ފާއިތުވި 50 އަހަރުވެސް ފެންބޮޑު ނުވާވަރަށް ތައިލެންޑްގެ ޗިއަންގް މައި ގައި ފެންބޮޑުވެފައިވާކަމަށް އެގައުމުގެ މޫސުމާ ބެހޭ އިދާރާއާ ހަވާލަދީ ބޭރުގެ މީޑިޔާތަކުން ރިޕޯޓްކޮށްފިއެވެ.

ބޭރުގެ މީޑިޔާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ތައިލޭންޑަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އެންމެ ބޮޑަށް ފެންބޮޑުވެފައި ވަނީ ތައިލެންޑްގެ އުތުރުގެ ސިޓީއެއް ކަމަށްވާ ޗިއަންގް މައި ގައެވެ. ފެންބޮޑުވުމުގެ ސަބަބުން އެ ސިޓީއިން ތިން މީހަކު މަރުވެފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.

ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފަތުރުވެރިންގެ މަގުބޫލު މަންޒިލެއް ކަމަށްވާ ތައިލެންޑުގެ ޕިންގް ކޯރު ވެސް ވަނީ ބަންޑުން ޖަހާފައެވެ.

މީސް މީޑިޔާގައި މިހާރު ދައުރުވަމުންދާ ފޮޓޯތަކުން ހިނގާފައިދާ މީހުންގެ އުނަގަނޑާ ހަމައަށް ފެންގަނޑު އުފުލިފައިވާތަން ފެނެއެވެ. އަދި ކުޑަކުދިންނާއި މުސްކުޅިން ހިމެނޭގޮތަށް ހުރިހާ ރައްޔިތުންވެސް ފެންގަނޑުގެ ތެރެއިން ދަތުރުކުރަން ވަނީ މަޖުބޫރުވެފައެވެ.

ފެންބޮޑުވުމުގެ ސަބަބުން މި ސިޓީއަށް ގޮސް ތިބި ބައެއް ފަތުރުވެރިން ވަނީ ޓްރަކްތަކުގައި ސިޓީން ބޭރުވެފައެވެ. އަދި ބައެއް ފިހާރަތައް ބަންދުކުރަން މަޖުބޫރުވިއިރު، ސެންޓްރަލް ރޭލު ސްޓޭޝަންވެސް ވަނީ ފެންބޮޑުވުމުގެ ސަބަބުން ބަންދުކޮށްފައެވެ. އަދި ސިޓީ އަށް ދަތުރުކުރާ ރޭލު ދަތުރުތައް ވެސް ވަނީ މެދުކަނޑާލާފައެވެ.

ތައިލެންޑަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އެގައުމުގެ 76 ޕްރޮވިންސްގެ ތެރެއިން 20 ޕްރޮވިންސެއްގައި ފެންބޮޑުވެފައިވާ ކަމަށް އެގައުމުގެ ޑިޒާސްޓާ ޕްރިވެންޝަން އެންޑް މިޓިގޭޝަން ޑިޕާޓްމަންޓުން އާދީއްތަ ދުވަހު ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން