އެމެރިކާގެ ފްލޮރިޑާއަށް މިސްރާބުޖަހާފައިވާ ބާރުގަފަ ތޫފާން، ”ހަރިކޭން މިލްޓަން“ އާއެކު މިލިއަނަކަށް ވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ހިޖުރަކޮށްފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ފްލޮރިޑާއަށް މިހާރު މިސްރާބު ޖަހާފައިވާ ތޫފާނުގެ ނުރައްކާތެރިކަން ބޮޑު ކަމުން އޮފިޝަލުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލު ނުވާ ފަރާތްތައް މަރުވެދާނެކަމުގެ އިންޒާރުވެސް ދީފައެވެ.

މި ތޫފާނުގައި ފަސް ފޫޓަށްވުރެ މައްޗަށް ފެންގަނޑު އަރާނެކަމަށް ގަބޫލު ކުރެވޭތީ އެއް ފަންގިފިލާގެ ގެތަކުގައި ތިބޭ ފަރާތްތަކަށް މީގެ ނުރައްކާ އިންތިހާއަށް އޮތްކަމަށް ވަނީ ބުނެފައެވެ.

ތިން މިލިއަނަށް ވުރެ ގިނަ މީހުން ދިރިއުޅޭ ޓާމްޕާ މެޓްރޯޕޮލިޓަން އޭރިއާ އަށް މި ތޫފާނުގެ އަސަރު މިހާރު ކުރަމުންދާއިރު ފްލޮރިޑާގެ ހުޅަނގު އައްސޭރީގެ ބޮޑު ސަރަހައްދަކަށް މި ތޫފާން މިއަދުގެ ވަގުތެއްގައި އަރާނެ ކަމަށް ބެލެވެއެވެ.

އެމެރިކާގެ ނޭޝަނަލް ހަރިކޭން ސެންޓަރުން ބުނީ މިލްޓަންގެ ސަބަބުން އިންތިހާއަށް ފުރާނައަށް ނުރައްކާވާ ހާލަތެއް ކުރިމަތިވާނެ ކަމަށެވެ. ފްލޮރިޑާގެ ހުޅަނގު އައްސޭރިފަށާ ކައިރިވަމުން އަންނަ މި ތޫފާނަކީ ކެޓަގަރީ 4 ގެ ތޫފާނެކެވެ. ކުރީގެ މި ތޫފާނު ކެޓަގަރީ 5 ގައި އޮތް އިރު އެއް ދަރަޖަ ކުޑަވި ނަމަވެސް އަދިވެސް މިއީ އިންތިހާއަށް ބާރުގަދަ ތޫފާނެއް ކަމަށް މޫސުމާ ބެހޭ އިދާރާތަކުން މައުލޫމާތު ދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން