މާފުށީ ބަނދަރު ތަރައްޤީ ކުރުން
މާފުށީ ބަނދަރު ތަރައްޤީ ކުރުން
ކ. މާފުށީ ބަނދަރު ތަރައްޤީކުރުމުގެ މުޅި މަޝްރޫޢުގެ 50 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

ރައީސް ޞާލިޙްގެ ސަރުކާރުން އެމްޓީސީސީއާ ޙަވާލު ކޮށްފައިވާ މި މަސައްކަތުގެ އަދާހަމަ މީޑިއާއަށް ހާމަކުރަމުން އެ ކުންފުނިން ބުނެފައިވަނީ ކ. މާފުށި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގައި އެއްގަމު ތޮށީގެ ކޮންކްރީޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.

އޭގެއިތުރުން، ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 76 އިންސައްތަ މިހާރު ވަނީ ފުރިހަމަކުރެވިފައި ކަމަށް އެމްޓީސީސީން ހާމަކޮށްފައިވެއެވެ.

22 މެއި 2023 ވަނަ ދުވަހު ޢަމަލީ މަސައްކަތް ފަށާފައިވާ މި މަޝްރޫޢުގެ ދަށުން، 63711 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 28836 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 4414 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމަށް ހަމަޖެހިފައިވެއެވެ.

ހަމައެއާއެކު 31 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 680 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 700 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއި، 374 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 160 މީޓަރު ދިގު 2 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމާއި، 19 މީޓަރު ދިގު 3 މީޓަރު ފުޅާ ބްރިޖެއް ހެދުން ހިމެނޭކަމަށް އެމްޓީސީސީން މަޢުލޫމާތު ދެއެވެ.

އޭގެއިތުރުން، 1869 އަކަމީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ކުރާނެއެވެ. މިއީ 76.48 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ޙަވާލުކޮށްފައިވާ މަޝްރޫޢެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން