަޔަނިސްޓް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ޙިޒްބުﷲގެ ސެކްރެޓަރީ ޖެނެރަލް ސައްޔިދު ޢައްބާސް އަލްމޫސަވީ އަވަހާރަކޮށްލުމާ ގުޅިގެން، 1992 ވަނަ އަހަރުގެ ފެބްރުއަރީ 16 ވަނަ ދުވަހު ސައްޔިދު ޙަސަން ނަޞްރުﷲ އެ ޖަމާޢަތުގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަޤާމަށް ޢައްޔަނުކުރެވުނެވެ.

އޭނާގެ ވެރިކަމުގައި، ޙިޒްބުﷲ އިން އެމީހުންގެ ސިފައިންގެ ޤާބިލުކަން ތަރައްޤީކޮށް، ނިރުބަވެރި އިސްރާއީލަށް ވަރުގަދަ ހަމަލާތައް ދެވޭފަދަ ޒަމާނީ ހަތިޔާރުތައް ހޯދިއެވެ. އަދި އޭނާގެ ވެރިކަމުގެ ދަށުން، ޙިޒްބުﷲ ވަނީ ލުބުނާނުގެ ސިޔާސީ މައިދާނުގެ މުހިންމު ބައިވެރިއަކަށްވެ، އެކި ސަރުކާރުތަކާއި ބަރުލަމާނީ ކޮމިޓީތަކުގައި ބައިވެރިވެފައެވެ.

1982 ވަނަ އަހަރު ނިރުބަވެރި އިސްރާއީލުން ލުބުނާނަށް ހަމަލާދީ، ދެކުނު ލުބުނާން ޙިޞާރުކުރުމާ ގުޅިގެން، 1985 އާއި 2000 އާ ދެމެދު އޭނާ ވަނީ އިސްރާއީލާ ދެކޮޅަށް ގިނަގުނަ އަސްކަރީ ހަރަކާތްތައް ހިންގާފައެވެ. މިކަމުގެ ސަބަބުން ނިރުބަވެރި އިސްރާއީލުން ދެކުނު ލުބުނާނުން ފޭބިއެވެ. ނިރުބަވެރި އިސްރާއީލާ ދެކޮޅަށް މި ކާމިޔާބު ލިބުމަށްފަހު، ޙިޒްބުﷲގެ މަޤްބޫލުކަން ލުބުނާނާއި އިސްލާމީ ދުނިޔޭގައި އިތުރުވިއެވެ.

2004 ގައި، ޙަސަން ނަޞްރުﷲ ވަނީ ޙިޒްބުﷲ އާއި ނިރުބަވެރި އިސްރާއީލާ ދެމެދު ހިންގުނު ރަހީނުން ބަދަލުކުރުމުގެ ކަންކަމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. މީގެ ސަބަބުން ސަތޭކައަށްވުރެ ގިނަ ފަލަސްޠީނުގެ އަދި ލުބުނާނުގެ ރަހީނުން މިނިވަންކުރެވުނެވެ.

2006 ވަނަ އަހަރު ޙިޒްބުﷲ އިން އިސްރާއީލަށް ދިން ހަމަލާއަކާ ގުޅިގެން، އިސްރާއީލުން ލުބުނާނަށް ވަރުގަދަ ހަމަލާތަކެއް ދިނެވެ. މި ހަނގުރާމަ 34 ދުވަހަށް ދެމިގެންދިޔައެވެ. މި ހަނގުރާމަ ނިމުނީ އެކުވެރި ދައުލަތްތަކު (އދ) ގެ ސަލާމަތީ މަޖިލީހުގެ ނަންބަރު 1701 ވަނަ ޤަރާރާ އެކުގައެވެ.

ޙަސަން ނަޞްރުﷲގެ ޒަޢާމަތުގެ ދަށުން، ޙިޒްބުﷲ ވަނީ ލުބުނާނުގެ ސިޔާސީ އަދި އަސްކަރީ މައިދާނުގައި ނުފޫޒު ގަދަ ބާރަކަށް ވެފައެވެ. އޭނާގެ ހަރުދަނާ ވިސްނުމާއި ހުނަރުވެރި ޒަޢާމަތުގެ ސަބަބުން، ޙިޒްބުﷲ އަށް ވަނީ އިސްރާއީލާ ދެކޮޅަށް ކާމިޔާބީތަކެއް ހޯދި، ލުބުނާނުގެ ސިޔާސީ މަސްރަހުގައި މުހިންމު ދައުރެއް އަދާކުރެވިފައެވެ.

އެހެންނަމަވެސް، ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ބައެއް ފަރާތްތަކުން ޙިޒްބުﷲ އަކީ ނިރުބަވެރި ޖަމާޢަތެއްގެ ގޮތުގައި ސިފަކުރާއިރު، އެހެން ފަރާތްތަކުން އެ ޖަމާޢަތް ބަލަނީ ދިފާޢީ ހަރަކާތެއްގެ ގޮތުގައެވެ. މި ތަފާތު ނަޒަރިއްޔާތުގެ ސަބަބުން، ޙަސަން ނަޞްރުﷲ އާއި ޙިޒްބުﷲ އަކީ ބައިނަލްއަޤްވާމީ ސިޔާސީ މަސްރަހުގައި ޚިލާފު އުފެދިފައިވާ މައުޟޫޢަކަށް ވެފައިވެއެވެ.

ޙަސަން ނަޞްރުﷲ ވަނީ ނިރުބަވެރި އިސްރާއީލާ ދެކޮޅަށް ގެންގުޅުއްވި ހަރުކަށި ބަސްމަގާއި ކުރެއްވި އަސްކަރީ މަސައްކަތްތަކުގެ ސަބަބުން، ޢަރަބި އަދި އިސްލާމީ ދުނިޔޭގައި ފާހަގަކޮށްލެވޭ ލީޑަރަކަށް ވެވަޑައިގެންފައެވެ. އޭނާގެ ޒަޢާމަތުގެ ދަށުން ޙިޒްބުﷲ ވަނީ ލުބުނާނުގެ ސިޔާސީ، އިޖްތިމާޢީ އަދި އަސްކަރީ ދާއިރާތަކުގައި އިންކާރުކުރެވެން ނެތް މިންވަރަކަށް މުހިންމު ދައުރެއް އަދާކުރާ ފަރާތަކަށް ވެފައެވެ.

27 ސެޕްޓެމްބަރު 2024 ގައި، ނިރުބަވެރި އިސްރާއީލުން ބައިރޫތުގައި ހުރި ޙިޒްބުﷲ ގެ މަރުކަޒަކަށް އުދުވާނީ ވައިގެ ޙަމަލާއެއް ދީ ޙިޒްބުﷲ ގެ ސެކްރެޓަރީ ޖެނެރަލް ސައްޔިދު ޙަސަން ނަޞްރުﷲ އާއި ޕާޓީގެ އެހެން ބައެއް ލީޑަރުންތަކެއް އަވަހާރަކޮށްލިއެވެ.

ޙަސަން ނަޞްރުﷲ އަވަހާރަކޮށްލުމާ ގުޅިގެން ޙިޒްބުﷲ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "ޙަސަން ނަސްރުﷲ މަތިވެރި ﷲގެ ރުއްސެވުމާއެކު ޝަހީދުވެއްޖެއެވެ. އޭނާއަކީ ހިތްވަރުގަދަ، ޝުޖާޢަތްތެރި، ޙިކުމަތްތެރި، އަދި ވިސްނުންތެރި މުއުމިނު ޒަޢީމެކެވެ. އަދި ނަބީބޭކަލުންނާއި ޝަހީދުވި އިމާމުންގެ މަގުގައި، ކަރްބަލާގެ ނޫރާނީ އަދި ދެމިއޮންނަނިވި ޝަހީދުންގެ ގާފިލާއާ ގުޅިވަޑައިގެންފިއެވެ."


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން