އެމެރިކާގެ ފްލޮރިޑާއަށް އަރާފައިވާ ނުރައްކާތެރި ތޫފާން، މިލްޓަންގެ ސަބަބުން 2.5 މިލިއަން ގޭބިސީއާއި ވިޔަފާރި ހިންގާ ތަންތަނުގައި ކަރަންޓު ނެތް ކަމަށް ބޭރުގެ މީޑިޔާ ރިޕޯޓްތައް ބުނެފިއެވެ.

މި ތޫފާނުގެ ސަބަބުން ކުރަމުންދާ ވިއްސާރައިގައި ފްރޮރިޑާގެ އެކި ހިސާބުތަކުގައި ފެންބޮޑުވެ ގެއްލުންތަކެއްވެސް ލިބެމުންދާއިރު މީގެ ސަބަބުން ހިނގި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 16 އަށް އަރާފައިވާ ކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ.

ކެޓަގަރީ ތިނެއްގެ ތޫފާނެއްގެ ގޮތުގައި ފްލޮރިޑާ ގަލްފް ކޯސްޓަށް މިލްޓަން އެރީ މީގެ ދެ ހަފުތާ ކުރިން އެ ސްޓޭޓަށް އެރި ތޫފާން ހެލީންއިން އަރައިނުގަނެވިގެން އުޅެނިކޮށެވެ. މި ތޫފާނުގެ ސަބަބުން ފްލޮރިޑާ ހިމެނޭ ގޮތަށް އެމެރިކާގެ އިރުދެކުނު ސަރަހައްދުތަކުން 237 މީހުން މަރުވި ކަމަށް އޮފިޝަލުން ވަނީ ބުނެފަ އެވެ.

ފްލޮރިޑާގެ އޮފިޝަލުންނާ ހަވާލަދީ ބޭރުގެ މީޑިޔާ ތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ތޫފާނުގެ ސަބަބުން ސެއިންޓް ލޫސީ ކައުންޓީން ހަ މީހުން، ވޮލޫސިއާ ކައުންޓީން ހަތަރު މީހުން، ޕިނެލާސް ކައުންޓީން ދެ މީހުން އަދި ހިލްސްބަރޯ، ޕޮލްކް، އޮރެންޖް އަދި ސިޓްރަސް ކައުންޓީން އެކަކު ވަނީ މަރުވެފައެވެ.

މި ތޫފާނާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ފްލޮރިޑާގެ ގަވަރުނަރު ރޮން ޑިސަންޓިސް ވިދާޅުވީ މި ތޫފާނަކީ ވަރަށް ބޮޑު ތޫފާނެއް ކަމަށާއި ނަމަވެސް މި ތޫފާނުގެ ސަބަބުން އެންމެ ގޯސް ހާލަތަކަށް އަދި ނުދާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން