އުސްފަސްގަނޑާ ދިމާއިން ކަނޑުގައި މަރުވެފައި އޮއްވާ އިއްޔެ ފެނުނު ހ. ވެލަސްފަރުގޭ، އިބްރާހިމް ޖައުހަރީ (62އ) އާބެހޭ އާ މައުލޫމާތެއް ފުލުހުން ހާމަކޮށްފި އެވެ.

ފުލުހުން ބުނީ ޖައުހަރީ މަރުވެފައި އޮއްވާ ފެނިގެން ފުލުހުންނަށް ރިޕޯޓްކުރީ އިއްޔެ ހަވީރު 17:06 ހާއިރު ކަމަށެވެ.

އަދި އެ ރިޕޯޓް ލިބުމާއެކު ފުލުުހުން ސީންއަށް ގޮސް ޖައުހަރީ އައިޖީއެމްއެޗަށް ގެންދިޔަ ކަމަށާއި އޭނާ ހޮސްޕޓަލަށް ގެންދިޔައިރުވެސް އޮތީ މަރުވެފައި ކަމަށެވެ.

ނަމަވެސް އޭނާ މަރުވި ގޮތާ ގުޅޭ އެއްވެސް މައުލޫމާތެއް ފުލުުހުން އިއްޔެ ހާމަނުކުރާތީ އެ ހާދިސާ ހިނގިގޮތެއް ސާފެއް ނުވެއެވެ.

ނަމަވެސް ފުލުހުން މިއަދު ބުނީ ޖައުހަރީ އެންމެ ފަހުން ފެނުނީ އިއްޔެ 15:04 އެހާކަންހާއިރު ކަމަށެވެ. އަދި އޭރު އޭނާ ބްރިޖު ކައިރިން މޫދަށް ފޭބީ މަސް ބާނަންކަމަށް ވެސް މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

އެހެންވެ ލަފާ ކުރެވޭ ގޮތުގައި ޖައުހަރީ މަރުވީ ގެނބިގެން ނެވެ.

އިއްޔެ ސްޓެލްކޯގެ އެމްޑީ ހުސެއިން ފަހުމީ ވިދާޅުވީ ޖައުހަރީ ސަލާމަތް ކުރަން ސްޓެލްކޯގެ މުވައްޒަފަކާއި ފުލުހުން ވެސް އުޅުނު ކަމަށެވެ. ނަމަވެސް އެކަން ކާމިޔާބުވާ ގޮތް ނުވި ކަމަށެވެ.

ފޮޓޯގްރާފަރެއްގެ ގޮތުގައި ޖައުފަރުގެ ނަމުން މަޝްހޫރު ޖައުހަރީއަކީ އެމްޑީޕީގެ އެކްޓިވިސްޓެއްގެ ގޮތުގައި އުޅުނު މީހެކެވެ. އަދި އެމްޑީޕީން އެކި ހަރަކާތްތަކުގައި ފޮޓޯ ނަގައި އުޅުނު މީހެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން