މިހާރު ނޭޕާލަށް ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން 59 މީހުން މަރުވެއްޖެއެވެ.

ނޭޕާލްގެ ކަމާބެހޭ ފަރާތްތަކުން މައުލޫމާތު ދޭ ގޮތުގައި ބޯކޮށް ވާރޭވެހި، ފެންބޮޑުވެ މިހާތަނަށް 59 މީހަކު މަރުވެ، އެތައް ބަޔަކު ވަނީ ގެއްލިފައެވެ. އެގައުމުގެ އެކި ހިސާބުތަކުގައި ފެންބޮޑުވުމުގެ އިތުރުން ބިންގަނޑު ކަނޑައިގެން ގޮސް، މިހާތަނަށް 44 މީހަކު ގެއްލިގެން ރިޕޯޓު ކޮށްފައިވާ ކަމަށް ނޭޕާލުގެ ފުލުހުން ވަނީ ބުނެފައެވެ.

އާންމުކޮށް ދެކުނު އޭޝިއާގެ ގައުމުތަކަށް ޖޫން މަހާއި ސެޕްޓެމްބަރު މަހާ ދެމެދު ވިއްސާރާ މޫސުމާ ކުރިމަތިލާން ޖެހުނަސް، މޫސުމީ ބަދަލުތަކުގެ ސަބަބުން ކޮޅިގަނޑުގެ ބާރުގަދަވެ، އަވަސްވަމުންދާ ކަމަށް ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ.

ނޭޕާލް ފުލުހުންގެ ތަރުޖަމާނު ޑޭން ބަހާދުރް ކަރްކީ ބޭރުގެ މީޑިޔާ އަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ގޮސްގެން 200 އަށް ވުރެ ގިނަ ހާދިސާ ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެއާ އެކު މަރުވި މީހުންގެ އަދަދު އިތުރުވާނެ ކަމުގެ ބިރު ބޮޑުކަމަށް އޭނާ ވިދާޅުވި އެވެ.

ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ހާދިސާގައި ހާލުގައި ޖެހިފައިވާ މީހުން ސަލާމަތްކޮށް އެހީތެރިކަން ފޯރުކޮށްދޭން 3،000 އަށް ވުރެ ގިނަ އޮފިޝަލުން ހަރަކާތްތެރިވަމުން އަންނަ ކަމަށް ނޭޕާލްގެ ޑިޒާސްޓާ އޮތޯރިޓީގެ ތަރުޖަމާނު ބަސަންތަ އަދިކާރީ ވަނީ ވިދާޅުވެފަ އެވެ.

ބަސަންތަ އަދިކާރީ ވިދާޅުވި ގޮތުގައި، މީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަންގައި ހެލިކޮޕްޓަރާއި ގިނަ އަދަދެއްގެ ސްޕީޑް ބޯޓު އަންނަނީ ބޭނުންކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން