ކެޔޮޅުންނާއި ފަރުމަސްވެރިންގެ އެވޯޑަށް ކުރިމަތިލާން ހުޅުވާލައިިފި އެވެ.

ފިޝަރީޒް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ އެވޯޑް ދޭނީ މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ބާއްވާ ހާއްސަ ހަފްލާގައި ކަމަށެވެ. އަދި މިހާރު އެ އެވޯޑުތަަކަށް ނަން ހުށަހެޅޭނެ ކަަމަށްވެސް ބުނެފައި ވެއެވެ.

ތިން ދާއިރާއަކުން މަސްވެރިންނަށް އެވޯޑް ދޭ މި އެވޯޑުގައި ހޮވާނީ ޒުވާން ކެޔޮޅާއި ތަޖުރިބާކާރު ކެޔޮޅާއި އަދި ފަރުމަސްވެރިޔާ އެވެ.

އެގޮތުން ޒުވާން ކެޔޮޅުގެ އެވޯޑް ލިބޭނީ މިހާރުވެސް މަސްވެރިކަމުގައި އަމަލީގޮތުން އުޅޭ، އަދި މަސްވެރިކަން ފިޔަވައި، އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ 35 އަހަރުން ދަށުގެ ޒުވާނަކަށް ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ. އަދި ތަޖުރިބާކާރު ކެޔޮޅުގެ އެވޯޑް ދޭނީ މަސްވެރިކަމުގައި އަމަލީގޮތުން އުޅޭ، އަދި މަސްވެރިކަން ފިޔަވައި، އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ އެންމެ ތަޖުރިބާކާރު 35 އަހަރުން މަތީގެ ކެޔޮޅަށެވެ.

ފަރުމަސްވެރިޔާގެ އެވޯޑު ދޭނީ އާމްދަނީ ހޯދުމަށްކުރާ މައިގަނޑު މަސައްކަތަކަށް ފަރުމަހުގެ މަސްވެރިކަން ކުރާ ފަރުމަސްވެރިޔަކަށެވެ.

އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ ހަތަކާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން