ނިއުރޭޑިއަންޓު މިހާރު ވެއްޓިފައިވާ ވަޅުގަނޑުން ނަގައި ކޮޅަށް ޖަހަން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެކަމުގައި ފޯރިއާއެކު ކުރިއަށްދާން އާ ބޯޑެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާކަމަށް ރަސް އޮންލައިނަށް މައުލޫމާތު ލިބިއްޖެއެވެ.

ނިއުގެ އޮފިޝަލަކު ނަންނުޖެހުމަށް ޝަރުތުކޮށް ވިދާޅުވީ، މި ވަގުތު ދެވަނަ ޑިވިޝަނުގައި އޮތް، ރާއްޖޭގެ އެންމެ ކާމިޔާބު އަދި އެންމެ ސަޕޯޓަރުން ގިނަ ކްލަބުގެ ޗެއާމަންކަމުން، އަހުމަދު ވާސިފް އިސްތިއުފާ ދެއްވުމުން ހުސްވެފައިވާ އެ މަގާމަށް މީހަކު ހޮވުމަށާއި ބޯޑަށް ބޮޑެތި ބަދަލުތަކެއް ގެނެސް މި މަހު އިންތިހާބު ބާއްވަން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެގޮތުން އަލަށް އެކުލަވާލާ ބޯޑުގައި ވައިސް ޗެއަރމަނުންގެ ގޮތުގައި ދެ މެންބަރުން ހިމަނަން މަޝްވަރާތައް ކުރެވެމުންދާކަމަށާއި އޭގެތެރެއިން އެއް މަގާމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި މިހާރު ވެސް ނިއުގެ މެނޭޖަރުގެ މަގާމުގައި ހުންނެވި ޢަލީ އިބްރާހީމް (ކައްޕި) ވާދަކުރައްވަން ނިންމަވާފައިވާކަމަށް ނިއުގެ އޮފިޝަލް ވަނީ މައުލޫމާތު ދެއްވާފައެވެ.

އޮފިޝަލް ވިދާޅުވީ، އަލަށް އެކުލަވާލެވޭ ބޯޑުގައި ޗެއަރމަނެއްގެ ގޮތުގައި ނުކުންނެވުން އެންމެ ގާތީ ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ނިއުގެ ސަޕޯޓަރު އަހުމަދު މުބީނެވެ.

އަދި އާ ބޯޑާއިއެކު ނިއުރޭޑިއަންޓްގެ ހިންގުން ހަރުދަނާކޮށް ކުލަބު ދަރަނިން ސަލާމަތްކޮށް ފުރަތަމަ ޑިވިޝަނުގައި ކުޅޭ ޓީމަކަށް ނިއު ހެދުމަށް މިފަހަރު ބޯޑަށް ވާދަކުރައްވާ ބޭފުޅުން ތިއްބެވީ ތައްޔާރަށް ކަމަށް ވެސް އޮފިޝަލް ވަނީ ވިދާޅުވެފައެވެ.

ނިއު ދެވަނަ ޑިވިޝަނަށް ވެއްޓުނީ، އެ ކްލަބުން ކުޅުންތެރިންނަށް މުސާރަ ނުދޭ ކަމަށް ބުނެ އެފްއޭއެމުން 2019 ވަނަ އަހަރުގެ ކުރީކޮޅު ކްލަބް ސަސްޕެންޑް ކުރުމުންނެވެ. އެކަމަކު، ނިއު އިން އޭރު ވެސް ބުނަމުން އައީ މުސާރަ ނުދޭ އެތައް ކްލަބެއްގެ މައްސަލަ އޮއްވައި އެ ކްލަބަށް އަދަބު ދިނީ، އެފްއޭއެމްގެ އޭރުގެ ރައީސް ބައްސާމް އަދީލް ޖަލީލާއި އެކްސްކޯގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ޕެޓިޝަނެއް ހެދުމުން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން