އޭއެފްސީ އޭޝިއަން ކަޕުގެ ކޮލިފިކޭޝަންގެ މެޗުތައް ކުޅުމަށް ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު ޗައިނާއަށް ފުރައިފިއެވެ.

މި މަހުގެ 19 އިން 27 އަށް ޗައިނާގެ ޑައިލާންގައި ކުޅުމަށް ހަމަޖެހިފައިވާ މި މެޗުތަކަށް ރާއްޖޭގެ ޒުވާން ޓީމު ފުރާފައިވަނީ އިއްޔެ ހަވީރުއެވެ. މި ފަހަރު ކޮލިފައިންގައި ޖުމްލަ 47 ގައުމެއް ވާދަކުރެއެވެ.

ރާއްޖެ ހިމެނެނީ މި ފަހަރު ކޮލިފައިންގައި ގްރޫޕް ސީގައެވެ. މި ގުރޫޕުގައި ރާއްޖެއާއެކު ސަރަހައްދުގެ ވަރުގަދަ ދެ ޓީމު ކަމުގައިވާ ޗައިނާ އާއި ދެކުނު ކޮރެއާ ހިމެނޭއިރު މި ގުރޫޕުގައި ދެން ހިމެނެނީ މެދުއިރުމަތީގެ ބަހްރެއިން އާއި ދެކުނު އޭޝިއާ ސަރަހައްދުގައި މި ފަހަކަށް އައިސް ބޮޑު ކުރިއެރުމެއް ހޯދަމުން އަންނަ ބޫޓާނެވެ.

މި މުބާރާތުގެ ގުރުނެގުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ޖޫން މަހުގެ 13 ވަނަ ދުވަހު މެލޭޝިއާގެ ވެރިރަށް ކުއަލަ ލަމްޕޫރުގައެވެ. މިފަހަރު ގުރުނެގުން ބާއްވާފައި ވަނީ މިދިޔަ އަހަރު ބޭއްވި 17 އަހަރުން ދަށުގެ އޭއެފްސީ މުބާރާތުގެ ނަތީޖާއަށް ބެލުމަށްފަހުއެވެ.

މިފަހަރުގެ މުބާރާތުގައި ތިން ގުރޫޕެއްގައި ފަސް ޓީމު ހިމެނޭއިރު, ބާކީ ގުރޫޕްތަކުގައި ޖުމްލަ ހަތަރު ޓީމު ހިމެނެއެވެ. ކޮންމެ ގުރޫޕަކުން އެއްވަނައަށް އަންނަ ގައުމު މުބާރާތަށް ކޮލިފައިވާއިރު، ގުރޫޕުގެ ދެވަނައިގައި އެންމެ ރަނގަޅު ނަތީޖާ ހޯދާ ފަސް ގައުމެއް ވެސް މުބާރާތަށް ކޮލިފައިވާނެއެވެ.

މުބާރާތުގެ ކޮލިފައިންގައި ރާއްޖެއިން ކުޅޭ ފުރަތަމަ މެޗުގައި މި މަހުގެ 19 ވަނަ ދުވަހު ވާދަކުރާނީ ބޫޓާނާއެވެ. އަދި ދެވަނަ މެޗުގައި މި މަހުގެ 21 ވަނަ ދުވަހު ރާއްޖެ ނުކުންނާނީ ބަހްރެއިނާ ދެކޮޅަށެވެ. ގުރޫޕްގެ ފަހު ދެ މެޗުގައި ރާއްޖެއިން ޗައިނާ އާއި ދެކުނު ކޮރެއާ ދެކޮޅަށް ކުޅޭއިރު، ދެކުނު ކޮރެއާ މެޗު އޮންނާނީ މި މަހުގެ 23 ވަނަ ދުވަހެވެ. އަދި ރާއްޖޭގެ ފަހު މެޗުގައި ޗައިނާއާ ދެކޮޅަށް ނުކުންނާނީ މި މަހުގެ 25 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން