ނޭޕާލަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ގައުމުގެ މުހިންމު ގިނަ ތަންތަން ބަންދުކުރަން އެގައުމުގެ ސަރުކާރަށް މަޖުބޫރުވެއްޖެއެވެ.

ބޭރުގެ މީޑިޔާތަކުން ރިޕޯޓްކުރާ ގޮތުގައި ނޭޕާލަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އެގައުމުގެ ބައެއް ހިސާބުތަކުގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ވަނީ ކުރިމަތިވެފައެވެ. އަދި ރައްޔިތުންނަށް ބޭރަށް ނިކުމެއުޅެން ދަތިވެފައިވާއިރު ފެންބޮޑުވެފައިވާ ހިސާބުތަކުގައި މީހުން ތިބީ ގޭގޭގެ ފުރާޅުމަތިން ރައްކާތެރިކަން ހޯދާފައެވެ.

ބިންހެލުމުގެ ހާދިސާތައްވެސް ކުރިމަތިވަމުންދާއިރު މި ހާދިސާތަކުގައި ނޭޕާލުގެ 150 އެއްހާ މީހުން ވަނީ މަރުވެފައެވެ. އަދި މި ހާދިސާތަކުން ލިބިފައިވާ ގެއްލުމުން އަރައިގަތުމަށް ދުވަސް ނަގާނެ ކަމަށް ބެލެވޭއިރު އެގައުމުގެ ސަރުކާރުން ވަނީ ގިނަ އިދާރާތައް ބަންދުކުރަން ނިންމާފައެވެ.

އެގައުމުގެ ވެރިރަށް، ކަތުމަންޑޫގެ އެކި އަވަށްތަކަށް މިދިޔަ ހަފްތާއިން ފެށިގެން ބޯކޮށް ވާރޭވެހެމުންދާއިރު މި ހާދިސާގައި ފެންބޮޑުވެ ހިނގާބިނގާވެ އުޅުމަށް ވަނީ ދަތިވެފައެވެ. ކަތުމަންޑޫގެ ބައެއް ހިސާބުތަކަށް 322.2 އެމްއެމް (12.7 އިންޗި) އަށް ވާރޭ ވެހިފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

ނޭޕާލް ފުލުހުންގެ ތަރުޖަމާނު ޑޭން ބަހާދުރް ކަރްކީ ބޭރުގެ މީޑިޔާ އަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ގޮސްގެން 200 އަށް ވުރެ ގިނަ ހާދިސާ ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެއާ އެކު މަރުވި މީހުންގެ އަދަދު އިތުރުވާނެ ކަމުގެ ބިރު ބޮޑުކަމަށް އޭނާ ވިދާޅުވި އެވެ.

ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ހާދިސާގައި ހާލުގައި ޖެހިފައިވާ މީހުން ސަލާމަތްކޮށް އެހީތެރިކަން ފޯރުކޮށްދޭން 3،000 އަށް ވުރެ ގިނަ އޮފިޝަލުން ހަރަކާތްތެރިވަމުން އަންނަ ކަމަށް ނޭޕާލްގެ ޑިޒާސްޓާ އޮތޯރިޓީގެ ތަރުޖަމާނު ބަސަންތަ އަދިކާރީ ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން